އައްޑޫގެ ފިހާރަތައް ރޭގަނޑު ބަންދުކުރަން ނިންމީ އެޗްޕީއޭގެ މަޝްވަރާ ނުހޯދާ: މަބުރޫކް

އައްޑޫ ސިޓީ ކައުންސިލް އިދާރާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާވައިރަސް، ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އައްޑޫ ސިޓީގައި ސިއްހީ ހިދުމަތްދޭ ކްލިނިކްތަކާއި ބޭސްފިހާރަތައް ފިޔަވައި އާންމު ހިދުމަތް ދޭ ތަންތަނުން ރޭގަނޑު ހިދުމަތް ނުދިނުމަށް ސިޓީ ކައުންސިލުން ނިންމީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާ މަޝްވަރާ ނުކޮށް ކަމަށް ސަރުކާރުން ބުނެފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ނެރުނު އިއުލާނުގައި ބުނީ، މިއަދު އިރުއޮއްސި 6:00 ގެ ފަހުން އެތަންތަނުގެ ހިދުމަތް ދޭންވާނީ ކޮންމެ ދުވަހަކު ހެނދުނު 6:00 އިން އިރުއޮއްސި 6:00 އަށް ކަމަށެވެ. މިއާއެކު އިރުއޮއްސި 6:00 ގެ ފަހުން އެތަންތަން ބަންދުކުރަން ޖެހޭނެ އެވެ. އަދި ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަނުން ޑެލިވަރީގެ ހިދުމަތް ފޯރޮކޮށްދޭން ބޭނުންވާނަމަ، އަވަށު އޮފީހުން ހުއްދަ ހޯދުމަށްފަހު، ހަވީރު 6:00 އިން ރޭގަނޑު 10:00 އަށް ޑެލިވަރީގެ ހިދުމަތް ފޯރޮކޮށްދެވޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

މިއަދު މެންދުރުފަހު، ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސަރުކާރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދަޅުވީ، އެ އެންގުމުގެ ސައްހަކަމާ މެދު އެއްޗެއް ބުނަން މިވަގުތު ބޭނުން ނޫން ކަމަށާއި ނަމަވެސް އެކަމަކީ އެޗްޕީއޭއާ މަޝްވަރާ ކުރެވިގެން ނިންމާފައިވާ ނިންމުމެއް ނޫން ކަމަށެވެ.

"އެޗްޕީއޭ [ނުވަތަ]، ސިއްހީ މާހިރުން ކަންކުރަން އަންގާގޮތަށް ކަންކުުރުމަށް އެލްޖީއޭ އިން ވަނީ އަންގާފައި. މަޝްވަރާ ކުރެވިގެން ނިންމި ކަމެއް ނޫން އެއީ،" މަބްރޫކު ވިދާޅުވި އެވެ.

ބައެއް ރައްތަކަށް މީހުން އަރާ ފޭބުން އެރަށްތަކުގެ ކައުންސިލުން މަނާ ކުރުމާ ގުޅިގެން ލޯކަލްގަވަމަންޓު އޮތޯރިޓީ (އެލްޖީއޭ) އިން މިމަހު 15 ވަނަ ދުވަހު ނެރުނު ނޫސްބަޔާނުގައި ބުނީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން އެފަދަ ފިޔަވަޅުތައް އެޅުމަކީ އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން ޑިރެކްޓާ އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ބާރެއް ކަމަށެވެ.

އެހެން ކަމުން އެފަދަ އެއްވެސް ނިންމުމެއް ކައުންސިލްތަކުން އަމިއްލައަށް ނުނިންމުމަށް އެލްޖީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

comment ކޮމެންޓް