ކެންސަރު ކޮންޓްރޯލް ކުރުމަށް ގައުމީ ފެންވަރުގައި ޕްލޭނެއް އެކުލަވާލަނީ

4 ފެބްރުއަރީ 2017: ދުނިޔޭގެ ކެންސަރު ދުވަސް ފާހަގަކުރުމަށް ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއިން ހެންވޭރު ދަނޑުގައި ކުރިޔަށް ގެންދިޔަ ހަރަކާތުގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގައި ކެންސަރު ކޮންޓްރޯލް ކުރުމަށް ގައުމީ ފެންވަރުގައި ޕްލޭނެއް އެކުލަވާލަން ނިންމައިފި އެވެ.

މިއަދަކީ ކެންސަރު ބައްޔާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ބައިނަލްއާގުވާމީގޮތުން ފާހަގަކުރާ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހެެވެ.

ކެންސަރުބަލީގެ ދުވަހާ ގުޅިގެން ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގައި ކެންސަރުޖެހޭ މީހުންގެ އަދަދު މަދުކުރުމަށް ކަމާގުޅުންހުރި އިދާރާތަކާއި މަދަނީ ޖަމިއްޔާ ޖަމާއަތްތަކާއެކު ގިނަގުނަ މަސައްކަތްތަކެއް މިހާރު ކުރަމުންދާ ކަމަށެެވެ.

"އެގޮތުން ދުންފަތް ކޮންޓްރޯލްކުރުމަށް ކުރެވޭ އެކި މަސައްކަތްތަކާއި ކެންސަރު ބަލި ކޮންޓްރޯލް ކުރުމަށް ގައުމީ ފެންވަރެއްގައި މަސައްކަތް ކުރުމަށް "ނެޝަނަލް ކެންސަރ ކޮންޓްރޯލް ޕްލޭން" މި އަހަރު އެކުލަވާލަމުގެ މަސައްކަތް ދަނީ ކުރަމުންނެވެ." އެޗްޕީއޭގެ ބަޔާނުގައި ވެއެެވެ.

އެޗްޕީއޭއިން އިތުރަށް ބުނީ ކެންސަރު ބަލީގެ ގައުމީ ދަފްތަރު މިހާރު އެކުލަވާލއިފައިވާ ކަމަށާއި އަދި އެކި ވައްތަރުގެ ކެންސަރު ބައްޔަށް ސްކްރީން ކުރުމުގެ ޕްރޮގްރާމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް ހިންގަމުންދާކަމަށެވެ.

ކެންސަރު ބައްޔަކީ ހަށިގަނޑުގައި ހުންނަ ސެލްތަކަށް އަންނަ ބަދަލެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. އެ ބަލި ހަށިގަނޑުގެ އެކި ގުނަވަންތަކަށް ޖެހެވެ. ދެހާސް އަށާރަ ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ނެރެފައިވާ ރިޕޯޓުގައި ބުނީ ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން 84 ޕަސެންޓް މީހުން މަރުވާއިރު އޭގެތެރެއިން 17 ޕަސެންޓް މީހުންނަކީ ކެންސަރު ބަލީގެ ސަބަބުން މަރުވާ މީހުން ކަމަށެވެ.

ދެހާސް ސޯޅަވަނަ އަހަރުގެ އާސަންދައާއި އެންސްޕާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އެންމެ ޢާންމު ކެންސަރު ތަކުގެ ތެރޭގައި ހިމެނެނީ އަނގައިގެ ކެންސަރެވެ.

ކެންސަރު ބަލީގެ ތެރެއިން ރާއްޖޭގައި ފިރިހެނުންނަށް އެންމެ އާންމުކޮށް ޖެހެނީ އަނގައިގެ ކެންސަރު، ފުއްޕާމޭގެ ކެންސަރު، ޕްރޮސްޓޭޓް ކެންސަރު، ބަނޑުގެ ކެންސަރާއި މޭގެ ކެންސަރެވެ. އަންހެނުންނަށް ޖެހެނީ އަނގައިގަ ކެންސަރު، އުރަމަތީގެ ކެންސަރު، ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު (ސަވައިކަލް ކެންސަރު)، ފުއްޕާމޭގެ ކެންސަރާއި ތައިރޮއިޑް ކެންސަރެވެ.

comment ކޮމެންޓް