އޮލިމްޕިކް ޓޯޗު ހަވާލުކުރާނީ ހުސް ސްޓޭޑިއަމްއެއްގައި

އޮލިމްޕިކް ގޭމްސް ޓޯޗު ހަވާލު ކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދާނީ އޭތެންސްގެ ބަންދުކޮށްފައިވާ ސްޓޭޑިއަމްއެއްގައި --- ފޮޓޯ : ދަ ސްޓާ

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޓޯކިޔޯ 2020 އޮލިމްޕިކް ގޭމްސްގެ ޓޯޗު ހަވާލުކުރުމުގެ ރަސްމިއްޔާތު ކުރިއަށްދާނީ ހުސް ސްޓޭޑިއަމެއްގައި ކަމަށް ގްރީސްގެ އޮލިމްޕިކް ކޮމިޓީއިން ބުނެފިއެވެ.

ކޮންމެ އޮލިމްޕިކް މުބާރާތަކާ ގުޅުވައިގެން ގްރީސްއިން އެ އަހަރެއްގެ ހޯސްޓް ގައުމަކާ އޮލިމްޕިކް ޓީޗު ހަވާލުކުރެއެވެ. މިއަހަރުގެ އޮލިމްޕިކްސް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖަޕާނުގެ ވެރި ރަށް ޓޯކިޔޯގައެވެ.

ކޮރޯނާއާ ގުޅިގެން މި ހަފްތާގައި ގްރީސްގެ އެތެންސްގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޓޯޗު ހަވާލުކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދާނީ ހުސް ސްޓޭޑިއަމެއްގައެވެ.

ޓޯޗު ހަވާލުކުރުމުގެ ރަސްމިއްޔާތަކީ ގިނަ ހަރަކާތްތަކާއެކު އެތައް ބައެއްގެ ހާޒިރުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ. އެހެންނަމަވެސް ގްރީސްގެ އޮލިމްޕިކް ކޮމިޓީއިން ވަނީ ރަސްމިއްޔާތާއެކު އޮންނަ އިތުރު ހަރަކާތްތައް އެއްކޮށް ކެންސަލުކޮށްލާފައެވެ.

"އޮލިމްޕިކް ކޮމިޓީއިން ނިންމާފައިވަނީ ޓޯކިޔޯ 2020 ހަވާލުކުރުމުގެ ރަސްމިއްޔާތު ކުރިއަށްދާނީ މި ހަފްތާ ބުރާސްފަތި ދުވަހުގައި ބަންދުކޮށްފައިވާ ސްޓޭޑިއަމް އެއްގައި،" އެ ކޮމިޓީއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ކޮރޯނާއާ ގުޅިގެން ދުނިޔޭގެ ބޮޑެތި ކުޅިވަރު ހަރަކާތްތައް މަޑުޖައްސާލަމުން ދިޔަ ނަމަވެސް އޮލިމްޕިކްސް މެދުކަނޑާލުމާ ގުޅޭގޮތުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. އެހެންނަމަވެސް މިއަހަރު މުބާރާތް ބާއްވާ ގައުމުގެ ބޮޑު ވަޒީރު ޝިންޒޯ އަބޭ ވިދާޅުވީ އެ މުބާރާތް ރާވާފައިވާ ތާރީހުގައި އެ ކުރިއަށް ދާނެ ކަމަށެވެ.

މިއަހަރުގެ އޮލިމްޕިކްސް ކުރިއަށް ގެންދާނީ ޖުލައި 24 އިން ފެށިގެން އޯގަސްޓު ނުވައަކަށެވެ.

comment ކޮމެންޓް