ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ ފައިނަލް ފަސްކޮށްފި

ޔޫރޮޕާ ލީގުގެ މެޗެއްގެ ތެރެއިން --- ފޮޓޯ : އިންޑިޕެންޑެންޓް

ޗެމްޕިއަންސް ލީގުގެ އަންހެން އަދި ފިރިހެން ބައިގެ ފައިނަލް މެޗާއި ޔޫރޮޕާ ލީގުގެ ފައިނަލް މެޗު ފަސް ކުރުމަށް ޔުއެފާ އިން ނިންމައިފި އެވެ.

މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް އާ ގުޅިގެން ތިން މެޗު ވެސް ފަސްކުރުމަށް ނިންމާފައިވާ އިރު އެ މެޗުތައް އަލުން ބާއްވާނެ ތާރީހެއް ހާމަކޮށްފައެއް ނުވެ އެވެ. އެހެންނަމަވެސް ފަހުގެ ތާރީހެއްގައި އެ ދުވަސްތައް އިއުލާނު ކުރާނެ ކަމަށް ޔުއެފާ އިން ވަނީ ބުނެފަ އެވެ.

ފިރިހެނުންގެ ޗެމްޕިއަންސް ލީގު ހޯސްޓުކުރުމަށް ހަމަޖެހިފައި ވަނީ އިސްތާންބުލްގަ އެވެ. އެ މެޗު ކުޅުމަށް ކުރީން ރާވާފައި ވަނީ މިއަންނަ މެއި މަހުގެ 30 އަށެވެ. އަދި ޔޫރޮޕާ ލީގުގެ ފައިނަލް މެޗު މެއި މަހުގެ 27ގައި ކުޅުމަށް ހަމަޖައްސާފައި އޮތީ ޑަންސްކް ގައެވެ.

"ޔުއެފާ އިން ވަނީ ރަސްމީކޮށް އެ މެޗުތައް ފަސްކުރުމަށް ނިންމާފައި. މި މެޗުތަކަކީ މިއަހަރުގެ މެއި މަހަށް ފުރަތަމަ ތާވަލުކޮށްފައިވާ މެޗުތަކެއް،" ޔުއެފާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ބޮޑެތި ކުޅިވަރުގެ އިވެންޓުތައް ދަނީ ކެންސަލުކޮށް ނުވަތަ ފަސްކުރަމުންނެވެ. އެގޮތުން ޕްރިމިއާ ލީގުގެ މެޗުތައް ވެސް ވަނީ އޭޕްރިލް ހަތަރެއްގެ ނިޔަލަށް ފަސް ކޮށްފަ އެވެ. އަދި ހާލަތަށް ރިއާޔަތްކޮށް އެ މުއްދަތު ފަސްވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ވަނީ ބުނެފަ އެވެ.

comment ކޮމެންޓް