ޖީއެމްއާރުން ހިންގާ އިބްރާހިމް ނާސިރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގެ އެރައިވަލް ފަރާތުގައި އިންޓަނޭޝަނަލް އެއާލައިންތަކަށް އަލަށް ހެދި އޮފީސް ކޮމްޕްލެކްސް އެއާލައިންތަކާ ހަވާލުކޮށް، ބޭނުން ކުރަން ފެށުމުގެ ކުރިން އޮފީސް ބްލޮކްތަކަށް ލީކްވާން ފަށައިފި އެވެ.
މަސްލަތަހަށް ޓަކައި ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި އެއާލައިންތަކުގެ އޮފިޝަލުން މިއަދު ވިދާޅުވީ އޮފީސްތަކުގެ ސީލިންގުންނާއި ފާރުތަކުން ފެން ލީކްވާތީ އެތަންތަން ބޭނުން ނުކުރެވޭ ވާހަކަ ޖީއެމްއާރުގެ މެނޭޖުމަންޓްގައި ބުނެފައިވާނެ ކަމަށާއި އެތަންތަން އެ ގޮތަށް ހުރެގެން ބޭނުން ނުކުރެވޭނެ ކަމަށެވެ.
ރާއްޖެ އަށް އޮޕަރޭޓް ކުރާ ހުރިހާ އެއާލައިންތަކުން ވެސް އެތަނުން ވަނީ އޮފީސް ދޫކޮށްފަ އެވެ. ނަމަވެސް ފެންލީކުވުމުގެ މައްސަލަ ހައްލުނުވާތީ އެތަނަށް ބަދަލުވީ އަދި ދެތިން އެއާލައިނަކުން ކަމަށް އެއާލައިންތަކުން ވާހަކަ ދެއްކެވި ބޭފުޅުން ވިދާޅުވި އެވެ.
އެ ބޭފުޅުން ވިދާޅުވީ އެ ތަން ހަދާފައި ހުރީ ވަރަށް ފެންވަރުދަށްކޮށް ކަމަށާއި ފާރުތަކުގެ ތިރީގައި ފަންގަސްފަޅައި މުޅި ތަން "ރަޑަވެފައި"ވާ ކަމަށެވެ.
"މުޅި ސީލުންގުން ލީކްވަނީ. އޮފީސް ތެރެ އޮންނަނީ ފެންބޮޑުވެފައި. ފާރުތަކުގައި ފަންގަސް ފަޅާފައި." އެއާލައިނެއްގެ އޮފިޝަލަކު ވިދާޅުވި އެވެ.
ޕިއާ ބްރިޖު އަދި ވެއާހައުސް ކައިރިން ވަދެވޭ ގޮތަށް އަލަށް ހެދި އޮފީސް ކޮމްޕްލެކްސް އެއާލައިންތަކަށް ހަވާލު ކުރުމަށް ފަހު ޖީއެމްއާރުން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެއާޕޯޓުގެ މެއިން ޑިޕާޗާ ޓާމިނަލާ ގުޅިފައިވާ އެ އޮފީސް ކޮމްޕްލެކްސް އަކީ ޖީއެމްއާރުން އެއާޕޯޓް ޑެވޮލަޕް ކުރުމުގެ މަޝްރޫއަށް އެޅުނު "މައިލްސްޓޯން"އެއް ކަމަށެވެ.
ޖީއެމްއާރުގެ މީޑިއާ އޮފިޝަލް މަހީކާ ޗަންދުރަސޭނާ މިއަދު ވިދާޅުވީ ލީކްވާ ތަންތަން މަރާމާތު ކުރާނެ ކަމަށާއި ކޮމްޕްލެކްސްގެ މަސައްކަތް ކުރީ ސަންކެން ލަންކާގެ ފަރާތުން ކަމަށާއި އެ ފަރާތާ އެ މަސައްކަތް ހަވާލު ކުރީ ހުޅުވިފައިވާ ބީލަމެއްގެ ތެރެއިން ކަމަށެވެ. ނަމަވެސް އެކަމަށް ޖީއެމްއާރު ހަރަދު ކުރީ ކިހާވަރެއް ކަން ހާމަ ނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަން އާ ވާހަކަ ދެއްކި ބައެއް ބޭފުޅުން ވިދާޅުވީ "ބާލިދީ އެއާޕޯޓް"ގެ ނަމުން އަޑު އަރުވާފައިވާ އެއާޕޯޓް ތަރައްގީ ކުރާ އިރު އަލަށް ހަދާ އިމާރާތްތަކުގައި ވެސް ބާލިދާ ބަހައްޓައިގެން ފެން ހިއްކަން ޖެހުން ނޫނީ ފެން ވެހޭ ތަންތަނުގައި ބާލިދީ ބަހައްޓަން ޖެހުމަކީ ހިތާމަކުރަން ޖެހޭ ކަމެއް ކަމަށެވެ.
މާލޭ އިންޓަނޭޝަނަލް އެއާޕޯޓް، އިންޑިއާގެ ވިޔަފާރި ކުންފުނި ޖީއެމްއާރަށް މިދިޔަ އަހަރު ކުއްޔަށް ދިނީ 25 އަހަރަށެވެ. ނަމަވެސް ދެ ފަރާތް ވާހަކަ ދައްކައިގެން ގިނަވެގެން އިތުރު 10 އަހަރަށް ކުއްޔަށް ދެވިދާނެ ކަމަށް އެގްރީމަންޓްގައި އޮންނާނެ ކަމަށް އެކޮނަމިކް މިނިސްޓަރު މަހަމޫދު ރާޒީ މިއަދު ވިދާޅުވި އެވެ.