ދައުލަތަށް ލިބުނު އާމްދަނީ ދަށްވިޔަސް ހަރަދު އިތުރުވެއްޖެ

މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ފާއިތުވި ހަފްތާ ދައުލަތަށް ލިބުނު އާމްދަނީ އަށްވުރެ ހަރަދު އިތުރުވެފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކައިފިއެވެ.

އެ މިނިސްޓްރީ އިން އާންމުކޮށްފައިވާ މި އަހަރުގެ އަށްވަނަ ހަފްތާގެ ތަފާސް ހިސާބުތައް ދައްކާގޮތުން އާމްދަނީގެ ގޮތުގައި ދައުލަތަށް 3.4 ބިލިއަން ރުފިޔާ ލިބުނުއިރު، ހަރަދު ކޮށްފައިވަނީ 3.9 ބިލިއަން ރުފިޔާ އެވެ.

މި އާމްދަނީއަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބުނު އާމްދަނީ އާއި އަޅާބަލާއިރު 782.2 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

ޖީއެސްޓީގެ ގޮތުގައި މިދިޔަ ހަފްތާ ދައުލަތަށް 1.2 ބިލިއަން ރުފިޔާ ލިބުނުއިރު، މި މުއްދަތިގެ ތެރޭގައި އެއާޕޯޓު ސާވިސް ޗާޖުގެ ގޮތުގައި ދައުލަތަށް 125 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއާޕޯޓު ޑިވެލޮޕްމެންޓް ފީ ގެ ގޮތުގައި މި މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 126 މިލިއަން ރުފިޔާ އެވެ.

ދައުލަތުގެ ދަތުރުތަކަށް މިދިޔަ ހަފްތާ 22.6 މިލިއަން ރުފިޔާ ހަރަދުވެފައިވާކަމަށް ފިނޭންސްގެ ތަފާސް ހިސާބުތައް ދައްކާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ދަތުރުތަކަށް 29.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

އާސަންދައަށް ދައުލަތުގެ ބަޖެޓުން ފާއިތުވި އަށް ހަފްތާ ތެރޭގައި 99 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ފާއިތުވި އަށް ހަފްތާގެ ތެރޭގައި 764.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ދައުލަތުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް 10.42 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.

comment ކޮމެންޓް