ބާ އިމްތިހާނު މި އަހަރު ފަހުކޮޅު ބާއްވަނީ

ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ އަހްމަދުﷲ ހާދީ

ބާ އިމްތިހާން މިއަހަރުގެ ފަހުކޮޅު ބާއްވަން މަސައްކަތް ކުރަމުން ދާ ކަމަށް ބާ ކައުންސިލުން ބުނެފި އެވެ.

ބާ އިމްތިހާނު ބާއްވަން އެއް އަހަރު ނުވަތަ ދެ އަހަރު ނަގާނެ ކަމަށް ބާ ކައުންސިލުގެ ރައީސް މަޖިލީހުގެ ކޮމިޓީގައި ވިދާޅުވުމުން ވަކީލުކަން ކިޔަވާ ދަރިވަރުންނާއި، ކިޔަވާ ނިމި ލައިސެންސް ނުލިބި ތިބި ވަކީލުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ގައުމީ ޔުނިވަސިޓީގެ އޮޑިޓޯރިއަމްގައި މިއަދު ބޭއްވި 'ލޯ ގްރެޖުއެޓްސް ފޯރަމް' ގައި އެ ކައުންސިލުގެ މެމްބަރު މުހައްމަދު ފައިސަލް ވިދާޅުވީ މިއަހަރުގެ އޮގަސްޓް ނުވަތަ ސެޕްޓެމްބަރު ހިސާބުގައި ބާ އިމްތިހާނު ބޭއްވުމަށް ބާ ކައުންސިލުން މަސައްކަތް ކުރަމުން ދާ ކަމަށެވެ. އަދި ކުދިންގެ ކަންބޮޑުވުންތަކަށް ފައިސަލް ޖަވާބުދެއްވި އެވެ.

"ބާ އެގްޒާމެއްވެސް މިއަހަރުގެ ސެޕްޓެމްބަރުހާތާގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބާއްވާނަން. އެހެންވީމާ އެޔަށް ތިބޭފުޅުން ތައްޔާރުވެވަޑައިގަންނަވާ." މިއަދު ދަރިވަރުންނާއިއެކު އޮތް ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވިއެވެ.

މިއަދު ބޭއްވި ލޯ ގްރެޖުއެޓްސް ފޯރަމްގެ ތެރެއިން --- ސަން ފޮޓޯ/ އަހުމަދުﷲ ހާދީ

ބާ ކައުންސިލުގެ ރައީސް މައުމޫނު ހަމީދު ވިދާޅުވީ ވަކީލުންނަށް ވަކީލު ކަމުގެ ހުއްދަ ދިނުމާ ބެހޭގޮތުން ހަދާފައިވާ ގަވައިދަކީ ގާނޫނީ ފަންނުގެ ގާނޫނުގެ ތެރެއިން އެންމެ ލުއިފަސޭހަގޮތަކަށް މަގުުފަހިވާ ގޮތަށް އުފައްދާފައިވާ ގަވައިދެއް ކަމަށެވެ.

މައުމޫނު ހަމީދު ވިދާޅުވީ މިހާރު ގާނޫނީ ބޭފުޅުންނާ މަޝްވަރާކޮށް ބާ އެގްޒާމް ދިނުމާ ބެހޭގޮތުން މަޝްވަރާ ކުރަމުން ދާ ކަމަށެވެ.

ގާނޫނީ ފަންނުގެ ގާނޫނު ވުޖޫދަށް އައުމާއިއެކު މިހާރު ދަސްވެނިވެނި ވެފައިވާ އެތައް ދަރިވަރުންނެއް ވަނީ ގާނޫނީ ހުވާ ނުކުރެވި މަޑުކުރަންޖެހިފައެވެ. އެ ގާނޫނުގެ ދަށުން ހުވާ ކުރެވެނީ އެއް އަހަރު ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށްފަހު އަދި ބާ އިމްތިހާނުންވެސް ފާސްވުމަށް ފަހުއެވެ. ދަސްވެނިވެފައިވާ އެތައް ދަރިވަރުންނެއް ދަނީ ސޯޝިއަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

comment ކޮމެންޓް