އެމްޕީއެލް އާއި އެމްޑަލްބްލިޔުއެސްސީ "ގްރޫޕު ބީ"ގެ ކުރިއަށް

އިންޓަ އޮފީސް ބިލިއާޑް މުބާރާތުގައި އެމްޕީއެލް އާއި އެމްޓީސީސީ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ އެމްޕީބީއޭ

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ "ގްރޫޕު ބީ"ގެ ކުރިއަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި މޯލްޑިވްސް ވޯޓާ އެންޑް ސެވެރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ޖެހިލައިފިއެވެ.

ގްރޫޕުގެ ކުރިއަށް އެމްޕީއެލް އާއި އެމްޑަބްލިޔުއެސްސީން ޖެހިލީ އެމްބީޕީއޭ ކްލަބު ހައުސްގައި ރޭ ކުޅުނު ޓީމް އިވެންޓުގެ މެޗުތައް ކާމިޔާބުކޮށްގެންނެވެ. އެ ދެ ޓީމު ވެސް ވަނީ މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށްފައެވެ.

ރޭ އެމްޕީއެލް އިން ކުޅުނު ފަސޭހަކަމާއެކު ސީދާ ތިން ގޭމުން ވަނީ އެމްޓީސީސީ ބަލިކޮށްފައެވެ. އެ މެޗުގެ ފުރަތަމަ ގޭމު ސީދާ ހަތަރު ފްރޭމުން އެމްޕީއެލް ކާމިޔާބުކުރި އިރު، ދެވަނަ ގޭމު ވެސް އެމްޕީއެލުން ގެންދިޔައީ ސީދާ ހަތަރު ފްރޭމުންނެވެ. އަދި ތިންވަނަ ގޭމު އެމްޕީއެލުން ގެންދިޔައީ 4-2 ފްރޭމުންނެވެ.

ފެނަކައާ ދެކޮޅަށް ނުކުމެ އެމްޑަބްލިޔުއެސްސީން މެޗު ގެންދިޔައީ 2-1 ގޭމުންނެވެ. އެ މެޗުގެ ފުރަތަމަ ގޭމު ސީދާ ހަތަރު ފްރޭމުން އެމްޑަބްލިޔުއެސްސީ ގެންދިޔަ އިރު، ދެވަނަ ގޭމު 3-4 ފްރޭމުން ގެންދިޔައީ ފެނަކައެވެ. ތިންވަނަ ގޭމު 4-3 ފްރޭމުން ގެންދިޔައީ އެމްޑަބްލިޔުއެސްސީއެވެ.

ޓީމް އިވެންޓުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލައިލާ އިރު، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ވަނީ 2-1 ގޭމުން ދިރާގު ބަލިކޮށްފައެވެ. އަދި ޓީމްއެމްއާއާ ދެކޮޅަށް ކުޅެ ސީދާ ތިން ގޭމުން އެމްއެންޑީއެފް ވަނީ މެޗު ކާމިޔާބުކޮށްފައެވެ.

މިއަހަރުގެ މުބާރާތުގައި ޖުމުލަ 13 ޓީމެއް ވާދަކުރެއެވެ. އެއީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޕޮލިސް ކްލަބު، އެމްއެންޑީއެފް، ސްޓެލްކޯ، އެމްޑަބްލިޔުއެސްސީ، ޓީއެމްއޭ، ފެނަކަ، އެމްޓީސީސީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، ދިރާގު، ކަސްޓަމްސް ރެކްރިއޭޝަން ކްލަބު އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އެވެ.

އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ މުބާރާތުގެ ޓީމް އިވެންޓު ދެ ގްރޫޕަކަށް ބަހާލައިގެން ޖުމްލަ 63 މެޗު ކުޅޭނެއެވެ. ފިރިހެން ޑިވިޝަނުގެ ސިންގަލްސް އިވެންޓުގައި 63 ކުޅުންތެރިން ވާދަކުރާ އިރު، ޖުމްލަ 44 މެޗެއް ކުޅޭނެއެވެ. އަދި އަންހެން ޑިވިޝަނުގެ ސިންގަލްސް އިވެންޓުގައި ވާދަކުރާނީ އަށް ކުޅުންތެރިންނެވެ. އެ އިވެންޓުގައި އަށް މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ.

comment ކޮމެންޓް