އީރާން އަދި ކޮރެއާގެ ދެ ސަރަހައްދަކުން ރާއްޖެއަށް މީހުން އައުން މަނާކޮށްފި

އީރާނުގައި ކޮވިޑް-19 ރޯގާ ދަނީ ވަރަށް ބާރަށް ފެތުރެމުން -- ފޮޓޯ: އީޕީއޭ

ކޮވިޑް-19 ރޯގާ ވަރަށް ބޮޑަށް ފެތުރެމުން އަންނަ އީރާން އަދި ސައުތު ކޮރެއާގެ ދެ ސަރަހައްދަކުން ރާއްޖެއަށް މީހުން އައުން ވަގުތީ ގޮތުން މަނާކުރަން ސަރުކާރުން ނިންމައިފި އެވެ.

އެކަން ސަރުކާރުން އިއުލާން ކުރީ، މިރޭ ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އެވެ.

މިނިސްޓަރު ވިދާޅުވީ އީރާނުން ނުވަތަ އީރާނު މަގުން ރާއްޖެއަށް މީހުން އައުން މިވަގުތަށް މަނާކޮށްފައިވާ ކަމަށެވެ. އަދި ސައުތު ކޮރެއާގެ ދެ ސަރަހައްދަކުން މީހުން އައުން މެދުކަނޑާލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ސައުތު ކޮރެއާގެ ޑޭގޫ އަދި ގްޔޮންގްބުކް އިން ރާއްޖެއަށް މީހުން އައުން މެދުކަނޑާ މިލަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މި ސަރަހައްދުތަކަކީ އެ ގައުމުގައި ބަލި އެންމެ ބޮޑަށް ފެތުރެމުންދާ ސަރަހައްދުތަކެވެ.

ސައުތު ކޮރެއާއަކީ ޗައިނާއަށް ފަހު ދެން އެންމެ ގިނައިން ކޮވިޑް-19ގެ ކޭސްތައް ރިޕޯޓްކޮށްފައިވާ ގައުމެވެ.

ސައުތު ކޮރެއާގައި ބަލީގެ ހާލަތު:

  • ބަލި ޖެހުނު - 139 މީހުން
  • މަރުވީ - 19 މީހުން
  • ހާލު ސީރިއަސް - 18 މީހުން
  • ބަލި ފަސޭހަވީ - 24

މިނިސްޓަރު އަމީން ވިދާޅުވީ، އީރާނުން މީހުން އައުން މެދުކަނޑާލި ސަބަބަކީ، އެގައުމަކީ މެދުއިރުމައްޗަށް ބަލި ފެތުރުމުގެ އަސްލު ކަމަށްވެފައި ވާތީ، އެގައުމުގައި ބަލީގެ ހާލަތު އޮތް ގޮތާ ގުޅޭ މައުލޫމާތު ލިބުމުގައި ދަތިތައް ހުރުމުގެ ސަބަބުން ކަމަށެވެ.

"އީރާނުގެ މައުލޫމާތުތައް ލިބުމުގައި އެބަހުރި ގޮންޖެހުންތައް. އީރާނުގެ ވަށައިގެން ހުރި ގައުމުތަކަށް ފެތުރުމުގައި އީރާނު މެދުވެރިވެގެން ވަރަށް ބޮޑަށް ފެތުރިފައި ހުރީ،" މިނިސްޓަރު ވިދާޅުވި އެވެ.

އީރާނުގައި ވެސް ވަރަށް ބާރަށް ކޮވިޑް-19 ފެތުރިފައިވާ އިރު، އެ ބަލި ވަނީ އެ ގައުމުގެ ހެލްތް މިނިސްޓްރީގެ އިސް އޮފިޝަލަކަށް ވެސް ޖެހިފަ އެވެ. އަދި މިއަދު އެކަނިވެސް 44 މީހަކަށް ކޮވިޑް-19 ޖެހިފައިވާކަން އެ ގައުމުން ވަނީ ޔަގީންކޮށްދީފަ އެވެ. އެކަމާ ގުޅިގެން، އެ ގައުމާ ބޯޑަރު ހިއްސާކުރާ ގައުމުތަކުން ވަނީ ބޯޑަރުތައް ބަންދުކޮށްފަ އެވެ.

އީރާނުގައި ބަލީގެ ހާލަތު:

  • ބަލި ޖެހުނު - 139 މީހުން
    މަރުވީ - 19 މީހުން
    ހާލު ސީރިއަސް - 18 މީހުން
    ބަލި ފަސޭހަވީ - 25 މީހުން

މި ދެ ގައުމަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށް ފޮރިން މިނިސްޓްރީ އިން އިލްތިމާސް ކޮށްފައިވާއިރު މި ދެ ގައުމުގައި މިވަގުތު ދިރިއުޅޭ އަދި އެ ގައުމަށް ޒިޔާރަތްކުރާ ދިވެހީން ފޮރިިން މިނިސްޓްރީގައި ރެޖިސްޓްރީ ވުމަށް އެ މިނިސްޓްރީ އިން ވަނީ އެދިފައެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ކޮވިޑް19 ގެ ހާލަތަކީ ކޮންމެ ދުވަހަކުވެސް ހުރިހާ ގައުމެއްގައިވެސް ބަދަލުވަމުންދާ ހާލަތެއް ކަމަށާއި އެ ހާލަތާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.

"މިއީ ބޮޑު ރޯގާއަކަށް ވުމުގެ ފުރުސަތު އޮތްކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ގަބޫލުކޮށް، އެކަމަށް ތައްޔާރުވުމަށް ހުރިހާ ގައުމުތަކަށް އިރުޝާދު ދެމުން ގެންދަނީ. އެެހެންކަމުން ރާއްޖެއިންވެސް އެކަމަށް ވާންޖެހޭ ތައްޔާރީތަކަށް މުހިއްމު މަސައްކަތްތަކެއް މިހާރުވެސް ދަނީ ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމު ކަމަށްވާ އިޓަލީ ގައި ކޮވިޑް19 ބާރަށް ފެތުރެމުންދާއިރު އިޓަލީ އިން ފަތުރުވެރިން އައުން މެދުކަނޑާލުމާ ގުޅޭގޮތުން ނޫސްވެރިޔަކު ކުރި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އިޓަލީގެ ހާލަތު މޮނީޓާ ކުރަމުންދާ ކަމަށެވެ.

"އިޓަލީގެ ސަރުކާރުގެ އެތެރެއިން އަޅާފައިވާ ފިޔަވަޅުތައްވެސް މޮނީޓާ ކުރަމުން މިދަނީ،" މިނިސްޓަރު ވިދާޅުވީ ދުވަހުން ދުވަހަށް އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މީގެ ކުރިން ކޮވިޑް 19 ގެ ކޭސްތައް އެންމެ ގިނައިން ފެންނަމުން ގޮސްފައިވަނީ ޗައިނާ އިން ކަމަށާއި ނަމަވެސް އިއްޔެ ޗައިނާ އިން ފެނުނު ކޭސްތަކަށްވުރެ އެހެން ގައުމުތަކުން ފެނުނު ކޭސްތަކުގެ އަދަދުގެ ޖުމްލަ މާ ގިނަ ކަމަށެވެ. އެކަމަށް އިތުރު ސަމާލުކަން ދީގެން ފިޔަވަޅު އަޅަންޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުން މިއަދު ނިންމާފައި ވަނީ މިވަގުތަށް ރާއްޖެއަށް ކުރޫޒްލައިނާތައް އައުން ވެސް މަނާކުރާށެވެ.

comment ކޮމެންޓް