ރާއްޖެ ކޮމަންވެލްތުގައި އަލުން ބައިވެރިވުމާއެކު ލަންޑަނުގައި ހުންނަ ކޮމަންވެލްތުގެ އިދާރާގައި ރާއްޖޭގެ ދިދަ އިއްޔެ ނަގައިފިއެވެ.
ލަންޑަނުގައި ހުންނަ މަލްބޮރޯ ހައުސްގައި ހުންނަ ކޮމަންވެލްތުގެ އިދާރާގައި ދިވެހި ގައުމީ ދިދަ ނަންގަވައިދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.
މި ރަސްމިއްޔާތުގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް އާއި ރާއްޖެ އިން އިނގެރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިސަލާއި ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސް ސެކްރެޓަރީ ސަބްރާ އިބްރާހިމް ނޫރައްދީނާއި ކޮމަންވެލްތުގެ 53 ގައުމުގެ މަންދޫބުން ބައިވެރިވެވަޑައިގަތެވެ.
ދިދަ ނެގުމުގެ ރަސްމިއްޔާތަށް ފަހު މިނިސްޓަރު ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮމަންވެލްތާ އަލުން ގުޅުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި އެކުވެރި ގައުމުތަކާ ގާތުން މަސައްކަތް ކުރުމުގައި ރާއްޖެއިން ދެމިއޮންނާނެ ކަމަށެވެ.
ރާއްޖެ ކޮމަންވެލްތާ ވަކިވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައެވެ. އެ ސަރުކާރުން ބުނަމުން ދިޔައީ ކޮމަންވެލްތުން ރާއްޖެއަށް ނުފޫޒު ފޯރުވަމުން ގެންދާ ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަމަށްވެސް ނުފޫޒުފޯރުވަން މަސައްކަތްކުރި ކަމަށާއި އެކަމުގެ ނޭދެވޭ އަސަރުތައް ރާއްޖޭގެ އިގްތިސާދާއި އިޖުތިމާއީ ހަމަޖެހުމަށް ކުރިމަތިވަމުން ދިޔަކަމަށް އެ ސަރުކާރުން ނިންމިއެވެ.
ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ވެރިކަމަށް އައުމަށްފަހު އެންމެ ފުރަތަމަ ކުރެވުނު އެއް މަސައްކަތަކީ ރާއްޖެ އަލުން އެ ޖަމިއްޔާއާ ގުޅޭން ނިންމައި، ރައްޔިތުންގެ މަޖިލީހުންވެސް އެކަން ފާސްކުރުމެވެ. އެއީ އެމަނިކުފާނުގެ ރިޔާސީ ވައުދެކެވެ.
ރާއްޖެ ކޮމަންވެލްތުގައި އަލުން ބައިވެރިކޮށް، ކޮމަންވެލްތުގެ 54 ވަނަ މެމްބަރުގެ ގޮތުގައި ހަމަޖެހިގެން ދިޔަކަން އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ބެރޮނެސް ޕެޓްރީޝާ ސްކޮޓްލެންޑް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ހިއްސާކުރެއްވީ މި އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ.