އާންމުންގެ އެދުމަށް ތޮއްޑުއަށް މީހުން އަރައިފޭބުން ކޮންޓްރޯލުކޮށްފި

އއ. ތޮއްޑޫ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތޮއްޑޫ ރައްޔިތުންގެ އެދުމަކަށް އެ ރަށަށް މީހުން އަރައި ފޭބުން ކޮންޓްރޯލުކޮށްފި އެވެ.

ތޮއްޑޫ ކައުންސިލުގެ ނައިބު ރައީސް ހަސަން އަބްދުﷲ "ސަން"އަށް މިއަދު ވިދާޅުވީ މިއީ މި ދުވަސްވަރު ފެތުރެމުންދާ ކޮރޯނާވައިރަސްއާ ހުރެ، ރައްޔިތުންގެ އެދުމުގެ މަތިން ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހު އެޅި ފިޔަވަޅެއް ކަމަށެވެ.

"މިހާރު ގާނޫނު އޮންނަ ގޮތުން، ރައްޔިތުންގެ ބައިވެރިވުމާއެކު ކަންކަން ނިންމަނީ. ކައުންސިލުން ރައްޔިތުން ބޭނުންވާ ގޮތަކަށް އެހީތެރިކަން ފޯރުކޮށްދެނީ މި. ރަށުގެ ގެސްޓްހައުސްތަކުގެ އޯނަރުންނާއި ވިޔަފާރިވެރިން ވެސް ބޭނުންވަނީ މިވަގުތަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ބެލުމަށްފަހު އިހަށް މީހުން އަރައިފޭބުން މަޑުޖައްސާލަން. އެއްކޮށް މަނާކުރީއެއް ނޫން،" ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ރޭ ބޭއްވި ބައްދަލުވުމުގައި ގެސްޓްހައުސް ހިންގާ ފަރާތްތަކާއި ވިޔަފާރިވެރިންގެ އިތުރުން އޮޑިވެރިންނާއި ލޯންޗު އޮޕަރޭޓަރުންނާއި ދަނޑުވެރިން ވެސް ބައިވެރިވި ކަމަށެވެ.

"ރޯދަ މަހާ ދިމާކޮށް މި ރަށު ދަނޑުތަކުގައި މިހިރީ ކަރާ، ކިއުކަމްބާ ފަދަ ތަކެތި އިންދާފައި. މިހާ ހޫނު ގަދަ ދުވަސްވަރެއްގައި [ކޮވިޑް-19 ފެތުރުން ފަދަ ކަމެއް ދިމާވެގެން] އެންމެ ދުވަހަކު ފެން ނުދެވުނަސް އެތަކެތި މަރުވެގެންދާނެ،" ހަސަން ވިދާޅުވި އެވެ.

ތޮއްޑުއަކީ ރާއްޖޭގައި، އެންމެ ފުޅާދާއިރާއަކަށް ދަނޑުވެރިކަން ކުރާ ރަށެވެ.

ހަސަން ވިދާޅުވީ މީހުން އަރައި ފޭބުން ކޮންޓްރޯލު ކުރުމުގެ އިތުރުން އަތޮޅު ފެރީގެ ހިދުމަތް ވެސް މަޑުޖައްސާލަން މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ނަމަވެސް މިހާރު އެ ރަށުގެ ގެސްޓްހައުސްތަކުގައި ތިބި ފަތުރުވެރިން ދާން ބޭނުން ކޮންމެ ދުވަހަކު ވެސް އެރަށުން ދިއުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ހަސަން ވިދާޅުވި އެވެ.

ތޮއްޑޫއަށް މީހުން އަރައި ފޭބުން ކޮންޓްރޯލު ކުރުމުގެ ފިޔަވަޅުތައް މި މަހުގެ ނިޔަލަށް ދަމަހައްޓާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ ފިޔަވަޅުތައް އެޅުން ހުއްޓާލާނީ ނުވަތަ މުއްދަތު އިތުރުކުރާނީ ހާލަތަށް ބެލުމަށްފަހު ކަމަށް ހަސަން ވިދާޅުވި އެވެ.

ތޮއްޑޫ އަކީ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރުމުގެ އިތުރުން ރަށު ފަތުރުވެރިކަމުގެ ވެސް ހަބެކެވެ.

comment ކޮމެންޓް