ޓީއެމްއޭގެ ބޯޓެއް ޖައްސަން އުޅުމުގެ ތެރޭގައި އެކްސިޑެންޓެއް ހިނގައިފި

ޓީއެމްއޭގެ ބޯޓު އެކްސިޑެންޓުވެފައި -- ފޮޓޯ/ސޯޝަލް މީޑިއާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ކުރެއްދޫ އައިލެންޑް ރިސޯޓަށް ދަތުރު ކުރި ޓްރާންސް މޯލްޑިވިއަން އެއާވޭޒް (ޓީއެމްއޭ)ގެ ބޯޓެއް ޖައްސަން އުޅުމުގެ ތެރޭގައި އެކްސިޑެންޓެއް ހިނގައިފި އެވެ.

މި އެކްސިޑެންޓު ހިނގާފައި ވަނީ މިއަދު ހެނދުނު 11:37 ހާއިރު، ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޖައްސަން އުޅެނިކޮށެވެ. އެކްސިޑެންޓުވެފައި ވަނީ ޓީއެމްއޭގެ DHC-6-300 މަރުކާގެ ބޯޓެކެވެ.

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެކްސިޑެންޓުވި އިރު އެ ބޯޓުގައި 15 ފަސިންޖަރުންނާއި ތިން ކްރޫ މެމްބަރުން ތިބި ކަމަށެވެ. އެކްސިޑެންޓުގައި އެއް ފަޅުވެރިޔަކަށް ވަނީ ކުދިކުދި ހާނީއްކަވެފަ އެވެ. ނަމަވެސް ބޯޓުން ދަތުރުކުރި އެއްވެސް ފަސިންޖަރަކަށް ގެއްލުމެއް ވެފައި ނުވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އަދި ހުރިހާ ފަސިންޖަރުން ސަލާމަތުން ކުރެއްދޫ އައިލެންޑް ރިސޯޓަށް ގެންގޮސްދީފައިވާ ކަމަށާއި އެ ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

އެކްސިޑެންޓުގެ ސަބަބުން ބޯޓަށް ވަނީ ގެއްލުންތަކެއް ވެފަ އެވެ. އެގޮތުން ބޯޓުގެ އިންޖީނު ނައްޓައިގެން ދިއުމުގެ އިތުރުން، ފިޔަގަނޑަށް ވެސް ވަނީ ގެއްލުންވެފަ އެވެ.

އެކްސިޑެންޓު ހިނގާފައި ވަނީ މޫސުން ގޯސް ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި މިއަދު އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެއެވެ.

އަދި އުތުރާއި މެދުތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށް ވެސް މެޓުން ވަނީ ބުނެފައެވެ.

އިއްޔެ ވެސް ޓީއެމްއޭގެ ބޯޓެއް ޖެއްސުމުގެ ތެރޭގައި ވަނީ ހާދިސާއެއް ހިނގައިފަ އެވެ. އެ ހާދިސާ ހިނގާފައި ވަނީ ފްލޯޓިން ޕްލެޓްފޯމުގައި ޖެހި ފިޔަގަނޑުގެ ތެރެއަށް ފިލާގަނޑެއް ވަދެގެންނެވެ.

comment ކޮމެންޓް