ޔޫކޭއިން އައި އިތުރު ދިވެއްސަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

މާޗް 25، 2020: ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވޭ މީހަކު މާލެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިތުރު ދިވެއްސަކު ކޮރޯނާވައިރަސް، ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ، މިފަހަރު ވެސް ކޮރޯނާވައިރަހަށް ޕޮޒިޓިވްވީ، އިނގިރޭސިވިލާތުން އެނބުރި އައުމުން، ރޯޔަލް އައިލެންޑް ރިސޯޓްގައި ކަރަންޓީނުކޮށްފައިވާ ދިވެއްސެއް ކަމަށެވެ.

މިއީ ކޮރޯނާވައިރަހަށް ޕޮޒިޓިވް ދެވަނަ ދިވެހި މީހާ އެވެ.

މި މަހުގެ 22 ވަނަ ދުވަހު އިނގިރޭސިވިލާތުން އެނބުރި ރާއްޖެ އައުމުން ހޮލިޑޭ އައިލެންޑް ރިސޯޓްގައި ކަރަންޓީނުކޮށްފައި ހުރި އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އެއީ، އެ ބަލި ޖެހުނު ފުރަތަމަ ދިވެހި މީހާ އެވެ.

އެޗްޕީއޭއިން ހަމަޖައްސާފައި ވަނީ ރާއްޖެ އަންނަ ޓޫރިސްޓުން ފިޔަވާ އެހެން ހުރިހާ ފަރާތްތައް ސަރުކާރުން ކަނޑައަޅާ ކަރަންޓީނު މަރުކަޒެއްގައި 14 ދުވަހުގެ މުއްދަތަކަށް ބެހެއްޓުމަށެވެ.

މިއަދު ޕޮޒިޓިވްވި ދިވެހި މީހާއާ އެކު މިހާތަނަށް ރާއްޖެއިން ވަނީ، 17 މީހަކު އެ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން، 11 މީހަކު މިހާތަނަށް ވަނީ ބަލިން ރަނގަޅުވެފަ އެވެ. އަދި ހަ މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.

comment ކޮމެންޓް