ކޮރޯނާވައިރަސް: ވިޔަފާރިތަކަށް ހީނުކުރާ ވަރުގެ ހީނަރުކަމެއް!

ބަޔަކު ވިޔަފާރި ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގެ މައިމަގެއްގައި ހުރި އަންނައުނު ވިއްކާ އެ ފިހާރައިގައި އަވަދުވެސް ހަރުގަނޑުތައް ހުންނަނީ ސާމާނުން ފުރިފަ އެވެ. މީގެ ހަފްތާއެއް ކުރިން އެ ފިހާރައަށް ދިޔައިރު ހަރުގަނޑުތައް ހުސްވެ، އާ އެއްޗިއްސެއް ނެތެވެ. މީގެ ކުރިން ހެދުމާއި ފައިވާނުގެ ސައިޒު އަބަދުވެސް ލިބޭ އެ ފިހާރާގައި މިހާރު ހުރީ ހަރުގަނޑުތަކުގައި ބަހައްޓާފައި ހުރި އެއްޗެއް އެކަންޏެވެ. ސޭޓްބުނާ ގޮތުގައި ކޮރޯނާވައިރަހާ އެކު ވިޔަފާރިއަށް ކުރިމަތިވި ގޮންޖެހުންތަކާ ހުރެ، ވިޔަފާރި ކުރިއަށް ގެންދަން ވަނީ ދަތިވެފަ އެވެ.

"މިހާރު ބެންކޮކަށް ނުދެވޭތީ މުދަލެއް ނުގެނެވޭ. މި ބަލި ފެތުރެން ފެށިފަހުން ދަތުރު އެޅުން ހުއްޓާލައިފިން. އެހެންވެ މިހާރު ހުރީ މިތަނަށް ނަގާފައި ހުރި އެއްޗެއް އެކަނި. ސްޓޮކެއް ވެސް ނެތް،" ފިހާރަ ފަޅުކަމަށް ދައްކަނީ ކީއްވެގެންކަން ކިޔައިދެމުން ފިހާރައިގެ ވެރިމީހާ ބުންޏެވެ.

މިހާރު މުޅިދުނިޔެއަށް ފެތުރިފައިވާ ކޮރޯނާ ވައިރަސްގެ ވަބާގެ އަސަރު އެންމެ ބޮޑަށް ކުރަނީ ވިޔަފާރިތަކަށެވެ. ރާއްޖެ ފަދަ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށް މީގެ އަސަރު ކުރާނެ މިންވަރު ބޮޑުވާނެ އެވެ. ހާއްސަކޮށް އާންމުކޮށް ރާއްޖެއަށް މުދާ އެތެރެކުރާ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށް، އެއާޕޯޓުތަކުގައި ވަގުތީގޮތުން އަޅުވާފައިވާ ތަޅާއެކު ގިނަ ވިޔަފާރިތަކަށް ވަނީ މާޔޫސްކަން ލިބިފަ އެވެ.

"މިދިޔަ ފެބްރުއަރީ އިން ފެށިގެން ސޭލްސް އަށް އެނގުން ވާން ފަށައިފި. ކަސްޓަމަރުން މަދުވާން ފެށިކަން ފާހަގަވި ފެބްރުއަރީ މެދަކުން ފެށިގެން. ކުރިން ދުވާލަު 8000 ނޫނީ 10،000 މަދުވެގެން ލިބޭނެ އެންމެ ދަށްކޮށް ދިޔަޔަސް. މިހާރު 3000 ވެސް ނުޖެހޭ ދުވާލަކަށް ގިނަ ފަހަރު،" މާލޭގައި ހެދުން ފިހާރައެއް ހިންގާ މީހަކު ބުންޏެވެ.

ކުރިއަށް އޮތީ ރަމަޟާން މަހަށް ވާއިރު، އާންމުކޮށް މި ދުވަސްވަރަކީ ރޯދައަށް ބޭނުންވާ ސާމާނު ގަނެ، ބަދިގެ ތެރެ އާކުރާ ދުވަސްވަރެވެ. އެކަމަކު ކޮރޯނާއާއެކު މިފަދަ ސާމާނު ވިއްކާ ވިޔަފާރިތަކަށްވެސް އެނގުން ވެއްޖެ އެވެ. މީގެ ކުރިން ކޮންމެ އަހަރަކުވެސް ގޭގެ ސޯފާސެޓާ ބަދިގެ ސެޓު އާކުރާ މީހުންވެސް އެކަން ނުކޮށްތިބީ، މި ބަލިމަޑުކަމުގެ ސަބަބުން އިގްތިސާދަށް އައިސްދާނެ ބޮޑު ލޮޅުމަކަށް ސަމާލުވެގެންނެވެ.

ފަރުނީޗަރާއި، ހެދުމާއި ފައިވާން ފަދަ ސާމާނު ވިއްކާ ފިހާރަތަކުގެ ސޭލްސް ދަށަށް ދިޔަ ނަމަވެސް، ކަންމަތީ ފިހާރަތަކާއި އާންމު ދިރިއުޅުމަށް ބޭނުންކުރާ ސާމާނު ވިއްކާ ފިހާރަތަކުގެ ސޭލްސް މި ފަހުން ވަނީ މައްޗަށް ޖެހިލައިފަ އެވެ. ސަބަބަކީ ކޮރޯނާވައިރަހާ އާއެކު ރާއްޖެއަށް އެތެރެކުރާ މުދާތައް ހުސްވެ، ބަނޑަށް ޖެހިދާނެ ކަމަށް ބައެއް މީހުންނަށް ހީވުމުން މާގިނައިން ތަކެތި ގަންނަން ފެށުމެވެ.

"ޕެނިކް ބައިން" ހުއްޓާލުމަށް ސަރުކާރާއި ވިޔަފާރިތަކުން ބުނަމުން ދިޔަ ނަމަވެސް އެ ބުނުންތަކަށް ބީރު ކަންފަތެއްދީ، ބައެއް މީހުން ވަނީ ހައެއްކަ މަހަށް ބޭނުންކުރާ ވަރަށް ކޮއްތުދަރާ ބޯފެން ގެއަށް ވައްދައިފަ އެވެ. ކާޑުގެ ބާވަތްތައްވެސް ދަތިކަމެއް ނެތި ލިބޭނެކަމުގެ ޔަގީންކަން އެކި ފަހަރުމަތިން ދިން ނަމަވެސް ކާޑުގެ ބާވަތްތަކުން ބަސްތާ ގެެއަށް ވައްދައި ފޮރުވި މީހުން އެބަތިއްބެވެ. ޑިޓާޖެންޓާއި މަސްދަޅުކޭސް، ނޫޑްލްސް ފަދަ ތަކެތި ގިނަ އަދަދަކަށް ގަނެ، ގޭގައި ފޮރުވަމުންދާ މީހުންވެސް އެބަތިއްބެވެ.

"މީގެ ކުރިން އާންމުކޮށް ވިޔަފާރި ނުވާ ވަރަށް މި ދިޔަ ދެތިން ހަފްތާ ވިޔަފާރި ވެއްޖެ. ބަންދުކޮށްފައި ހުންނަ ދަޅުކާނާ އާއި ބިސްކޯދާ ޗިޕްސް ކަހަލަ އެއްޗެހިވެސް ވަރަށް ގިނައިން ގަނޭ. ގެރިކިރާ ދަޅުކިރު ވެސް ގިނައިން ގަނޭ،" ހުޅުމާލޭގައި ފިހާރައެއް ހިންގާ މީހަކު ބުންޏެވެ.

އޭނާ ބުނީ ބައެއް ބާވަތްތައް ފިހާރައިން ހުސްވެ މާކެޓުން ލިބުންވެސް ދަތިވެފައިވާ ކަމަށެވެ.

"ގަންނަން އައީމަ އެބަ ވިއްކަން. އަނެންހެން ލިމިޓެއް ނުކުރަން. ހުރި އެއްޗެއް ވިއްކާލަނީ،" އެ ވިޔަފާރިވެރިޔާ ބުންޏެވެ.

މި ހާލަތު ކުރިމަތިވީއްސުރެ ކަމާބެހޭ ފަރާތްތަކުން ކުރަމުންދާ އިލްތިމާސް އަކީ ފިހާރަތަކުގައި ހުރި މުދާ ގަނޑުކޮށް ނުގަތުމަށް ކުރަމުންދާ އިލްތިމާސް އެވެ. މުދާ ހުސްނުވެ، ރައްޔިތުންނަށް ލިބޭނެ ކަމުގެ ޔަގީންކަން ވިޔަފާރިވެރިން ދިޔައީ ދެމުންނެވެ.

މުޅި ދުނިޔެއަށް އިކޮނޮމިކް ކްރައިސިސް އެއް މެދުވެރިވެދާނެ ކަމުގެ އިންޒާރާއެކު ކުރިން ކުރަމުންދިޔަ ބޭކާރު ހަރަދުތައް ހުއްޓާލާ، ގިނަ ބަޔަކު ވަނީ ފަހަށް ރައްކާކުރަން ފަށައިފަ އެވެ. މީގެ ކުރިން ފިހާރަތަކަށް ގޮސް ފެންނަހާ އެއްޗެއް ގަންނަމުން ދިޔަ ދިޔުން ބައެއް މީހުން ދޫކޮށްލައިފި އެވެ. މީގެ ކުރިން ކޮފީތަކަށް ގޮސް ހޭދަކުރާ ފައިސާތައްވެސް ރައްކާކުރެވޭނެ ހާލަތު މިވަނީ އައިސްފަ އެވެ.

ސަރުކާރުން ލަފާކޮށްފައިވާގޮތުގައި ކޮރޯނާގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޮޑު ހީނަރުކަމެއް އަންނާނެ އެވެ. ރާއްޖޭގެ ޖީޑީޕީ 0.5- އަށް ވެއްޓޭނެކަމަށް ލަފާކޮށްފައިވާއިރު ރާއްޖެއަށް އެންމެ ގިނަ އާމްދަނީ އެއް ލިބޭ ފަތުރުވެރިކަމަށް އަންނަމުންދާ ހީނަރުކަމާއެކު ބޭރު ފައިސާ ލިބުން ދަތިވެ، އިމްޕޯޓަށް އޭގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެކެވެ.

comment ކޮމެންޓް