ކަލިނަރީ އޮލިމްޕިކްސްއަށް ފުރަތަމަ ފަހަރަށް ދިވެހި ޝެފުން

(ކ-ވ) ޝެފް ޖޫދީ ޚާލިދު އަދި ޝެފް އަބްދުލްރަޝީދު: މި އަހަރުގެ ކަލިނަރީ އޮލިމްޕިކްސްގައި ރާއްޖެއިން ބައިވެރިވާ ދެ ޝެފުން ---

އަންނަ ހަފްތާގައި ޖަރުމަނުގެ ސްޓުޓްގާޓްގައި އޮންނަ 25 ވަނަ ވޯލްޑް ޝެފްސް ވިލެޖް އަދި ކަލިނަރީ އޮލިމްޕިކްސްގައި ޝެފްސް ގިލްޑް އޮފް މޯލްޑިވްސްއިން ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި ހަރަކާތަކީ ޖަރުމަނުގެ ކާބޯތަކެތި ޕްރޮމޯޓުކޮށް، އެހެން ގައުމުތަކުގެ ކެއްކުމުގެ ސަގާފަތް ވެސް ދިރުވުމުގެ މަގްސަދުގައި 1896 ވަނަ އަހަރު އެގައުމުގެ ޝެފުންގެ ގްރޫޕެއްގެ ޚިޔާލަކުން ފެށި ހަރަކާތެކެވެ. މި ހަރަކާތުގެ ތެރެއިން އެންމެ ފުރަތަމަ ކެއްކުމުގެ މުބާރާތް އޮތީ 1990 ވަނަ އަހަރު ފްރެންކްފާޓުގަ އެވެ.

ޝެފްސް ގިލްޑް އޮފް މޯލްޑިވްސްއިން މައުލޫމާތު ދޭ ގޮތުގައި މި ހަރަކާތުގެ ތެރެއިން އޮންނަ ކަލިނަރީ އޮލިމްޕިކްސްގައި ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ދެ މެމްބަރުން އަމިއްލަ ގޮތުން ބައިވެރިވާނެ އެވެ. އެއީ ޝެފް އަބްދުލްރަޝީދާއި ޝެފް ޖޫދީ ޚާލީލެވެ. މި ދެ ޝެފުންނަކީ ވެސް ކޭކު އެޅުމުގެ ތަޖުރިބާކާރުންނެވެ.

ޝެފްސް ގިލްޑް އޮފް މޯލްޑިވްސް އިން ބުނި ގޮތުގައި މި ދެ ޝެފުން ވެސް ކަލިނަރީ އޮލިމްޕިކްސްގައި ބައިވެރިވަނީ އަމިއްލަ ޚަރަދުގަ އެވެ. އަދި އެ ދެ ޝެފުން ޖަރުމަނަށް ދަތުރުކުރާނީ ސްރީލަންކާގެ ކޮންޓިންޖެންޓާއެކުގަ އެވެ.

ދެން އެންމެ އަވަހަށް އޮންނަ 2024 ވަނަ އަހަރުގެ ކަލިނަރީ އޮލިމްޕިކްސްއަށް ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ފަރާތުން ރާއްޖޭގެ ގައުމީ ޝެފުންގެ ޓީމެއް ބައިވެރިކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އެ ޖަމިއްޔާ އިން ބުނެ އެވެ.

އެ ޖަމިއްޔާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ކަލިނަރީ އޮލިމްޕިކްސްއަކީ ކުޅިވަރު އޮލިމްޕިކްސް ވެސް އޮންނަ ފަދައިން ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު އޮންނަ ބޮޑު މުބާރާތެކެވެ. އަދި ކަލިނަރީ އޮލިމްޕިކްސްގައި ބައިވެރިވެވޭނީ ހަމައެކަނި ގޯލްޑް މެޑަލިސްޓުންނަށް ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

"ވިހިހާހަށް އަށްވުރެ ގިނަ ގޯލްޑް މެޑަލިސްޓުން މީގައި ބައިވެރިވޭ. ދިވެހި ދެ ޝެފުންނަށް ވަރަށް ފަޚުރުވެރި ކާމިޔާބީއެއް މިއީ މީގައި ބައިވެރިވެވުމަކީ ވެސް،" އެ ޖަމިއްޔާގެ އޮފިޝަލު ވިދާޅުވި އެވެ.

ކަލިނަރީ އޮލިމްޕިކްސްގެ އިތުރުން ކުރިއަށްދާ ވޯލްޑް ޝެފްސް ވިލެޖުގައި ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ޓީމެއް މި އަހަރު ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެތަނުގައި ރާއްޖޭގެ ހާއްސަ ޕެވިލިއަނެއް ބަހައްޓާއިރު، އެތަނުގައި ރާއްޖޭގެ ޓޫރިޒަމުގެ އިތުރުން ރާއްޖޭގެ އޯތެންޓިކް ކާބޯތަކެތި ޕްރޮމޯޓުކުރުމުގެ ހަރަކާތްތައް ކުރިއަށްދާނެ އެވެ.

ޝެފްސް ގިލްޑް އޮފް މޯލްޑިވްސް އިން ބުނީ ވޯލްޑް ޝެފްސް ވިލެޖުގައި ސީޖީއެމްގެ ޕެވިލިއަން ބެހެއްޓުމުގައި އެހީތެރިވެދިން ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ. އެއީ އެމްއެމްޕީއާރުސީ، މިނިސްޓްރީ އޮފް ޓޫރިޒަމް، ހެޕީ މާކެޓ، ސުވެނިއާ ލައިމް އެންޑް ބަޓިކް ސެންޓާ، ލިލީ އެންޓަޕްރައިޒަސް، ޔުނިވާސަލް އެންޓަޕްރައިޒަސް އަދި އެމްއެމްއައި ބެމްބޫ ސުވެނިއާސްއެވެ.

މި އަހަރުގެ ވޯލްޑް ޝެފްސް ވިލެޖުގައި 1،400 އެގްޒިބިޓަރުންނާއި 2،000 ޝެފުން ބައިވެރިވާނެ ކަމަށް ލަފާކުރާ އިރު، 70 ގައުމަކުން 100،000 އަށްވުރެ ގިނަ މީހުން ޒިޔާރަތްކުރާނެކަމަށް ލަފާކުރެވެ އެވެ.

comment ކޮމެންޓް