މަހަކު އެއްފަހަރު ސުޕްރީމް ކޯޓު އާންމުންނަށް ދައްކާލަނީ

ސްޕްރީމް ކޯޓު --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ކޮންމެ މަހެއްގެވެސް ފުރަތަމަ ބުރާސްފަަތި ދުވަހު އާންމުންނަށް ސުޕްރީމް ކޯޓުގެ ހާއްސަ ޓުއާއެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމަށް އެ ކޯޓުން ނިންމައިފި އެވެ.

މިއަދު ސުޕްރީމް ކޯޓުން ބުނީ ކޮންމެ މަހެއްގެ ފުރަތަމަ ބުރާސްފަތި ދުވަހަކީ އާންމުކޮށް އެންމެންނަށް އެ ކޯޓަށް ޒިޔާރަތް ކުރެވޭ "އޯޕަން ޑޭ"އެއްގެ ގޮތުގައި ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ އޯޕަން ޑޭ ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ތިން ސެސަޝަނަކަށެވެ. އެއީ 9:00އިން 10:00އަށް، 10:00އިން 11:00އަށް އަދި 11:00އިން 12:00 އަށެވެ. އެ ކޯޓުން ބުނި ގޮތުގައި އެއިން ކޮންމެ ސެސަޝަނެއްގައި ބައިވެރިވެވޭނީ 10 މީހުންނަށެވެ.

ސުޕްރީމް ކޯޓުގެ އޯޕަން ޑޭގައި އާންމުންނަށް ދޭނީ ހާއްސަ ޓުއާ އެކެވެ. އެ ޓުއާގައި ކޯޓުގެ ސެކްޝަންތަކަށް ގެންގޮސް، ކުރާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ދިނުމުގެ އިތުރުން ޝަރީއަތުގެ މާލަންތައް ދެއްކުން ހިމެނެއެވެ. އަދި ސެޝަންތައް ކުރިއަށްދާ ގަޑީގައި ކޯޓުގައި އަޑުއެހުމެއް ކުރިއަށްދާ ނަމަ އެ އަޑުއެހުމަކަށް ވަނުމުގެ ފުރުސަތު ދެވޭނެ އެވެ.

ސުޕްރީމް ކޯޓުން ބުނި ގޮތުގައި އެ ޓުއާގައި ބައިވެރިވެވޭނީ ކޯޓުގެ ހުރުމަތާ އެކަށީގެންވާ ފޭރާމެއްގަ އެވެ. ސްކޫލުތަކާއި ޖަމިއްޔާތައް ފަދަ ފަރާތްތަކުން ހާއްސަ ޓުއާއަކަށް އެދެފި ނަމަ އެކަމެއްވެސް ހަމަޖައްސައިދެވޭނެ ކަމަށް އެ ކޯޓުން ބުންޏެވެ.

ސެޝަނެއްގައި ބައިވާން އަންނަ މީހުންގެ ތެރެއިން ގަޑިޖެހިގެން އަންނަ މީހުންނަށް އެ ސެޝަނަށް ކަނޑައެޅިފައިވާ ގަޑީގައި ސެޝަނުގައި ބައިވެރިވުމުގެ ޖާގަ އޮތް ނަމަ ފުރުސަތު ދެވޭނެ ކަމަށްވެސް ސުޕްރީމް ކޯޓުން ބުންޏެވެ. އަދި ޖާގަ ދެވެން ނެތް ނަމަ ދެން އޮތް ސެޝަނަކުން ފުރުސަތު ދެވޭނެ ކަމަށް ބުންޏެވެ.

ސުޕްރީމް ކޯޓުގެ އެންމެ ފުރަތަމަ އޯޕަން ޑޭއަށް ވާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހެވެ.

comment ކޮމެންޓް