ރާއްޖޭގައި ތިބި އިނގިރޭސި ޓޫރިސްޓުން އަނބުރާ ގައުމަށް ދިޔުމަށް ބާރު އަޅަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ތިބި ޓޫރިސްޓުންތަކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ތިބި އިނގިރޭސި ފަތުރުވެރިން އަނބުރާ ގައުމަށް ދިޔުމަށް ރާއްޖޭގައި ހުންނަ ބްރިޓިޝް ހައި ކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.

އިނގިރޭސި ހައި ކޮމިޝަނުން ބުނި ގޮތުގައި އެ ޓްރެވެލް އެޑްވައިޒަރީ ނެރެފައި ވަނީ ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހާ ގުޅިގެން ބައެއް ގައުމުތަކުން ދަތުރުފަތުރު ހުއްޓުވާ ބޯޑަރުތައް ބަންދު ކުރަމުން ދާތީ އެވެ. އެގޮތުން ގިނަ އެއާލައިންތަކުން ފްލައިޓުތައް ކެންސަލްކޮށް ގިނަ އެއާޕޯޓުތައް ބަންދު ކުރަމުންދާ އިރު، ކުރިން އެންގުމަކާ ނުލައި ކޮންމެ ގައުމަކުންވެސް ދަތުރުފަތުރަށް ހުރަސް އަޅާފާނެ ކަމަށް އެ އެޑްވައިޒަރީގައިވެ އެވެ.

އޭގެ ސަބަބުން އިނގިރޭސި ފޮރިން އެންޑް ކޮމަންވެލްތު އޮފިސް (އެފްސީއޯ)އިން ވަނީ އިނގިރޭސި ރައްޔިތުން ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ފިޔަވާ އެހެން ދަތުރުތައް ނުކުރުމަށް އެދިފަ އެވެ. އަދި އިނގިރޭސިވިލާތުގައި ދިރިއުޅޭ މީހަކު މިވަގުތު ގައުމުން ބޭރުގައި ހުރި ނަމަ، ވީހާވެސް އަވަހަކަށް އަނބުރާ ގައުމަށް ދިޔުމަށް އިލްތިމާސްކޮށްފަ އެވެ.

މީގެ އިތުރުން، އިނގިރޭސި ރައްޔިތުންނަށް ރާއްޖެއިން ފުރައިގެން ދިޔުމަށް ދަތުރު ކުރެވޭނެ އެއާލައިންތަކުގެ ތެރޭގައި ގަތަރު އެއާވޭސް އާއި ބްރިޓިޝް އެއާވޭސް އާއި ރަޝިއާގެ އެއިރޯފްލޮޓް އާއި ސުވިޒަލޭންޑުގެ އެޑެލްވެއިސް ހިމެނޭ ކަމަށް ބްރިޓިޝް ހައި ކޮމިޝަނުން ބުންޏެވެ.

މިމަހުގެ ހަތެއްގައި ރާއްޖެއިން ކޮރޯނާވައިރަސް ފެނުނު ފަހުން ރާއްޖެއިން 13 ބިދޭސީއަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތުގެ މީހެއްވެސް ހިމެނެ އެވެ. އަދި ވައިރަހަށް ޕޮޒިޓިވްވި ފަސް މީހަކު ވަނީ މިހާރު ރަނގަޅުވެފަ އެވެ.

ރާއްޖޭގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް މިހާތަނަށް ހަ ގައުމަކާއި ތިން ގައުމެއްގެ ބައެއް ސަރަހައްދުތަކުން ރާއްޖެއަށް މީހުން އައުން މަނާކޮށްފައިވާ އިރު އޭގެ ތެރޭގައި އިނގިރޭސިވިލާތްވެސް ހިމެނެ އެވެ. އިނގިރޭސިވިލާތުން މީހުން އައުން މަނާ ކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެންނެވެ.

އިނގިރޭސިވިލާތުގައި މިހާތަނަށް 8،000އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެ، އޭގެ ސަބަބުން 423 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް