މަންމައިންގެ ފަރާތުން ލޯތްބާއިއެކު "މަމްސް އެންޖީއޯ"

މަމްސް އެންޖީއޯގެ އެކްސްކޯގެ ބައެއް މެންބަރުން -- ސަން ފޮޓޯ: ފަޔާޒު މޫސާ

ގަޑިން ރޭގަނޑު 11 ޖަހާ ބޮޑުވެއްޖެ އެވެ. ހަމަސްވެސް ނުވާ ކުޑަކުޑަ ދަރިފުޅުގެ ބުއްދަޅު ހުސްވެގެން މަންމަ ހުރީ ގޮތްހުސްވެފަ އެވެ. ފިހާރަތައް ބަންދުވެއްޖެ އެވެ. ފައިސާއެއް ނެތެވެ. އެ މަންމައަށް އޮތް ހަމައެކަނި އުންމީދަކީ ފޭސްބުކްގައި ހިންގަމުން އަންނަ މަންމަމެންގެ ކޮމިއުނިޓީ "މަމްސް ގްރޫޕް"އެވެ. އެ ނިކަމެތި ހާލުގެ ވާހަކަ އެ ގުރޫޕަށް ހިއްސާކޮށްލުމާ އެކު، އެންމެ 15 މިނިޓުތެރޭ އެ ގްރޫޕުން އޭނާގެ ދަރިފުޅަށް ބޭނުންވާ ފޯމިއުލާ ކިރު ހޯދައިދީ ގެޔަށް ގެނެސްދިނެވެ.

މިއީ ރާއްޖޭގައި މީހުން ދިރިއުޅޭ 87 ރަށުގައި ނުހަނު ހަރަކާތްތެރިކޮށް ހިންގަމުން އަންނަ "މަމްސް އެންޖީއޯ" އިން އެހީވެދިން އެންމެ މަންމައެއްގެ ވާހަކަ އެވެ. ދޮޅު އަހަރުވެސް ނުވާ މި ވަރުގަދަ ޖަމިއްޔާއިން ހިނިތުންވުމެއް ގެނެސްދިން އެތައް މަންމައިންނެއް އެބަތިއްބެވެ. ދިރިއުޅުން ކޮޅަށް ޖަހައިދިން އެތައް އާއިލާއެއް އެބަތިއްބެވެ.

މަމްސް އެންޖީއޯގެ ބައެއް މެންބަރުން ސަން އަށް އިންޓަވިއު ދެނީ --- ފޮޓޯ:ފަޔާޒް މޫސާ/ސަން

މަމްސް އެންޖީއޯގެ ފެށުމަކީ ފޭސްބުކްގައި ހިންގާ މަމްސް ކޮމިއުނިޓީ ގްރޫޕެވެ. ތެއްތިރީސްހާހާއި ގާތްކުރާ މެންބަރުން މިވަގުތު އެ ކޮމިއުނިޓީގައި ތިބި އިރު، މިއީ މިހާ ފުޅާކޮށް މިވަގުތު މަންމައިންނަށް ހާއްސަކޮށްގެން އޮންލައިން ޕްލެޓްފޯމެއްގައި ހިންގާ އެންމެ ފުޅާ ގްރޫޕެވެ. ކުޑަވަރެއްގެ ހޮޅުއަށްޓެކެވެ. އެހީތެރިންކަން ބޭނުންވާ އެންމެންގެ ފުރަތަމަ އެހީތެރިޔާ އެވެ. ރަހުމަތްތެރިއެއް ބޭނުންނަމަ ހާހުން ގުނާލެވޭނެ އެވެ. ބަނޑުބޮޑުވުމާ ހަމައިން ދަރިފުޅު ފުރާފުރިހަމަވުމާ ހަމައަށް ބޭނުންވާނޭ އެކިއެކި އެހީތެރިކަން ތިމާ ކަހަލަ އެތައް މަންމައިންނެއްގެ ފަރާތުން ލިބިދެވޭނެ އެވެ.

އޮންލައިން ގްރޫޕަކުން އަމިއްލަ ޖަމިއްޔާއަކަށް މި ޖަމިއްޔާ ފުޅާވުމުގެ މަގްސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެހީތެރިކަން ބޭނުންވާ މަންމައިންނާއި، ދަރިން އަދި އަންހެނުންނާއި އާއިލާތަކަށް އެހީވެދިނުމެވެ.

"ގޭގައި އުޅެފައި މިހެން ނުކުމެލައިގެން ނޭނގޭނެ އަސްލު މީހުން އުޅޭ ހާލަތެއް. އެންޖީއޯއާއި ގުޅިގެން މަސައްކަތްކުރަން ފެށިި ހިސާބުން އަޅުގަނޑަށްވެސް އެނގުނީ މާލޭގައިވެސް އަދި ރާއްޖެތެރޭގައިިވެސް ވަރަށް ހާލުގައި އުޅޭ މައިންވެސް އާއިލާވެސް އުޅޭކަން. އަޅުގަނޑުމެންނާއި ހިސާބަށް އެބައާދޭ ދަރިފުޅަށް ކިރުދަޅެއްވެސް ނެތިގެން. ފިރިއެއްގެ އެހީތެރިކަން ނުލިބި އަޅާލުމެއް ނެތް މަންމައިން. އެކަމަކު މިއަދު އެފަރާތްތަކަށް އެހީތެރިވެވޭތީ ވަރަށް އުފާވޭ" އެންޖީއޯ އިން ބުންޏެވެ.

'މަމްސް' ގެ ފަރާތުން ހިންގާ ހުރިހާ ހަރަކާތްތަަކަކީވެސް މިފަދަ ފަރާތްތަކަށް އެހީވުމަށް، ހިންގާ ޕްރޮގްރާމްތަކެވެ.

މިގޮތުން މާލީގޮތުން އެހީތެރިވުމަށްޓަކައި، ވަގުތީ އެހީ ފައިސާގެ ގޮތުން ދިނުމާއި އެކުވެސް މި ޖަމިއްޔާއިން ބޮޑަށް ސަމާލުކަންދެނީ ދިގު މުއްދަތަކަށް ފައިދާވާނޭ ފަދަ ގޮތަކަށް މަންމައިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. މިގޮތުން އެކިކަހަލަ ހުނަރުތައް ހުންނަ ފަރާތްތަކަށް އެ ހުނަރުތައް ބޭނުންކޮށްގެން އާމްދަނީ ހޯދޭނެ ގޮތް ތަނަވަސްކޮށްދިނުމާއި، ތަމްރީނު ހޯދައިދިނުންވެސް ހިމެނެ އެވެ. ހަމައެޔާއެކު، "ބެކްޓު ސްކޫލް"ގެ ނަމުގައި ހިންގި ހާއްސަ ޕްރޮގްރާމެއްގައި 100 އަށްވުރެ ގިނަ ކުދިންނަށް ސްކޫލަށްދިއުމަށް ބޭނުންވާނޭ ޔުނިފޯމާއި އެހެނިހެން ތަކެތި މި ޖަމިއްޔާއިންވަނީ ފޯރުކޮށްދީފަ އެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ލޯންގް ޓާމް އިންވެސްޓްމަންޓެއް ބޭނުންވާ މީހާއަށްވެސް އެހީވާން. މިސާލަކަށް ކޭކުއަޅަން ބޭނުންވާ މީހާއަށް އެކަމަށް ބޭނުންވާ ތަމްރީނުދީ، ވަސީލަތްތައްދީ، އެ ޕްރޮޑަކްޓެއް ވިއްކަން ޕްލެޓްފޯމްވެސް ކްރިއޭޓް ކޮށްދެން. ވާހަކައަކީ ގޭގައި ތިބެގެންވެސް އާމްދަނީ ހޯދަން އެބަ ސަޕޯޓްކޮށްދެން" މަމްސް އެންޖީއޯގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެޔާއެކު، މަމްސް އެންޖީއޯއިން މުޖްތަމައަށްވެދޭ އެންމެ ބޮޑު އެހީތެރިކަމަކީ ހޭލުންތެރިކަމެވެ. ދަރިމައިވުމާ، ބަނޑުބޮޑުވެ ވިހައިގެންވެސް އަންހެނުންނަށް ބޭނުންވާ ސައްހަ މައުލޫމާތު ކަމާއިބެހޭ އެކްސްޕާޓުންގެ އެހީގައި މުޖްތަމައަށް ފޯރުކޮށްދިނުމަކީ ވަރަށް ބޮޑު ސަމާލުކަމެއް ދީގެން މި ޖަމިއްޔާއިން ކުރާ ކަމެކެވެ. ނަފްސާނީ ދުޅަހެޔޮކަމާއި، ހާއްސަކޮށް ވިހެއުމަށްފަހު ދިމާވާ "ޕޯސްޓް ޕާޓަމް ޑިޕްރެޝަން" އާއި ވެކްސިން ދިނުމާއި، އިނގިރޭސިބަަސް ބޭނުންކުރަން އެހީވުމާ، ފިޓްނަސް ޕްރޮގްރާމްތައް ފަދަ އެތައް ހަރަކާތްތަކެއް މިވީ ކުރު މުއްދަތުގެ ތެރޭގައި މި ޖަމްއިއްޔާއިން ވަނީ ކާމިޔާބު ކަމާ އެކުކޮށްފަ އެވެ.

ހަމައެޔާއެކު 'މަމްސް'ގެ ފަރާތުން އެންމެ ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންގޮސްފައިވާ އެއް ޕްރޮގްރާމަކީ 'މަމްސް އެކްސްޕޯ' އެވެ. ޖުމްލަ 70 ސްޓޯލާއި އެކު ކުރިއަށްދިޔަ މި ހަރަކާތަކީ ވިޔަފާރިވެރި އަންހެނުންނަށާއި އަދި ހާއްސަކޮށް މަންމައިންނަށް އެހީވުމަށާއި އަންހެނުން ބާރުވެރިކުރުމަށް އެހީވެ، އެވިޔަފާރިތައް ކުރިއެރުވުމަށް އިތުރު އެހީތެރިކަމެއް ފޯރުކޮށްދިނުމަށް މަމްސްއިން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މުޅި މި ހަރަކާތުގެ ހުރިހާކަމެއް ރާވާ ހިންގައި އިންތިޒާމްކުރީ މަމްސް އެންޖިއޯގެ ހީވާގި ކަނބަލުންނެވެ.

ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު މަމްސް އެކްސްޕޯ 2019 އިފްތިތާހު ކޮށްދެއްވުން -- ފޮޓޯ/ ރައީސްއޮފީސް

މީގެއިތުރުން މިހާރު "މަމްސް" އިން އަވަދިނެތި މަސައްކަތްކުރަމުންދަނީ މުޅި ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް "އެޑިއުކޭޝަން ފޯ އޯލް" ކެމްޕެއިންގެ ދަށުން އޮގްމެންޓެޑް ރިއަލިޓީ ޑިޖިޓަލް އެޑިއުކޭޝަން ސިސްޓަމްއެއް ތައާރަފްކުރުމަށެވެ. ހޮލޮގޯއާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ދިރާގާ ގުޅިގެން "މަމްސް" އިން ކުރިއަށްގެންދާ މި ޕްރޮޖެކްޓްގެ ޕައިލެޓް ޕްރޮގްރާމެއް ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 39 ސްކޫލަކާއި އެކީގައި މިހާރު ވަނީ ލޯންޗްކޮށްފަަ އެވެ.

މިހާ ބުރަކޮށް ބޮޑެތި ޓެކްނިކަލް މަސައްކަތްތައްވެސް އެއްވެސް ފަސްޖެހުމެއް ނެތި "މަމްސް" އިން ކުރިއަށްގެންދާއިރު، އެ ޖަމިއްޔާއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މާލީ ދަތިކަމެވެ. ޖަމިއްޔާގެ ހުރިހާ ޕްރޮގްރާމަކީވެސް އެއްވެސް ފީއަކާއި ނުލާ ކުރިއަށްގެންދާ ހަރަކާތްތަކަށް ހެދުމަށް އެ ޖަމއްިޔާ އިން މަސައްކަތްކުރެ އެވެ. އެހެންނަމަވެސް ރާއްޖޭގެ އެކި ރަށްތަކުގައިވެސް ފުޅާ ދާއިރާއެއްގައި ހަރަކާތްތައް ހިންގުމަށް ކޮންމެވެސް ވަރެއްގެ ހަރަދުތަކެއް ހިނގާތީ އެފަދަ ހުރަސްތަކެއް ކޮންމެވެސް ވަރަކަށް މި ޖަމިއްޔާއަށް އެބައޮތެވެ.

މަމްސް އެންޖީއޯގެ އެކްސްކޯ ބައެއް މެންބަރުން -- ސަން ފޮޓޯ: ފަޔާޒު މޫސާ

މަމްސްގެ ހިންގުންތެރި އެކްސްކޯގައި ކޯފައުންޑަރުންނާ އެކު، 11 މެންބަރުން ހިމެނޭއިރު، އިންޓަވިއުގައި ބައިވެރިވި ހުރިހާ މެންބަރުންނަކީވެސް މިވަގުތު "ސްޓޭ އެޓްހޯމް މަމްސް" ނުވަތަ ގޭގައި ދަރިފުޅާއި އެކު ތިބޭ ބައެކެވެ.

އެ ބައިވެރިންނަށް "މަމްސް" އަކީ ދެވަނަ ދަރިފުޅެވެ. ދަރިފުޅާއި އެކީގައި ހޭދަކުރާ ވަގުތުތަކަށްފަހު ކިތަންމެ ވަރުބަލިވިޔަސް ފޫހިކަމެއް ނެތި "މަމްސް" ގެ މަސައްކަތުގައި އެއްވެސް އުޖޫރައެއްނެތި، ދަރުމަވެރިންގެ ގޮތުގައި ހޭދަކުރެވެނީ އުފަލާއި ހިތްހަމަޖެހުމާއި އެކުގަ އެވެ. ކުރިން ނުވެސް ދަންނަ ބަޔަކު މިއަދުވެފައިވަނީ އެއް އާއިލާއަކަށެވެ.

ކޯފައުންޑަރުންގެ ވަރުގަދަ އަޒުމާއި އަދި މަމްސްގެ މެންބަރުންގެ އެހީގައި "މަމްސް" ގެ ފަރާތުން އެހީތެރިކަން ބޭނުންވެފައި ތިބި އެތަށް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދެވުނުއިރު، "މަމްސް"ގެ ފަރާތުން ކޮންމެ މެންބަރަކަށްވެސް އެތަށް ބައިވަރު ފިލާވަޅެއް ދަސްކޮށްދީފި އެވެ. ކޮންމެ މީހަކީ މަންމައެއްގެ އިތުރަށް މިއަދު އެތަށް ހުނަރުތަކެއް ހުރި މަސައްކަތްތެރީންނެވެ.

comment ކޮމެންޓް