ވައިކަރަދޫއިން މަރުވެފައި އޮތް ކިނބުލެއް ފެނިއްޖެ

ހދ. ވައިކަރަދޫއަށް ލައްގާފައި އޮއްވާ ފެނުނު ކިނބޫ ---

ހދ. ވައިކަރަދުއަށް މަރުވެފައި އޮތް ކިނބުލެއް ލައްގާފައި އޮއްވާ ފެނިއްޖެ އެވެ.

ވައިކަރަދޫ ކައުންސިލުގެ ރައީސް އަހުމަދު ނަސީމް "ސަން"އަށް ވިދާޅުވީ، މިއަދު ހަވީރު ކިނބޫ ފެނުނީ ރަށުގެ އިރުމަތީ ފަރާތު ގޮނޑުދޮށަށް ލައްގާފައި އޮއްވާ އެ ރަށުގެ ޒުވާނުންތަކަކަށް ކަމަށެވެ.

ފެނުނު އިރުވެސް މަރުވެފައި އޮތް އެ ކިނބުލުގެ ދިގުމިނުގައި ހުންނާނީ ގާތްގަނޑަކަށް ހަތަރު ފޫޓު ބައި ކަމަށް ނަސީމް ވިދާޅުވިއެވެ.

ކިނބުލަކީ ގާތްގަނޑަކަށް 4.5 މީޓަރަށް (15 ފޫޓު) ބޮޑުވާ އެއްޗެކެވެ. އަދި އެންމެ ބޮޑުވެފައި ހުންނަ އިރު ބަރުދަނުގައި ބައި ޓަނު ހުރެއެވެ.

ވައިކަރަދޫ ކައުންސިލުން ވަނީ ކިނބޫ ފެނުނުކަން އެމްއެންޑީއެފްއަށް އަންގައިފައެވެ. އެމްއެންޑީއެފްއިން ވަކި ގޮތެއް އަންގަންދެން އޭތި އޮތީ އަދި ވަޅުނުލައެވެ.

ކިނބޫ ފެނުނީ މިއަދު ހަވީރު ވައިކަރަދޫ ސްކޫލުގެ އިންޓަ ހައުސް ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗު ކުޅެމުން ދަނިކޮށެވެ. މެޗު ކުޅެމުން ދިޔަ ފުޓްސަލް ދަނޑު ހުންނަނީ ގޮނޑުދޮށާ ކައިރީގައެވެ. އެހެންކަމުން، ކިނބުލަށް ގިނަ ބައެއްގެ ސަމާލުކަން އަމާޒުވިއެވެ.

comment ކޮމެންޓް