ހިޔުމަން ޓްރެފިކިންއާ ދެކޮޅަށް މަސައްކަތް ކުރާ ކޮމެޓީ ކުޑަކުރަން ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބިލެއް ތަސްދީގު ކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސް ކުރީ، 18 މާރިޗު 2020 ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 22 ވަނަ ޖަލްސާގައެވެ. އެ އިސްލާހު ހުށަހަޅުއްވީ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދެވެ.

އެ ބިލުގައި އިސްލާހު ހުށަހަޅާފައި ވަނީ މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) އަށެވެ. ބިލުގެ 60 ވަނަ މާއްދާގެ (ށ)ގައި ވަނީ ޓެރެފިކިންއާ ދެކޮޅަށް މަސައްކަތްކޮށް އެކަމާ ގުޅޭ ކަންކަން ވިލަރެސްކުރާ ކޮމެޓީ އެކުލެވިގެންވާގޮތެވެ.

މީގެ ކުރިން އެ އެ ގާނޫނުގައި އޮންނަ ގޮތުން އެ ކޮމިޓީގައި ހިމެނޭނީ އެކި ދާއިރާތަކުން އައްޔަން ކުރެވޭ 14 މެމްބަރުންނެވެ. އެހެން ނަމަވެސް އެއް ވަނަ އިސްލާހުން ވަނީ އެ އަދަދު 10އަށް ކުޑަކޮށް، އެ ދިހަ ދާއިރާ ބަޔާންކޮށްފައެވެ.

މި އިސްލާހާއެކު ހިޔުމަން ޓްރެފިކިން ހުއްޓުވުމަށް ކުރާ މަސައްކަތްތައް ވިލަރެސްކުރާ ކޮމެޓީގައި ހިމެނޭނީ އެންޓި ޓްރެފިކިންގެ ކަންތައް ބަލަހައްޓާ މިނިސްޓްރީގެ މުވައްޒަފަކާއި، އެޓާނީ ޖެނެރަލްގެ އޮފީހުގެ ވަކީލެއްގެ އިތުރުން ޕީޖީ އޮފީހުގެ ވަކީލަކާއި އިމިގްރޭޝަނުގެ މުވައްޒަފަކާއި ފުލުހުންގެ މުވައްސަސާ ތަމްސީލުކުރާނެ ފަރާތެއް އަދި ކަސްޓަމްސްގެ މުވައްޒަފެއްގެ އިތުރުން ލޭބާ ރިލޭޝަންސްގެ މުވައްޒަފަކާއި ހޯމް މިނިސްޓްރީގެ މުވައްޒަފަކާއި ހިޔުމަންޓްރެފިކިން ހުއްޓުވުމަށް މަސައްކަތްކުރާ އަމިއްލަަ ޖަމްއިއްޔާއެއްގެ މެންބަރެއްގެ އިތުރުން ޖެންޑާ މިނިސްޓްރީ އިން ކަނޑައަޅާ އެ މިނިސްޓްރީގެ މުވައްޒަފެކެވެ.

މި ބިލު ތަސްދީގު ކުރުމާ އެކު މިއަދުން ފެށިގެން އެ 10 މެމްބަރުންގެ ކޮމިޓީ އެކުލަވާލަން ޖެހޭނެ ކަމަށްވެސް އިސްލާހުގައިވެއެވެ. އާ ކޮމިޓީ އެކުލަވާލަންދެން މިހާރުގެ ކޮމިޓީ ދެމިއޮންނާނެ އެވެ.

comment ކޮމެންޓް