ފްރާންސުގައި ލޮކްޑައުން ތަންފީޒު ކުރަން 100,000 ފުލުހުން މަގުތަކަށް ނެރެނީ

ފްރާންސުގެ ލޮކްޑައުން ތަންފީޒު ކުރުމަށް އެއް ލައްކަ ފުލުހުން މަގުތަކަށް ނެރެން ވަނީ ނިންމާފަ -- ފޮޓޯ: ނިއު ޔޯކް ޓައިމްސް

ޕެރިސް (މާޗް 17): ފްރާންސުގައި ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އާއްމު ތަންތަނަށް މީހުން އެއްވެ އުޅުމާ ދެކޮޅަށް ހަދާފައިވާ ގަވާއިދުތައް ތަންފީޒު ކުރުމަށް، އެގައުމުގެ މަގުތަކަށް 100،000 ފުލުހުން ނެރެން ނިންމައިފި އެވެ.

ފްރާންސުން ކޮރޯނާވައިރަހާ ދެކޮޅަށް އަޅާ ފިޔަވަޅުތަކުގެ ދަށުން މީގެ ކުރިން ވަނީ ރެސްޓޯރެންޓުތަކާއި ސްކޫލުތައް ބަންދުކޮށްފަ އެވެ. އަދި އެގައުމުގެ ރައީސް އިމަނުއެލް މެކްރޮން ރޭ ދެއްވި ތަގުރީރެއްގައި ވަނީ މިއަދުން ފެށިގެން އެގައުމުގެ މީހުން ކާބޯތަކެތި ގަތުމަށާއި ވަޒީފާއަށް ދިޔުމަށާއި ކަސްރަތު ކުރުމަށާއި ސިއްހީ ފަރުވާއަށް ފިޔަވާ ގެއިން ބޭރަށް ނުނިކުތުމަށް އަންގަވާފަ އެވެ. އަދި ކުރިއަށް އޮތް 15 ދުވަސް ތެރޭގައި އެ ގަވާއިދުތަކާ ހިލާފުވާ މީހުންނަށް އަދަބު ދޭނެ ކަމަށް ވިދާޅުވެފަ އެވެ.

"މިއީ ހަނގުރާމައެއް. އަޅުގަނޑުމެން މި ހަނގުރާމަ ކުރަނީ އެހެން އަސްކަރިއްޔާއެއް ނުވަތަ ގައުމަކާ ދެކޮޅަކަށް ނޫން. އެއީ ލޮލަށް ނުފެންނަ ދުޝްމަނެއް އަދި އަޅުގަނޑުމެން އެއާ ދެކޮޅަށް މަސައްކަތް ކުރަން ޖެހޭ،" މެކްރޮން ވިދާޅުވި އެވެ.

ފްރާންސުގެ އިންޓީރިއާ މިނިސްޓްރީން ވަނީ ލޮކްޑައުން ގަވާއިދުތަކާ ހިލާފުވާ މީހުން 151 ޑޮލަރުން ޖޫރިމަނާ ކުރާނެ ކަމަށް ބުނެފަ އެވެ.

މެކްރޮން ވިދާޅުވި ގޮތުގައި އެގައުމުގައި އެއްވެ އުޅުމާ ދެކޮޅަށް މީގެ ކުރިން އެޅި ފިޔަވަޅުތައް ހަރުކަށި ކުރަން ޖެހުނީ، ސަރުކާރުން ކުރިން ދިން އިރުޝާދުތަކާ ހިލާފަށް މިދިޔަ ހަފްތާ ބަންދު ތެރޭގައި މީހުން ޕާކުތަކަށާއި މަގުމައްޗަށް އެއްވެ އުޅުމުގެ ސަބަބުންނެވެ.

އެ ފިޔަވަޅުތަކާއެކުވެސް ފްރާންސުން އެއްވެސް ކުންފުންޏެއް ބަނގުރޫޓުވުމަށް ދޫކޮށްނުލާނެ ކަމުގެ ޔަގީންކަން މެކްރޮން ދެއްވި އެވެ. އެގޮތުން ފްރާންސުގެ ސަރުކާރުން އެގައުމުގެ ވިޔަފާރިތަކަށް 335 ބިލިއަން ޑޮލަރުގެ ލޯނުތައް ދޭނެ ކަމަށާއި ހާލުގައި ޖެހިފައިވާ ކުދި ވިޔަފާރިތަކުގެ ކުއްޔާއި ކަރަންޓާއި ފެން ބިލް ސަސްޕެންޑު ކުރާނެ ކަމަށް މެކްރޮން ވިދާޅުވެފަ އެވެ.

މީގެ އިތުރުން ބަލި މީހުން ހޮސްޕިޓަލަށް ގެންދިޔުމުގައި ސިފައިން ހަރަކާތްތެރިވާނެ ކަމަށާއި 30 އައިސީޔޫ އެނދާއެކު ފްރާންސުގެ އިރުމަތީގައި އަސްކަރީ ހޮސްޕިޓަލެއް ހަދަން ހަމަޖެހިފައިވާ ކަމަށް މެކްރޮން ވިދާޅުވި އެވެ. އަދި އެގައުމުން ވަނީ މިދިޔަ އާދިއްތަ ދުވަހު ބޭއްވި މުނިސިޕަލް އިލެކްޝަންގެ ދެވަނަ ބުރު އަންނަ އާދިއްތަ ދުވަހު ބާއްވަން ހަމަޖެހިފައި އޮތް ނަމަވެސް އެ ވޯޓު ފަސްކޮށްފަ އެވެ. މިދިޔަ އާދިއްތަ ދުވަހު ބޭއްވި އިންތިހާބުގައި ވޯޓު ލާފައި ވަނީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން އެންމެ 45 ޕަސެންޓު މީހުންނެވެ.

މިދިޔަ ޑިސެމްބަރު މަހު ޗައިނާއިން ފެނުނު ކޮރޯނާވައިރަސް މިހާރު އެންމެ ބޮޑަށް ފެތުރިފައިވާ ގައުމުތަކުގެ ތެރޭގައި ގިނައީ ޔޫރަޕްގެ ގައުމުތަކެވެ. އަދި ޔޫރަޕިއަން ޔޫނިއަންއިން މިހާރު ދަނީ އެޔޫނިއަންގެ ގައުމުތަކަށް، ބޭރުގެ ގައުމުތަކުން ޒަރޫރީ ބޭނުމަކާ ނުލައި ދަތުރު ކުރުން 30 ދުވަހަށް ހުއްޓުވުމާ ބެހޭ ގޮތުން މަޝްވަރާ ކުރަމުންނެވެ.

މިހާރުވެސް ޔޫރަޕްގެ ގިނަ ގައުމުތަކުގައި ވަނީ މީހުން އެއްވެ އުޅުމާއި ގައުމުގެ ބޯޑަރު ހުރަސް ކުރުމާ ގުޅުން ހުރި ގަވާއިދުތައް ހަރުކަށިކޮށްފަ އެވެ.

ޔޫރަޕްގައި ވައިރަހަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު މިހާރު 50،000އަށް ވުރެ އިތުރުވެފައިވާ އިރު އޭގެ ތެރެއިން 27،000އަށް ވުރެ ގިނަ މީހުން ތިބީ އިޓަލީގަ އެވެ. އަދި މުޅި ދުނިޔޭގައި މިހާރު 155 ގައުމަކާއި ޓެރިޓަރީއަކުން ވައިރަސް ފެނި، 183،000އަށް ވުރެ ގިނަ މީހުން ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި އޭގެ ސަބަބުން 7,166 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް