ދައުލަތުގެ ބާރުތައް، މާޒީގެ ނުތަނަވަސް ހާދިސާތަކުން އިބުރަތް ލިބިގަންނަން ޖެހޭ: އުއްތަމަ ފަނޑިޔާރު

ގަޟާއީ އާ އަހަރު ފެށުމުގެ ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މުސާ

ދައުލަތުގެ ބާރުތަކުން މާޒީގެ ނުތަނަވަސް ހާދިސާތަކުން އިބުރަތް ހާސިލުކޮށް، އެފަދަ ކަންކަން ތަކުރާރުވިޔަ ނުދޭން މަސައްކަތް ކުރަން ޖެހޭ ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވެއްޖެ އެވެ.

ޝަރުއީ ދާއިރާގެ ގަޟާއީ އާ އަހަރު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަފަނޑިޔާރު ވިދާޅުވީ، ގާނޫނުގެ ހުކޫމަތް ނެގެހެއްޓުމަކީ ހަމައެކަނި ކޯޓުތަކުގެ ޒިންމާއެއް ނޫން ކަމަށެވެ. އެ ޒިންމާ އަކީ ސަރުކަރާއި، މިނިވަން މުއައްސަސާތަކާއި، ސަލާމަތީ ހިދުމަތްތަކާއި، ކައުންސިލުތަކާއި، ބާ ކައުންސިލުގެ މެމްބަރުންނާއި ރައްޔިތުންގެވެސް ޒިންމާއެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ގާނޫނުގެ ހުކޫމަތް ކަށަވަރު ނުކުރެވޭ ނަމަ މުޖުތަމައު ބައިބައިވެގެންދާނެ ކަމާ މެދު ޝައްކެއް ނެތް ކަމަށެވެ.

އެއާ ގުޅުވައި އެމަނިކުފާނު ވިދާޅުވީ، ދައުލަތުގެ ބާރުތަކުން މާޒީގެ ނުތަނަވަސް ހާދިސާތަކުން އިބުރަތް ހާސިލުކޮށް، އެފަދަ ކަންކަން ތަކުރާރުވިޔަ ނުދޭން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

"ދިވެހި ދައުލަތުގެ ބާރުތައް އިހުތިރާމާ އެކު މަސައްކަތް ކުރުމުގެ މާހައުލެއް މިހާރު މިވަނީ ގާއިމްވެފައި. މާޒީގައި ކުރިމަތިވި ތަފާތު އެކި އެކި ނުތަނަވަސް ހާދިސާތަކުން ފިލާވަޅާއި އިބުރަތް ލިބި އެފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށް މަސައްކަތް ކުރުމަކީ، ދައުލަތުގެ ހިމެނޭ ބާރުތަކުގެ ޒިންމާއެއް،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަފަނޑިޔާރު ރޭ ވަނީ ފަނޑިޔާރުގެއިން ގާނޫނު އަސާސީ ނަގަހައްޓާނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

"ދިވެހިރާއްޖޭގެ ފަނޑިޔާރުގެއިން ގާނޫނު އަސާސީ ނަގަހައްޓާނެ ކަމުގެ ޔަގީންކަން އަރުވަން. އެއްވެސް ނުފޫޒަކަށް ލެނބުމެއް ނެތި އަސާސީ ހައްގުތައް ކަށަވަަރުކޮށްދިނުމުގައި ފަނޑިޔާރުގެ ދެމިއޮންނާނެ. އިންސާފަކީ ވިއްސި ވަހާލި ނުވެ ހިފަހައްޓާ ބާރުކަން އެނގިތިބެ އިންސާފުވެރި ފަނޑިޔާރުއެއްގެ ގާއިމްވެ އޮންނާނެ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

"އަދުލު އިންސާފު ގާއިމް ކުރުމުގެ ޒިންމާ އަކީ މި ދުނިޔެއަށް ވުރެ ބަރު ބޮޑު ޒިންމާއެއްކަން އަޅުގަނޑުމެން ދަންނަން. އަޅުގަނޑުމެން މި ޒިންމާ އަދާ ކުރި ގޮތަކާ މެދު އަޅުގަނޑުމެންނާ ސުވާލު ކުރެވޭނެކަންވެސް ދަންނަން. އެއްވެސް ތަފާތުކުރުމެއް ނެތި ފަނޑިޔަރުން ފަނޑިޔާރުންގެ ޒިންމާ އަދާ ކުރަން ޖެހޭނެކަންވެސް ދަންނަން،"

އޭގެ އިތުރުން، ސުޕްރީމް ކޯޓުން ގެންގުޅުއްވާ ތަސައްވުރަކާ ބެހޭގޮތުން އެމަނިކުފާނު ވާހަކަފުޅު ދެއްކެވި އެވެ. އެ ތަސައްވުރުގެ ތެރެއިން އެ ކޯޓުގެ އަޑުއެހުންތަކުގެ އޯޑިއޯ ރެކޯޑިން އާންމު ކުރައްވަން ފައްޓަވާފައިވާކަން އެމަނިކުފާނު ރޭ އިއުލާނު ކުރެއްވި އެވެ.

ފައިސާގެ ކަންކަން ހަމަޖެހިއްޖެ ނަމަ، އަޑުއެހުންތައް ލައިވްސްޓްރީމްކޮށްގެން ދުރަށް ދައްކާ ގޮތަށް އިންތިޒާމު ކުރުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަން ވެސް އެމަނިކުފާނު ހާމަކުރެއްވި އެވެ.

އަދި ގާނޫނަކުން ސިއްރު ކުރަން ލާޒިމު ނުކުރާ، ހުޅުވާލައިގެން ކުރިއަށްގެންދާ އަޑުއެހުންތަކަށް އާންމުންނަށް ވަދެ ނުކުމެވޭ ގޮތަށް ކަންކަން އިންތިޒާމުކުރަން ވެސް މަސައްކަތް ކުރަމުންދާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

comment ކޮމެންޓް