ކޮރޯނާވައިރަސް: މި ވިޔަފާރިވެެރިން ބަދުނާމު ނުކުރޭ، އެ މީހުންގެ ހިދުމަތް ބޮޑު!

ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިން ކަމަށްވާ، ޗަމްޕާ އަފީފް އާއި އުއްޗުއާ އެކު ރައީސް ސޯލިހު -- ފޮޓޯ/ ރައީސް އޮފީސް

ކޮރޯނާވައިރަހުގެ ކޭސްއެއް އެންމެ ފުރަތަމަ ރާއްޖެއިން ފެނިފައި ވަނީ ރިސޯޓް ވިޔަފާރީގައި އެންމެ ބޮޑު އާއިލާ، "ޗަމްޕާ ބްރަދާޒް"ގެ ރިސޯޓެއް ކަމަށްވާ ކުރެއްދޫ އައިލެންޑް ރިސޯޓުންނެވެ. އެކަމާ ގުޅިގެން ބައެއްގެ ނުރުހުން އަމާޒުވެފައި ވަނީ ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރިވެރިން ކަމަށްވާ، ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އާއި އޭނާގެ، ކޮއްކޮ ޗަމްޕާ ހުސެން އަފީފް އަށެވެ. އެކަމަކު ސުވާލަކީ، ކޮރޯނާވައިރަސް ހުރި މީހަކު އެ މީހުންގެ ރިސޯޓަކަށް އައިސް ޗުއްޓީ ހޭދަކޮށް، އޭނާގެ ފުށުން ރިސޯޓުގެ އިތުރު ހަތަރު ފަސް މީހަކަށް އެ ވައިރަސް ޖެހުނީ އެއީ އެ މީހުން ކުރި ކަމަކުން ހެއްޔެވެ؟ ނުވަތަ އެއީ އެ ވިޔަފާރިވެރިންނަށް އެނގިގެން ވީކަމެއް ހެއްޔެވެ؟ އެވަރުގެ ބޮޑު ކަމެއް އެ މީހުން ގަސްތުގައި ކުރާނެ ހެއްޔެވެ؟

ޖަވާބު ވަރަށް ސާދާ އެވެ؛ ނޫނެކެވެ!

ސަބަބަކަށް ވަނީ ކޮރޯނާވައިރަސް ފަދަ ބޮޑު ބަލިމަޑުކަމެއްގެ ސަބަބުން އެކަމުގެ އަސަރު އެންމެ ބޮޑަށް ކުރަނީ އެ ބޭފުޅުން އެތައް ޒަމާންތަކެއް ވަންދެން އެތައް މަސައްކަތަކުން ފައްކާކޮށްފައި ހުރި، މަލްޓި މިލިއަން ޑޮލަރުގެ ވިޔަފާރިތަކަށެވެ. އެ ވިޔަފާރިތަކަށް އަންނަ ހީނަރުކަން އެންމެ ފުރަތަމަ ބަރުދާސްތު ކުރަން ޖެހެނީ އެބޭފުޅުންނަށެވެ. ޓޫރިޒަމް ސިނާއަތަށް ގެއްލުންވާނެ ކުޑަ ކަމެއް ވެސް އެ ވިޔަފާރިވެރިން ނުކުރައްވާނެ އެވެ. އެ ބޭފުޅުންގެ މުޅި ހަޔާތް ގުޅިފައި އޮތް ވިޔަފާރިތަކަށް ގެއްލުންވާނެ ކުޑަވެސް ކަމެއް އެ ބޭފުޅުންނަށް އެނގިގެން ވިޔަކަ ނުދޭނެކަން އެއީ ޔަގީންކަމެކެވެ. އެހެންވީމާ، ކޮރޯނާވައިރަސް ކަހަލަ ބަލިމަޑުކަމެއް ރާއްޖޭގައި ފެތުރޭ ކަހަލަ އެއްވެސް ޒާތެއްގެ ނިންމުމެއް އެބޭފުޅުންނަށް އެނގިތިބެ ނިންމަވަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ.

ނ. ހެނބަދޫގައި ޗަމްޕާ ބުރަދާޒްއިން ހިންގި މަޝްރޫއެއް ރައީސް ފައްޓަވައި ދެއްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ޗަމްޕާ ބުރަދާޒްގެ ހިއްސާ އޮވެގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 10 ވަރަކަށް ރިސޯޓާއި މާލޭގައި ސިޓީ ހޮޓަލެއް ހިންގަމުން އަންނަ އިރު، އެތަންތަނުގެ ހިންގުމުގެ ފުރިހަމަ ބާރާ އެކު މެނޭޖަރުން ލާފައިތިބެ އެވެ. އަފީފް އާއި އުއްޗުމެން ފަދަ އެ ވިޔަފާރީގެ އޯނަރުންނަކީ ދުވަހުން ދުވަހަށް ވިޔަފާރީގެ ކަންތައްތައް މައިކުރޯ ލެވަލްގައި ބައްލަވާ ބައެއް ނޫނެވެ. ހަގީގަތުގައި ރިސޯޓެއްގައި ނުކިއްސަރު ކަމެއް ހިނގި ނަމަވެސް އެކަންކަން އެންމެ ފުރަތަމަ އެބޭފުޅުންނަށް އެނގުމަކީ ވަރަށް ވެސް ނާދިރު ކަމެކެވެ. އެހެން ވީމާ، ޓޫރިޒަމް ވިޔަފާރިތަކުގެ އޯނަރުން ދެކެ ރުޅި އަރައި، ގޮވުނު އެއްޗެއް ގޮވައި އެ ބޭފުޅުން ބަދުނާމު ކުރަން ޖެހޭ ހަމަ އެންމެ ސަބަބެއް ވެސް ނެތެވެ.

އެ ވިޔަފާރިތަކުގެ ސަބަބުން، އެތައް ހާސް ވަޒީފާއެއް އިގްތިސާދުގައި އުފެދިފައިވާ އިރު، ނުސީދާ ގޮތުން އެތައް ވިޔަފާރިއަކަށް އެބޭފުޅުން ފައްކާކުރެއްވި ވިޔަފާރިތަކުން މަންފާ އަންނަނީ ކުރަމުންނެވެ. ރާއްޖޭގެ އިގްތިސާދުގައި ޓޫރިޒަމް ސިނާއަތް 60 ޕަސެންޓް ހިއްސާކުރާ އިރު، ރިސޯޓް އޯނަރުންނަކީ ހަގީގަތުގައި ދިވެހި އިގްތިސާދުގެ އިންޖީނެވެ. މިސާލަކަށް ބަލާ ނަމަ ޗަމްޕާ ބުރަދާޒްގެ ވޯކްފޯސްގައި އެކަނި ވެސް އެތައް ހާސް މުވައްޒަފުން ތިބޭނެ އެވެ. އެބޭފުޅުންގެ އެންމެ ރިސޯޓެއްގައި ވެސް، ދެތިން ސަތޭކަ މުވައްޒަފުން ތިބޭނެ އެވެ. އޭގެ ތެރޭގައި ގިނައީ ވެސް ދިވެހިންނެވެ. އެއްވެސް ސަބަބަކާ ހުރެ ޓޫރިޒަމް ސިނާއަތް ހަލާކުވެގެންދާ ނަމަ، އެ މުވައްޒަފުންނަށް މުސާރަ ދިނުމާއި އެހެނިހެން ކަންކަމުގެ ޒިންމާ އުފުލަން ތިބީ އެ ވިޔަފާރިވެރިންނެވެ. އެ ހުރިހާ ތަކުލީފެއް އުފުލަން، ރާއްޖޭގެ އިގްތިސާދު ފުޑިގެން ދާފަދަ ކަމެއް އެބޭފުޅުން ނުކުރައްވާނެ އެވެ. އަފީފް އާއި އުއްޗުމެންނަކީ އެ ދަރަޖައަށް ވެއްޓޭނެ ބައެއް ނޫނެވެ.

ރާއްޖޭގެ އުފެއްދުންތެރިކަމުގައި ޓޫރިޒަމް ހިއްސާވާ މިންވަރު ބަދަލުނުވާހަ ހިނދަކު އެ ހަގީގަތް ވެސް ބަދަލެއް ނުވާނެ އެވެ. ކޮރޯނާވައިރަހުގެ ބަލިމަޑުކަމުގައި ރާއްޖެ މި ދަތުރު ކުރާ މި އުނދަގޫ ދުވަސްތަކުގައި ރާއްޖޭގައި ތިބި ބޮޑެތި ވިޔަފާރިވެރިންގެ އެހީ ދައުލަތަށް ވަރަށް މުހިންމުވެ އެވެ.

ކ. ދިއްފުށީގައި އަލިފުޅު ތުއްތު ފައުންޑޭޝަނުން ހިންގި މަޝްރޫއެއް ފައްޓަވައި ދެއްވުމަށް ރައީސް އެ ރަށަށް ވަޑައިގެންނެވި އިރު، އަރިހުގައި އުއްޗު (ވ.2) -- ފޮޓޯ/ ރައީސް އޮފީސް

ޓޫރިޒަމް ދަށްވެ، ދިވެހި ދައުލަތަށް ލިބޭ އާމްދަނީގެ 6.8 ބިލިއަން ރުފިޔާ އެބަ ގެއްލެ އެވެ. އެކަމަކު ކޮރޯނާވައިރަހާ ދެކޮޅަށް ކުރާ ހަނގުރާމައިގާ ސަރުކާރަށް މިވަނީ މީގެ ކުރިން ލަފާ ނުކުރާ އެތައް ހަރަދުތަކެއް ކުރަންޖެހިފަ އެވެ. މިހާރު ވެސް 221 މިލިއަން ރުފިޔާގެ ބަޖެޓެއް އެކަމަށް ވަނީ އެއް ފަރާތް ކުރަން ޖެހިފަ އެވެ. މިދަނޑިވަޅުގައި އޮތީ އެކި ގޮތް ގޮތުން އެހީތައް ދިވެހި ސަރުކާރުން ހޯދައި ދައުލަތް ހަލާކުނުވެ، ކޮޅަށް ޖެހުމެވެ. އެކަމަށް ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންގެ އެހީ ބޭނުންވެ އެވެ.

އުއްޗު އަދި ޗަމްޕާ އާއިލާއަކީ ގައުމަށް ދިމާވާ ބޮޑެތި ކާރިސާތަކުގައި ދައުލަތަށް އެތައް ފަހަރަކު އެހީ ފޯރުކޮށްދީފައިވާ ފަރާތްތަކެވެ. އެ ގޮތުން މާލޭގައި ހިނގި ފެނުގެ ކާރިސާގައި ނުހަނު ބޮޑެތި ދީލަތި އެހީތައް އެ އާއިލާ އިން ދައުލަތަށް ވަނީ ވެދީފަ އެވެ. މީގެ އިތުރުން މި ކޮރޯނާވައިރަސްގެ ކާރިސާގައި ވެސް، ޗަމްޕާ އާއިލާ އިން ހިންގާ ޓްރީޓޮޕް ހޮސްޕިޓަލުގެ ފުރިހަމަ އެހީތެރިކަން ސަރުކާރަށް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން މިހާރު ވެސް ވަނީ ދީފަ އެވެ.

http://www.aftfoundation.org/who-we-are/#executiveboard

އެ ނޫނަސް ރާއްޖެއަށް ދިމާވި މިފަދަ އެތައް ދަނޑިވަޅެއްގައި އެބޭފުޅުންގެ އެހީތެރިކަން ސަރުކާރުތަކަށް ދީފައިވެ އެވެ. މީގެ އިތުރުން ވެސް، ކުދިންގެ ތައުލީމަށާއި ރަށްރަށުގެ އުމްރާނީ ތަރައްގީ އާއި މިސްކިތްތައް ބިނާ ކުރުމާއި ޒުވާނުންގެ ދުޅަހެޔޮކަމަށް ވެސް އެތައް އެހީތަކެއް ވަމުން އަންނަ ވިޔަފާރިވެރިންތަކެއް މުޅި ރާއްޖެއަށް ގެއްލުންވާނެ ކަމެއް ނުކުރައްވާނެ އެވެ. އެއީ ޝައްކު އުފައްދަން ޖެހޭ ކަމެއް ނޫނެވެ.

އެ ވިޔަފާރިވެރިންގެ ހިއްސާ އޮތް ޕްރޮޕަޓީއެއްގައި ކިރިއާ ވެސް ނުކިއްސަރުކަމެއް ހިނގި ނަމަވެސް، ފުރަތަމަ މަރުހަލާގައި އެކަންކްކަމަށް ޖަވާބުދާރީވާން ޖެހޭނެ ފަރާތްތަކަކީ އެތަންތަން ހިންގަން ހަވާލުކޮށްފައިވާ ފަރާތްތައް ނޫން ހެއްޔެވެ؟ ވިޔަފާރީގެ އޯނަރު އެފަދަ ކަމެއް ހިންގުމުގެ މައްސަލަހަތަކީ ކޮބައިތޯ އެވެ؟ ކޮންމެ ކަމެއް ސިޔާސީ ކޮށްލައިގެން ގައުމުގެ އިގުތިސާދުގެ މައި ތަނބުތަކުގެ ގޮތުގައި ހިމެނޭ ފަރާތްތައް "އެކި ފޯރަމްތަކުގައި ކަތިލުމުން" ވާނެ ފައިދާ އަކީ ކޮބައިތޯ އެވެ. ތަންކޮޅެއް ފުންކޮށް ކަންކަމާ ދޭތެރޭ ވިސްނާކަށް ނުޖެހޭތޯ އެވެ؟

މިވަގުތަކީ އެ ބޭފުޅުންނާ އެކު ކުރިއަށް ދިޔުމުގެ ވަގުތެވެ. އެ ބޭފުޅުންނަކީ ގައުމު އެދި ގޮވާލާ ކޮންމެ ވަގުތަކު އެހީވާ ބޭފުޅުންނެވެ. އެ ބޭފުޅުންނާ ގުޅުމެއް ނެތް ކަމެއްގައި އެ ބޭފުޅުން ބަދުނާމުކުރުމުގެ މާނައެއް ނެތެވެ. ވިޔަފާރިވެރިންގެ އަގު ވަޒަންކޮށްގެން ކުރިއަށް ދާން ދަސްކުރަން ވެއްޖެ އެވެ. އެ ވިޔަފާރިވެރިންނަކީ އަހަރުމެންގެ ދުސްމަނުންނެއް ނޫނެވެ. އެއީ ގައުމުގެ އެހީތެރިންނެވެ. މުއްސަނދި ވުމަކީ ކުށެއް ނޫނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް