ކޮރޯނާވައިރަސްއަށް ހަތް މީހަކު ޓެސްޓުކުރި، އެންމެންވެސް ދޫކޮށްލައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މީހަކު މާސްކު އަޅައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނޮވެލް ކޮރޯނާވައިރަސް ޖެހިފައި ހުރެދާނެކަމަށް ބެލެވޭ ފަރާތްތައް ދެނެގަތުމަށް ކުރިއަށްގެންދާ ސާވައިލެންސްގެ ދަށުން، މިހާތަނަށް ހަތް ދިވެއްސަކު ބައްޔަށް ޓެސްޓު ކޮށްފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޓެސްޓު ކުރި ހަތް މީހުންގެ ތެރޭގައި ބަލި ހުރެދާނެކަމަށް ބެލެވޭ މިންގަނޑަށް ފެތޭ ހުރީ އެންމެ މީހެއް ކަމަށެވެ.

ކޮރޯނާވައިރަސްއަށް ޝައްކުކުރެވޭ އަލާމަތް ފެނިގެން ކ. ފުނަދޫގައި ކަރަންޓީނު ކުރީ ޗައިނާއިން އައި އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ ރާއްޖެ އައިސް އެއާޕޯޓުން ބެލި އިރު ހުމުގެ އަސަރު ނެތް ނަމަވެސް، ގެއަށް ދިޔަ ފަހުން ރޯގާގެ އަސަރު ހުރިކަން ފާހަގަކުރެވިގެން އޭނާ ވަނީ ޓެސްޓުކޮށްފައެވެ. އަދި އޭނާގެ ސްކްރީނިންގެ ތެރޭގައި ޗައިނާގައި ދިޔަ ތަންތަން ބެލިއިރު، މީޓް މާރުކޭޓަށް ގޮސްފައިވާކަން ފާހަގަ ކުރެވިގެން ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު އޭނާ އެކަހެރިކޮށް ބަހައްޓައިގެން ވަނީ ފަރުވާ ދީފައެވެ.

ނޮވެލް ކޮރޯނާވައިރަސްއަށް އެ މީހާ ޓެސްޓު ކޮށްފައިވާއިރު، އޭނާ ޓެސްޓުގެ ބައްޔަށް ނެގެޓިވްކަމަށް ޓެސްޓުތަކުން ދައްކާކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން މީގެ ކުރިން ބުނެފައި ވަނީ ޓެސްޓުކުރަނީ ތިން މީހަކު ކަމަށެވެ. އެހެން ނަމަވެސް ބަލި ހުރެދާނެ ކަމަށް ޝައްކުކުރެވޭ ފަރާތްތައް ދެނެގަތުމަށް ކަނޑައެޅިފައިވާ މިންގަނޑުތަކަށް ނުފެތުނު ނަމަވެސް އިތުރު ހަ ފަރާތެއްގެ ސާމްޕަލް ނަގާ ޓެސްޓު ކޮށްފައިވާނެ ކަމަށް އެޗްޕީއޭއިން މިއަދު ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން އެޗްޕީއޭއިން ބަޔާނެއް ނެރުނީ، ބައެއް މީޑިއާތަކުން އެގޮތަށް ރިޕޯޓު ކުރި ފަހުންނެވެ.

އެޗްޕީއޭގެ ބަޔާނުގައި ބުނެފައި ވަނީ ބަލި ހުރެދާނެ ކަމަށް ބެލެވޭ ފަރާތްތައް ދެނެގަތުމަށް ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތިގެން މިހާތަނަށް އެކަހެރިކުރެވި ފަރުވާދީފައި ވަނީ އެންމެ މީހަކަށް ކަމަށެވެ.

ދެން ޓެސްޓު ކުރި ހަ މީހުންގެ ތެރޭގައި ޗައިނާއިން ދަތުރުކޮށްފައިވާ ދިވެހިންގެ ތެރެއިން ބަލީގެ އަލާމާތްތައް ހުރިކަމަށް ރިޕޯޓުކޮށްފައިވާ ނަމަވެސް ބަލި ހުރެދާނެ ކަމަށް ޝައްކު ނުކުރެވޭ ހަތަރު މީހަކު ހިމެނޭކަމަށް ބަޔާނުގައިވެއެވެ.

އަދި ދެން ޓެސްޓުކުރަން ސާމްޕަލް ފޮނުވި ދެމީހުންނަކީ ބަލީގެ އަލާމާތެއް ނުފެންނަ، އެހެން ނަމަވެސް ޗައިނާއިން ދަތުރުކޮށްފައިވާ ދެ ދިވެހިންކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭއިން ބުނީ ޓެސްޓު ކުރި ހަތް މީހުންގެ ޓެސްޓު ނަތީޖާއިންވެސް ދައްކަނީ އެމީހުން ބައްޔަށް ނެގެޓިވް ކަމަށެވެ. އަދި މިހާރު އެ ހުރިހާ ފަރާތްތަކަކަށް ވެސް ޓެސްޓުގެ ނަތީޖާ އަންގާފައި ވާނެ ކަމަށެވެ.

އެޗްޕީއޭއިން ބުނީ ނަތީޖާ ނެގެޓިވް ވުމުން އެ ހުރިހާ ފަރާތްތައް ވެސް އެ އެޖެންސީގެ މޮނިޓަރިންގެ ދަށުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެއާއެކު ބައްޔަށް ޝައްކު ކުރެވިގެން އެކަހެރިކޮށްފައިވާ އަދި މޮނިޓަރިންގައި ބެހެއްޓިފައިވާ އެއްވެސް ފަރާތެއް މިވަގުތު ނެތް ކަމަށެވެ.

ޗައިނާގެ ވުހާން ސިޓީން ފެނުނު ކޮރޯނާވައިރަސް މިހާރު އެކި ގައުމުތަކަށް ފެތުރި، 17,000 އަށް ވުރެ ގިނަ މީހުން ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 361 އަށް އަރައިފައެވެ.

comment ކޮމެންޓް