މާޒިން އާދައިގެ މަތިން މޫނު ބުރުގާ އެޅިކުއްޖާގެ ފަހަތުން އަޅުވައިލީ އެކުއްޖާއަށް ޝައްކެއްވެސް ނުވާހާ ދުރުގައި ހުރެގެންނެވެ.

"މިހާ އަޅުވެރިކުދިން މިގަޑީގައި އެކަނި ހިނގަން ބިރެއްވެސް ނުގަންނަނީތަ؟ އެހެންވެސް ވާނެތާ ބިރެއް ޖެހިލުމެއްނެތި ފިރިހެނުންގެ ގައިގާ ތަޅައިގަނެ އަދި ބަރުއަޑުން ވާހަކަދައްކަން ޕްރެކްޓިސްކޮށްގެން ވިއްޔަ...." މާޒިން ހިތާހިތުން ކިޔާލައިފިއެވެ. "ރަގަޅުކަަމަށް ހެދިގެން ބުރުގާ ލައިގެން ކޮންމެފަދަ ނުބައިކަމެއްވެސް ކޮށްފާނެކަން ނޭގޭ. ފަހަރެއްގައި ޓެރަރިސްޓުންގެ ހާއްޔެއްގެ ރާނީއެއް ކަން ނޭގޭ....."

މާޒިން ރަގަޅަށް ވިސްނާލުމުން އެނގުނީ މިއީ އާލިއާ ނޫންކަމެެވެ. ބޮޑު ހެދުމެެއްގެ ނިވަލުގައި ހުއްޓަސް މިކުއްޖާގެ އިސްކޮޅުން ކުރުވެފައި ފަލަކަން އެނގުމުން ޝައުގު ގެއްލުނެެވެ. އާލިއާކަމަށް ހީކޮށް މަލްހާގެ ފަހަތުން އުޅެވުނު ދުވަސް ހަދާންވެފައި ހިނި އަންނަގޮތްވެއެވެ. ފަހަރެއްގައި މިކުއްޖާވެސް ސަލާމަތަށް އެދި ހަށިފާރަވެރިޔާ އާލިއާއަށް ގުޅާފާނެކަންނޭގެއެވެ. ޖެއްސުމެއްކޮށްލާނީއެވެ. މާޒިން އެކަހަލަ ޚިޔާލެއްގައި ހުރެ ހިނގުން އަވަސްކޮށްލައިފިއެވެ. އެކުއްޖާއާއި އަރާ ހަމަވިތަނާ ޝޮކެއް ލިބުނެވެ. އެކުއްޖާ ވަންނަން ދިޔައީ މީރާގެ ގެއަށެވެ. މަންސޫރުގެ ގެއަށެވެ. އެގޭގައި ކުއްޔަށް ދޭ ބަޔެއްވެސް ނުހުންނާނެއެވެ. އަމިއްލަ ގެ ފަދައިން ކާޑު ޖަހާފައި އެވަނީއެވެ. މިއީ މިންކާ ހެއްޔެވެ؟

"އޭ މިންކާ. ކީއްވެ ކަޅު ހެދުން ލާފައި؟ " މާޒިން ނިކަން ހަމަޖެހިލާފައި މިންކާގެ އަތުގައި ބާރަކަށް ހިފަހައްޓާލުމުން ތަދުވެގެން ހަޅޭއްލަވައިގަނެވިއްޖެއެވެ. މިންކާގެ ތޫނު އަޑެވެ.

"ހަހަ އިޓްސް ޔޫ....." މާޒިން ފަހަތުން ގެއަށް ވަނެވެ.

"ޕްލީޒް އެއްވެސް މީހެއްގެ ގާތު ނުބުނައްޗޭ...."

"އަހަރެން ދެކުނިން އާލިއާމެންގެ ގެއިން ނުކުތްތަން. މިހަރު ހަދަންވެއްޖެ އިނގޭ ތީ ރެގިއުލާ ވިޒިޓާއެއްނު. އެގެއަށް ދާތަން ފެނޭ އެކަމަކު އޭރު މިންކާކަަމަށް ހިޔެއް ނުކުރަން....." މާޒިން ޖިންސްގެ ޖީބަށް އަތް ޖަހާލައިފިއެވެ. ބުމަ އަރުވާލައިގެން ހުރީ މިންކާގެ ފަރާތުން ގަބޫލުކުރެވޭފަދަ ބަހަނާއެއް އެހުމުގެ އިންތިޒާރުގައެވެ. މިންކާ މޫނު ބުރުގާނެގިއެވެ. ހުރިތަ ހުރެ ކަޅުހެދުން ބޭލުމަށްފަހު ފަށްޖަހާލައިގެން ދަބަސްތެރެއަށް ކޮށްޕާލަން އިރުކޮޅެއްނެގިއެވެ.

"މުޅީ ރާއްޖެވެސް ތި ދަބަހަށް ލެވޭނެދޯ...." މާޒިންގެ އެ ޖުމްލައިން މިންކާ އައީ ރުޅިއެވެ. އޭނައަށް އެ ޖުމްލަވެސް އިވުނީ ޖެއްސުމެއްގެ ގޮތުގައެވެ.

"މަޒިންއަކާ ބެހޭކަމެއް ނޫނެއްނު...މަށަކީ މީރާއެއްނޫން.. ހޫމް ދެން ފެނުނީތީ ބުނެފާނަން. އެގޭގައި ސައިކޮލޮޖިސްޓެއް ހުރޭ. ހިތާމަތަކުން އަރައިގަންނަން ސެޝަންތަކަކަށްދަނީ. އެކަމާވެސް މާޒިންއަކާ ނުބެހެވޭނެ އިނގޭ...." މިންކާ ރުޅިއައިސް ރަތްވެފައި ހުރެ ސިޑިބަރިއާއި ދިމާލަށް ހިނގައިގަތެވެ.

"ތިބުނާ ސައިކޮލޮޖިސްޓުން ސިކުނޑި ދޮންނަން މޮޅުވާނެ. ބްލީޗް ތަ ޖަހަނީ؟ މަވެސް ދާންވެއްޖެ. މިއޮތް ބޮޑު ދުނިޔެއިން އެނޫން ސައިކޮލޮޖިސްޓެއް ހަމަ ނުފެނުނީ؟ " މާޒިން ހީލިގޮތުން މިންކާގެ ހިތް އަނދައިގަތެވެ. އަރްސަން މަތިން ހަދަންވާހާ ރީތި ހިނިތުންވުމެކެވެ.

"ކިތައްފަހަރު ބުނާނީ. އަދި ކަންފަތް ހުޅުވައިގެން އަޑުއަހާ. އަހަރެން ބޭނުން ކޮންމެ ސައިކޮލޮޖިސްޓަކަށް ދެއްކުމަކީ އަހަރެންގެ އަމިއްލަ ހައްގެއް. މާޒިންއަކަށް ފާޑެއް ނުކިޔޭނެ. ލީވް މީ އެލޯން. އައިމް ނޮޓް މީރާ އޯކޭ؟ " މިންކާ ސިޑިން އަރައިގެން ދަމުން ލޯ އަޅާލަފައި އެތިވަރު ގޮވަމުން ދަނިކޮށް އެނަގެ ބައްޕަ ދުރުވަތަން ފެނުނެެވެ. މިންކާގެ މޫނަށް ބަލާލަފައި ތަބީއަތު ގޯސްވެފައިވާވަރު ދެނެގަނެވުނެވެ.

"މިންކާ. ތަބީއަތު ކިހިނެއް؟ " މިންކާ ފިޔަވަޅުތައް މަޑު ޖައްސާލަމުން ސިޑީގެ ރެއިލިން ގައި ހިފަހައްޓާލަމުން ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލައިފިއެވެ. ބައްޕަ މަންސޫރުދެެކެ ހިތުގައި ގަދަރާއި ލޯބި އޮތަސް ބައްޕަވެސް އޭނައާއި އަޅާނުލައޭ ހީވެ ހިތާމަކުރެއެވެ. މިންކާ ޖަވާބުދިނީ އަދަބުވެރިކޮށެވެ.

"އަނހަ ދަރިފުޅު މާޒިން...." މަންސޫރުގެ އެ ޖުމްލައިން މިންކާގެ ހިތުގެ ނާރެއްވެސް ވަކިވެގެން ދިޔަފަދަ އިހުސާސެއް ކުރެވުނެވެ. މާޒިންއަށް ދަރިފުޅު ކިޔާ މުޚާތަބު ކުރިއިރު އަމިއްލަ ދަރިއަށް އެވަރުވެސް ނުވީއެވެ. މީރާގެ ލޯބިވެރިޔާދެކެވެސް ބައްޕަ މިވަނީ އާދަޔާ ޚިލާފު ލޯތްބެކެވެ. އަރައިގަތް ރުޅީގައި އަތުން ފައިން ގޯހެއް ހެދިދާނެތީ މަޑުކޮށްނުލާ އޭނަ ދުވެފައި ކަހަލަގޮތަކަށް ސިޑިން އަރައިގެންގޮސް ދޮރު ޖެހިލެއް ބާރުކަމުން ފާރުތައް ގުޑައިލިފަދައެވެ. މިންކާ ދަބަސް އަތުކޮޅަށް ހޫރާލާފައި ހުރިގޮތަށް ބަންޑުން އެނދަށް ވެއްޓިގަތެވެ. އަނގަމަތީ ބާލީސް އަޅައިގެން ހަޅޭއްލަވަމުން ދިޔަނަމަވެސް އެ އަޑު ހިނދުނީ ބާލީސްތެރެއަށެވެ. ތަންކޮޅެއް ރުޅި މަޑުވެލުމުން މިގޭގައި އުޅެނީ ޑަކައިތުންނޭ ހިތަށް އެރިއެވެ. އެންމެ ހިތް ފަސޭހަކޮށް އުޅެވެނީ އާލިއާގެ ގޭގައެވެ. އެގެއިން ޔަގީނުންވެސް ތަފާތުކުރުންތަކެއް ނުފެނެއެވެ. އޭނަދެކެ އެގޭ މޮޔަ މާމަގަނޑުވެސް ލޯބިވެއެވެ. މާމަ ގަނޑު އޭނަ ހިތް ނުރުހޭ އިރުވެސް އަތަށް ބޮސްދޭނެއެވެ. އެއް ދުވަހު ހާދަ ބޮޑު ބުޑެކޭވެސް ބުނެލިއެވެ. އެކަމާއި ހުރެ މާމަދެކެ ރުޅިވެސް އައެވެ. އޭނަ ފަލަވެގެން ބުނިއެއްޗަކީ ނޫންހެއްޔެެވެ؟ ރީތި ގޮތުގައި އެކުރީ މަލާމާތެވެ. މިންކާއަށް ނުވިސްނުނީ ހަގީގަތުގައި އޭނަގެ ހަށިގަނޑުގެ ބައްޓަން ރީތިކަމެވެ. މާމަގަނޑަށް ހަދިޔާއެއް ދޭނީއެވެ. ޑިމެންޝިއާ ބަލިމީހުން ބުދުތަކާހެދި އުޅޭވަރުން މާމައަށް ބުދެއް ކަމުގޮސްދާނެ ބާވައޭ ހިތަށް އެރިއެވެ. ބުދެއް ގަންނަން ދާންވީއެވެ. އެފިކުރު ތަކުގައި އޮވެފައި ކުޑަކޮށް ހެވުނެވެ.

***

އާލިއާއަށް ލިބޭ ރީތި މާ ބުކޭތަކާއި އަގުބޮޑު ސާމާނުތަކުގައި ހިފަން އާލިއާ އިންކާރުކުރިއެވެ. ކޮންމެ ދުވަހަކުހެން އޭނަ ކޮލެޖުން ނިމިގެން އަންނަ ގަޑީގައި އިންތިޒާރުގައި ހުންނަ ބަންގާޅު ފިރިހެންކުއްޖާއަށް ޖެހެނީ ނާކާމިޔާބުވެގެން އެނބުރި ދާށެވެ. ނުދަންނަ މީހުންގެ ހަދިޔާތައް އޭނަ ބޭނުމެއްނޫނެވެ. އެގޮތަށް ހަދަންފެށުމުން ފަހުން މާޒިން އަމިއްލައަށް އޭނަދިން ހަދިޔާތައް ކަމަށް އެއްބަސްވެ ޕަރުސަލެއް ދިއްކޮށްލުމުން އާލިއާއަށް މަޖާވިއެވެ.

"ތި ކަހަލަ ގުޅުމެއް ބާއްވަން ނެތިން"

"އަހަރެން ވަރަށް ލޯބިވެއޭ. ފޮރުވައިގެން ނުހުރެ ސީދަލަށް މިބުނީ......." މާޒިން އެތެރެ އެތެރެއިން ހުނެވެ. ކައިސްގާތުން މިކަހަލަ ފިލާވަޅުތައް ނެގިޔަސް އަމަލީ ސިފަ ގެންނަން ފަސޭހައެއްވެސް ނޫނެވެ. އާލިއާއަށް އޮޅުވާލައިގެން އެކުއްޖާ ބަދުނާމުކޮށް އެހެން އަންހެންކުދިން ފަދައިން ރައީސްގެ ދަރިއަކަށް މޮޔަވާތަން ބަލަން ކައިސް ހުރީ ކެތްމަދުވެފައެވެ.

"އަހަރެން ލޯބިވާނީ ހަމައެކަނި މާތްﷲއަށްޓަކާ. ހަރާމް ގުޅުމެއް ބޭނުމެއްނޫން. އަހަންނަށް ރަގަޅީ ދެން އެއްވެސް ނިޔަތެއްގައި ބައްދަލު ނުކުރިއްޔާ..." އާލިއާ އަޑަށް ހަރުކަށިގޮތެއް ގެނެސްފައި ދޮރު މޫނުމަތީ ލައްޕާލައިފިއެވެ. އާލިއާ ކަންތައްކުރި ގޮތުން މާޒިންގެ ހިތުގައި ބަދަލު ހިފުމުގެ ޖޯޝްވަރުގަދަވިއެވެ. ނިޔަތް ގަތީ އާލިއާ ހާސިލުކޮށްފައި ލަދު ގަންނަވާލާށެވެ. އެކުއްޖާ ހީކުރީ އަދި އޭނަ ހަގީގަތުގައިވެސް މަތިންބައިން އުޅެނީ ކަމަށްތާއެވެ. އޭނަ ދުވަހެއްގައިވެސް މީރާ ނޫން މީހެއްދެކެ ލޯތްބެއް ނުވާނެއެވެ. މީރާ މަރުވެ ދިޔައީ މިކަހަލަ ހައްދު ފަހަނަޅާފައިވާ ބަޔެއްގެ އަނިޔާގެ ޝިކާރައަކަށްވެއެވެ.

އާލިއާ އިންޒާރު ދިންފަހުން މާޒިން އެ މަސައްކަތް ހުއްޓާލައިފިއެވެ. އެދުވަސްކޮޅު ފާހަގަވާންފެށީ ޖެހިގެން ހުންނަ ގޯޅީގައި ހުންނަ މިސްކިތުން މާޒިން ނިކުންނަކަމެވެ. ރައީސްގެ ދަރިންނަށްވެސް ހިދާޔަތް ލިބުނީ ބާވައެވެ. ނޫނީ ގަސްތުގައި އޭނަގެ ހިތް އަތުލަން އެހެން އުކުޅެއް މާޒިން ބޭނުން ކުރަނީބާވައެވެ. އެކަހަލަ ވިސްނުންތައް އަންނަން ފެށުމުން އާލިއާ އެކަމާ ނުތަނަވަސްވިއެވެ. ފިރިހެނަކާއިމެދު ވިސްނުމަށް މަގުފަހިކޮށްދެނީ ޝައިތާނާކަން ހިތަށް ހަަދާންކޮށް އެ ބޭކާރު ވިސްނުންތަކާ ހިތް ދުރުކުރުވިއެވެ.

އިސްލާމީ ތާރީޚީ ވާހަކައެއް ކިޔައިލަން ސޯފާގައި ޖައްސާލިތަނާ ފޯނަށް މެސެޖެއް އައެވެ.

"ސަލާމް އާލިއާ. ހަލާލު ގޮތުގައި ލޯބީގެ ގުޅުން ބާއްވަން އަހަންނާއި އިންނަންވީނު......." ޕްރައިވެޓް ނަމްބަރަކުން އައި މެސެޖް ފެނުމާއެކު އާލިއާ ސިހުނަސް ދެތިންފަަހަރު މެސެޖް ކިޔާލެވިއްޖެއެވެ. މިއީ މާޒިންގެ ކަމަކަށް ވެދާނެހެއްޔެވެ. އެހާ ފަރަންޖީކޮށް އުޅޭ މީހަކު މިހާ ދިވެހިވަންތަކޮށް މެސެޖެއް ނުލިޔާނެއެވެ. ކޮލެޖް ކުއްޖެއްގެ ޖޯކެއްހެއްޔެވެ؟

"ޝައިތާނާގެ އަމަލުތައް ހުންނާނީވެސް މީހުންގެ މައިންޑް މަތްﷲ ހަދުމަކުޅައުމުން ޑިސްޓްރެކްޓް ކުރާފަދަ ގޮތަކަށް. ފޯނު ނިވާލާފައި އެހެން ކަމަކާއި އުޅެންވީ. ފޯނުން އަސްލުވެސް މިކަހަލަ އުދަގޫތައް އެބަވޭ........." އާލިއާ ފޯނު ސައިލެންޓަށް ލާފައި ކުރަން އިން މަސައްކަތާއިގެން ކުރިއަށް ދިޔައެވެ.

***

ރާހިލް އޭނަގެ ބައްޕަ ގާތުން އެދުނީ ފަސްމިލިއަން ޑޮލަރަށެވެ. މިނޫނީ އެހާ ބޮޑު އަދަދެއްގެ ފައިސާއަށް ރާހިލް ފަހަރެއްގައިވެސް އެދިފައެއްނެތެވެ. ކޮލެޖް ދަރިވަރަކަށް މިހާ ގިނަ ފައިސާގެ ބޭނުމެއް ނުޖެހޭނެއެވެ. ރާހިލް ގެ ފަރާތުން އޮޅުން ފިލުވަން އޭނަ މަސައްކަތްކުރީ އެހާ ބޮޑު އަދަދަކަށްވީމައެވެ. ރާހިލް އެދުނީ އޭނައަށް އިތުބާރުކުރުމަށެވެ. އޭނަ ވަގުތު ޖެހުމުން ބުނާނެކަަމަށެވެ. ޔަގީނުންވެސް ގޯސްކަަމަކަށް ޚަރަދުނުކުރާނެ ކަމުގައެވެ. ރާހިލް އުޅޭ ނޫޅޭގޮތް ބަލަން އެކުވެރިޔަކާއި ހަވާލުކުރަން އުޅެފައިވެސް މައިމޫން ކެތްތެރިވެލެއްވިއެވެ. އޭނަ ދަރިފުޅަށް އިތުބާރު ކުރައްވާނެއެވެ.

***

އާލިއާ ގާތު އަޔާޒް ކައިވެނީގެ ހުށަހެޅުމެއް ލިބިފައި އޮތް ވާހަކަ ބުނުމުން ވަގުތުން ހާސްވެ ނިތްކުރިން ދާތިކިތައް ވިދާލައިފިއެވެ. ތައުލީމް ހާސިލުކުރަމުން ކައިވެންޏާމެދު ވިސްނާނީވެސް ކިހިނެއްހެއްޔެވެ؟ ކަންބޮޑުވިނަމަވެސް އަޔާޒް ނިންމިގޮތަކާ އޭނަ އެއްބަސްވާނެއެވެ. އޭނަގެ ދޮންބެ އޭނައަށްޓަކާ ޚިޔާރުކޮށްދޭނީ އަޅުވެރި ބައިވެރިއެކެވެ. އޭނަ ގޮވައިގެން ޖަންނަތަށް ދާން މަސައްކަތްކުރާނެ ފިރިއެކެވެ. ނަމަވެސް އަޔާޒް ބުުނެލި ނަމަކުން އާލިއާގެ މުޅި ހަށިގަނޑުވެސް ފިނިވިއެވެ.

"ރައީސްގެ ތިންވަނަ ދަރި މާޒިން އަހުމަދު މައިމޫން. އެއް އިރެއްގައި ނޫސްތަކުގައި އެނޫން ވާހަކައެއްނެތް. މާޒިން ދޭތެރެއަކުން މިސްކިތަށް ވަދެލާ އެކަމަކު...." އަޔާޒް އެއްޗެކޭ ބުނަން އުޅެފައި ހުއްޓާލައިފިއެވެ. މާޒިންގެ ނިޔަތާއިމެދު އޭނަ ޝައްކެވެ. ދީނާއި ބެހޭގޮތުން އޭނަ ކުރި އެންމެ ސުވާލަކަށްވެސް މާޒިންއަށް ޖަވާބެއް ނުދެވުނެވެ.

"އާލިއާ ދަންނަންތަ؟ " އަޔާޒު އާލިއާގެ ހިތް އޮތްގޮތް ބަލައިލަންވެސް ބޭނުންވިއެވެ.

"ނޫން." ވަގުތުން އާލިއާ ބޯ ހޫރުވައިލިއެވެ.

"އޭނައަށް އާއެކޭ ބުނަންވީތަ؟ "

"ނޫން ދޮންބެ. އެއީ މާ ރަގަޅުމީހެއްނޫން. ދޮންބެ ޚިޔާރުކުރި ކޮންމެ މީހަކާއި އަޅުގަނޑު ރުހޭނަން އެކަމަކު އޭނައެއްނޫން..."

އެ ޖަވާބުދީފައި ކޮޓަރިއަށް ވަދެފައި އާލިއާގެ ހިތަށް ނުތަނަވަސްކަމެއް ލިބި މޮޅިވެރިވީ ކީއްވެކަމެއް ނޭގުނެވެ. މޭގައި މަޑުމަޑުން ފިރުމައިލެވުނެވެ. އޭނައަށް އެހެދުނީ ބޮޑު ގޯހެކެވެ. ކޮންމެ ކަމެއްގައި އޭނަ އޮތީ އިސްތިޚާރާ ކުރަން ނިންމާފައެވެ. މުސްތަގުބަލުގައި ވާނެ ކަންތައް ދެނެވޮޑިގެންވަނީ ހަމައެކަނި މާތްﷲ ސުބުހާނަހޫ ވަތައާލާއެވެ. އޭނަގެ ސަބަބުން މާޒިން ތެދު މަގު ޚިޔާރުކޮށްފިއްޔާ ކިހާ ރަގަޅުހެއްޔެވެ؟ މާޒިން އަކީ އެހާ ގޯސްމީހެއް ހެނެއް ހިޔެއްނުވެއެވެ. މޫނުގައި ދެއަތުން ހިފަހައްޓައިލެވުނެވެ. ދޮންބެއާއި އަލުން ވާހަކަދައްކާ ވިސްނަން ވަގުތުދޭށޭ ބުނަން އުޅެފައިވެސް ނުކެރިގެން އަލުން އެނދުގައި އިށީދެލައިފިއެވެ.

***

އާލިއާ ފެންވަރަން ކޮޓަރިއަށް ވަނުމުން މިންކާ އޭނަ އަލަމަރިތެރޭ ބޭއްވި ޕާރުސަލް ކަނޑާލާފައި ބުދެއްނެގިއެވެ. ބޮޑުކަމުން ކުޑަ ކުޑަކުއްޖެއްހާ ވަރުވެއެވެ.

"މާމާ. މިއޮތީ ކުޑަ ކުޑަ ދަރިފުޅު...." މިންކާ ބުދު މާމަގެ އުނގުގައި ބޭއްވުމުން މާމަގެ ލޯ ދިއްލިގެން ދިޔައެވެ. ވަގުތުން ހެވިއްޖެއެވެ. ނާނާއެއް އަޅުވައިލަމުން ގަޔާއި ކައިރިކޮށްލީ ތުއްތު ކުއްޖަކުވެސް ގެންގުޅޭނެ ފަދައިންނެވެ. މާމަ ހަމަ ރަގަޅަށްވެސް އޮޅިއްޖެއެވެ.

"މި ކުއްޖާއަށް ކިޔަނީ ކޮން ނަމެއްތަ؟ "

"އަޔާން...."މާމަ މިންކާއަށް ބަލައިލީ ޝުކުރާއި އެކު މައުސޫމް ނަޒަރަކުންނެވެ.

"އަޔާން ވަރަށް ބޮޑަށް ނިދިއައިސްފަ ތިއޮތީ..."

"އަޔާން ކެއީ ކޯންޗެއް؟ ބަނޑުހައިނުވާނެތަ؟ " މާމަ އަހައިލިއެވެ.

"ސީރިއަލް ކައިގެން. ބަނޑު ފުރާކައިގެން މިއޮތީ ނު ބަނޑުކޮޅެއްވެސް........." މިންކާ ހިނިގަނޑު ހިފަހައްޓައިލިއެވެ. ރަގަޅަށްވެސް އަބަހައްދަ މާމަ ގަނޑެކެވެ. އޭނަ މާމައަށް ބުދެއް ދިންކަން އެނގިއްޖެއްޔާ އާލިއާ ވަރަށް މައްސަލަ ޖައްސާފައި މި ބުދު އެއްލައިލަންވެސް ފަހެއް ނުޖެހޭނެއެވެ. މި ފޮރުވައިގެން މިގޭތެރޭގައި ގެންގުޅެން އެބަޖެހެއެވެ. އަޔާޒްގެ ކޮޓަރި ނޫން އެހެން ހުރިހާތަނަކަށް ވަނުމުގެ ހުއްދަ އޭނައަށް އޮވެއެވެ. އެހާވެސް އިތުބާރުކުރެވޭ ފަރާތަކަށް އޭނަ ވެއްޖެއެވެ. އާލިއާ މާމަގެ ކޮޓަރިއަށް އަންނަންވާއިރަށް އޭނަ މާމަ ލައްވާ ކުޅުވާފައި ބުދު ފޮރުވާނީއެވެ. އަޔާން ނިދައިފިއޭ ބުނުމުން މާމަ ގަބޫލުކުރާނެތާއެވެ. އާލިއާ އަންނަންވާއިރަށް އަލަމާރީގެ އެންމެ ތިރީގައި އެއްޗެހި ލާފައި ހުރި ބައިގެ ތެރެއަށް ބުދު ލާ ފޮރުވާފައި އޭނަ ހަމަޖެހިލިއެވެ. އާލިއާ އައުމާއެކު މާމަ އަޔާން ކައިގެން ނިދަން އޮތް ވާހަކަ ބުނުމުން އާލިއާ ދެލޯ ބޮޑުކޮށްލަމުން ހައިރާންކަމާއެކު އިރުކޮޅެއްވާންދެން ބަލަން ހުއްޓެވެ. އެހެން އެވީ ސަަބަބެއް މިންކާއަކަށް ނޭގުނެވެ.

"މިންކާ މިހާރު ދޮންބެ އަންނާނެ. އަހަރެމެން ރޫމަށް ހިނގާ..." އާލިއާ މިންކާއަށް ބުނެލިއެވެ.

***

އެހާވަރުން އަޔާޒްގެ ބޮލަށް އެރިގެން އާލިއާ ކައިވެންޏާއި އެއްބަސްކުރުވަން އުޅުމުން މާޒިންއަށް ލިބުނު ޖަވާބު ގަބޫލުކުރަން އޭނަ ފަސްޖެހުނެވެ. ނަމަވެސް އަދި ޖެއްސުންކޮށް ކޮންމެ ދުވަހަކު ލޯބީގެ ސިޓީ ފޮނުވާ ހަދިޔާ ދެނިކޮށް ގަބޫލުކޮށްފާނެއެވެ. އެހާ ފަސޭހައިން ބަލި ގަބޫލުކުރަން މާޒިންގެ ހިތް ދެކޮޅުހެދިއެވެ.

އަނެއްކޮޅުން އޭނަގެ މޮޔަކަމުން ކައިސްގާތު އާލިއާ ކިޑްނެޕް ކުރަން ބުނެވިއްޖެއެވެ.

ކައިސްއާއި "ޑޮޓުން" އެކުއްޖާ ފަކީރާއިމެދު ނުބައިކޮށް އަމަލުކޮށްފިއްޔާ އޭނަ ކުށްވެރިވެދާނެއެވެ. ނަމަވެސް އާލިއާއަށް އޭނަ ފުރުސަތު ނުދެއޭ ނުބުނެވޭނެއެވެ. އޭނަ ކައިވެންޏަށް ހުށަހެޅިއެވެ. ގައުމުގެ ފަރސްޓް ޑޯޓާ އިން ލޯއަށް ވާނެ ރަނުގެ ފުރުސަތު ގެއްލުވާލާ ބަދުނަސީބު ޚިޔާރުކުރީ އާލިއާ އަމިއްލައަށެވެ.

ކައިސް ކުރާ ކަމަކާ އޭނަ އަޅާނުލާނެއެވެ.

***

އޮސްޓްރޭލިއާ މީހަކާއި ކައިވެނިކޮށްގެން އެ ގައުމުގައި ދިރިއުޅޭ އާލިޔާގެ ބޮޑުދައިތަ މާލެއަށް ޒިޔާރަތް ކުރި ދުވަސްކޮޅެކެވެ. އޭނަ އައީ އެންމެ ހަނގު ދަރިފުޅު މީޝާ ގޮވައިގެންނެވެ. ފަނަރަ އަހަރުގެ މީޝާގެ އުޅުން ހުންނަގޮތުން އާލިޔާ ދެރަވިއެވެ. މައިންބަފައިން ދަރިން ބޭރު ގައުމުތަކަށް ގެންދަނީ ދަރިންގެ މުސްތަގުބަލަށްޓަކައެވެ. ހުރިހާ ފަސޭހަތަކާއި ތަހުޒީބުގެ ކުލަ ހުރި ތަނަކަށް ދިޔުމަށެވެ. ބޮޑު މުސާރަވެސް ލިބި އުފަލުގައި އުޅެވޭނެތީއެވެ. ދަރިންނާއިއެކު ރަހުމާ އެކޮޅަށް ބަދަލުވީ ނާކާމިޔާބު ކައިވެންޏަކަށްފަހު ޓީޗަރެއްގެ ވަޒީފާ އެކޮޅުން ލިބިގެންނެވެ. މީޝާ ކުޑައިރު ރަހުމާ އޮސްޓްރޭލިއާގެ ކްރިސްޓިއަނަކާ ކައިވެނިކުރިއެވެ. އެތާ ރައްޔިތުންނަށްވެގެން އެތަނުގައި އުޅެން ފެށުމުން ކުދިންގެ ގައިގާ ހަރުލީ އެތަނުގެ އަދަކާދައާއި ސަގާފަތެވެ. މީޝާ ދީނާއި ދުރުކަމުން އާލިއާ ދެރަވިއެވެ. ކުއްޖާދެކެ ލޯބިވާ މަންމައަކު އާޚިރަތާމެދު ވިސްނާ ނުލާނީޙެއްޔެވެ؟ އާލިޔާ ގަސްތުކުރީ ވީވަރަކުން މީޝާއަށް ދީން އުގަންނައި ދިނުމަށެވެ.

ރަހުމާ އޭނަގެ ފިރިމީހާއާއެކު ރިޒޯޓަަކަށް ދިޔައީ މީޝާ ގޭގައި ބަހައްޓާފައެވެ. މީޝާ އިރުއިރުކޮޅާ އައިސްކްރީމެއް ނޫނީ ޗޮކްލެޓެއް ގަތުމުގެ ބަހަނާގައި ކައިރީގައި ހުރި ފިހާރައަށް ދާން ނުކުމެލައެވެ. އެ ދާ ގަޑީގައި ވަރަށް މޭކަޕްކޮށް ރީތިވެލާނެއެވެ.

"ޕްރެޒިޑެންޓްގެ ސަންސް އިން ވަރަށް ސްމާޓް ދޯ. އައި ޖަސްޓް މެޓް ވަން އޮފް ދެމް. ހީޒް ހޮޓް..." މީޝާ އަނގައިގާ މެގްނަމް ޖަހައިގެން ހުރެ އަނބުގަހުގެ ހިޔަލުގައި ހުރި ޖޯއްޔަަށް ވެއްޓިގަތެވެ. އާލިޔާ އެކަމާ ހިތްހަމަނުޖެހިފައި ވަރަށް ގިނަ ވާހަކަދެއްކިއެވެ. ހިތްހަމަނުޖެހުނުކަމެއް މީޝާއަކަށް އަންގާނުލައެވެ. އެކަމުގައި ހުރި ގޯސްކަން ވިސްނައިދިނީއެވެ.

އެރޭ މާޒިން އާލިޔާގެ ފޯނަށް ވައިބާކުރިއެވެ. މިފަހަރު އޭނަ އާލިޔާދެކެ ލޯބިވާކަމަށް ކުރި ދައުވާގެ އެއްވެސް ކުލައެއް ނެތެވެ. އޭނަގެ މެސެޖްތަކުން އިންޒާރުކުރީ އާލިޔާގެ ޕޭޖްުގައި ލިޔެފައިވާ ޕޯސްޓްތައް ނެގުމަށެވެ. ހުރިހާ ނިއުމަތެއް ލިބިފައިވާ އަންހެންކުއްޖަކު މަރުވިގޮތް އިބުރަތަކަށް ހަދާފައި ލިޔެފައިވަނީ ނުސީދާކޮށް މީރާގެ ވާހަކައޭ ކިޔައިގެން މާޒިން މައްސަލަ ޖެއްސިއެވެ. ކޯޓަށްވެސް ގެންދާނެކަމުގައި ބުންޏެވެ.

"ކޮންމެ ކަމެއް ދީނާ ގުޅުވާކަށް ނުޖެހޭ. މީރާ ދިޔައީ ޖަހަންނަމައަކަށް ކަން ދޭހަވަ ގޮތަށް ލިޔެފައި އެހެރީ. އެކަން އެނގެނީ ކާކަށް؟ ރެސްޓް އިން ޕީސް އޭ ބުނީމަ އެކަމަށް ކޮންހާ ޖޯކެއްތަ؟ ސީރިޔަސްކޮށް ތިީ ބޮޑުވަރު. ހައްދު ފަހަނަޅާގޮސް ކަލޭމެން ނޫނީ މުސްލިމެއް ނެތްކަމަށް ތި ވިސްނަނީ؟ އޭނަގެ ފެމިލީއަށް ކިހާ ހާޓްވާނެ. އޭނަގެވެސް ބޭބެއަކާއި ދައްތައެއް އަދި ބައްޕައެއް އެބަހުރި. އާއިލާ އެބައޮތް. އަހަރެން އެންމެ ފަހު ފަހަރަށް މިބުނީ އެ ޕޯސްޓް ތައް ރިމޫވް ކުރޭ. ނޫނީ ދިމާވާކަމެއްގެ ޒިންމާއެއް މަށެއް ނުނަގާނަން....." މާޒިންގެ މެސެޖްތައް ހަރުކަށިކަމުން އާލިޔާ ވެސް ހައިރާންވިއެވެ.

ނަމަވެސް އޭނައަށް ވިސްނުނީ މިހުރިހާ ދުވަހު އޭނަ ދެކެ ލޯބިވާކަމުގައި ހެދިގެން އެއުޅުނީ އެހެން ނިޔަތެއްގައި ކަމެވެ. އޭނަގެ ހަގީގީ ލޯތްބަކީ މީރާއެވެ.

އެކަން އެނގުމުން ހިތުގެ ކަނަކުން ކުޑަ ކުޑަ ލައްކިއެއް ޖެހިއެވެ. ލޮލުން ކަރުނައިގެ އަސަރު ފައުޅުވިއެވެ.

އޭނަ އެބުނާ ޕޯސްޓެއް ބަލައިލިއިރު އެތައް ކުދިންނެއްގެ ޕޮޒިޓިވް ކޮމެންޓްސްތައް ލިބިފައި ހުއްޓެވެ. ގިނަކުދިންނަށް އެ ޕޯސްޓުން އިބުރަތެއް ލިބިއްޖެއެވެ.

އާލިޔާ މާޒިންގެ އިންޒާރަށް އަދި އެހެން މެސެޖަކަށްވެސް ޖަވާބުދޭކަށް ބޭނުމެއް ނުވިއެވެ. އެ ޕޯސްޓް ނަގައިލަންވެސް އޭނަ ބޭނުމެއްނުވިއެވެ.

***

މާޒިން ކައިސްއަށް ގުޅިއެވެ.

"ކައިސް. އާލިއާ ކިޑްނެޕްކުރޭ. ޝީޒް ޔޯސް. އޭނަގެ ސްޓަބްންކަމުން މަގޭ ބޮލަށް އުދަގޫވާން ފަށައިފި. މަށަށް އެކަނި ނޫނޭ އަދި އުދަގޫވަނީ. ސޯޝަލް މީޑިއާގައި މުޅިންވެސް އާލިއާ. އާލިޔާ ކިޑްނެޕް ކޮށްލައިފިއްޔާ ވީ އާ ޑުއިން ދަ ރައިޓް ތިންގް ފޯ އަވާ ސޮސައިޓީއެއް ނު. އަދި އެނގޭތަ. ކަލޭ ބުނިހެން އަހަރެން އޭނަ ފަހަތުން އުޅުނިން. އެ މަންޖެ ފޮނިކަމުން ނޫނެކޭ ބުނީ. މަ ބޭނުމެއްނޫން ދެން އޭނަ މިހިސާބުން ފެންނަންވެސް. އޭނަގެ ދިރިއުޅުން ނަރަކައަކަށް ހަދާލާ....."

"ޑަން......" ކައިސް ހިނިގަނޑެއް ޖަހައިލިއެވެ.

***

އާލިއާއަށް ލިބުނު މެސެޖަކުން ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. ހިތްވެސް ހުއްޓުނުހެން ހީވިއެވެ.

-- ނުނިމޭ --

comment ކޮމެންޓް