ސަރުކާރުގެ 54 އޮފީހެއްގެ ކައުންޓަރުން ދޭ ހިދުމަތުގެ ފެންވަރު ބަލަން އޮޑިޓެއް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ/ރައީސް އޮފީސް

ސަރުކާރު އޮފީސްތަކުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ރައީސް އޮފީހުން މާލޭގައި ހިދުމަތްދޭ 54 ތަނެއްގެ ކައުންޓަރުތަކުގެ ސްޕޮޓް އޮޑިޓެއް ހަދައިފި އެވެ.

މިއީ ރައީސް އޮފީހުން ސްޕޮޓް އޮޑިޓެއް ހެދި ފުރަތަމަ ފަހަރެވެ.

ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ސަރުކާރުން ވަނީ އޮފީސްތަކުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް އާންމުންގެ އިތުބާރު ހޯދައި، ތަސައްވުރު ރަނގަޅުކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅަން ފަށައިފަ އެވެ.

އެގޮތުން ސްޕޮޓް އޮޑިޓެއް ހަދާފައި ވަނީ މާލޭގައި ހިންގަމުންދާ ސަރުކާރުގެ އޮފީސްތަކުގެ ތެރެއިން، އާންމުންނާ ސީދާ މުއާމަލާތް ކޮށްގެން ހިދުމަތްދޭ 54 ތަނެއްގަ އެވެ.

ރައީސް އޮފީހުން ބުނީ އެ އޮޑިޓުގެ މަގުސަދަކީ ކައުންޓަރުތަކުން ހިދުމަތް ދޭ ގޮތާއި، ކައުންޓަރުތަކުން ހިދުމަތް ދިނުމުގައި ހުރި ދަތިތަކާއި، ހިދުމަތް ހޯދާ ފަރާތްތަކުން ހިތްހަމަޖެހޭ ގޮތަށް ހިދުމަތް ނުދެވޭ މައިގަނޑު ސަބަބުތައް ދެނެގަނެ، އެ ތަންތަނުގެ ކައުންޓަރުތަކުން ހިދުމަތް ދިނުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާ ގޮތް ބެލުން ކަމަށެވެ.

އަދި އެ އޮޑިޓުން، އޮފީސްތަކުގެ ކައުންޓާ ސާވިސް ޒަމާނީ އުސޫލުތަކާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރެވެން ހުރި ވަރަށް ގިނަ ކަންކަން ފާހަގަކުރެވިފައި ވާކަމަށެވެ.

އެ އޮޑިޓުން ފާހަގަކުރެވުނު ކަންތައްތަކާއި، އޮފީސްތަކުގެ ކައުންޓަރުތަކުން ހިދުމަތް ދިނުމުގެ ކަންކަން މިހާރަށްވުރެ ރަނގަޅުކުރުމަށްޓަކައި އަޅަން ފެންނަ ފިޔަވަޅުތަކުގެ ތަފްސީލު، ރައީސް އޮފީހުން މިހާރު ވަނީ ވަޒީރުންގެ މަޖިލީހާ ހިއްސާކޮށް ހިޔާލު ހޯއްދަވާފައެވެ.

އަދި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން، މި ކަމާބެހޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ ކަންކަން މިހާރު ކުރަމުން އަންނަ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

comment ކޮމެންޓް