މަހްލޫފާއި އަލީ ވަހީދު އަދި ބައްސާމް އަނެއްކާވެސް އެއްގަލަކަށް

މިނިސްޓްރު އަލީ ވަހީދު، މިނިސްޓަރު މަހްލޫފް އަދި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް --- ފޮޓޯ// އެފްއޭއެމް

ފުޓުބޯޅައިގެ ހާލަތު ރަނގަޅު ކުރުމަށް ގައުމީ ފުޓުބޯޅަ ޓީމަށާއި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެކްސްކޯއަށް ލަފާ ދިނުމަށް މިދިޔަ އަހަރުގެ ތެރޭގައި އުފައްދަން އުޅުނު ކޮމިޓީގައި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފާ އެކު ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ބައިވެރިވެވަޑައިގަންނަވަން އުޅުމުން، އެކަމަށް ގިނަ ފާޑު ކިޔުންތަކެއް އަމާޒުވި އެވެ. އެހެން ކަމުން ކޮމިޓީގައި ބައިވެރި ނުވާން މަހްލޫފް ނިންމެވި ނަމަވެސް އަލީ ވަހީދު ވަނީ ކޮމިޓީގެ ޗެއާމަނެއްގެ ގޮތުގައި ހަރަކާތްތެރިވެ ހިންގުންތެރި މަސައްކަތްތަކެއް ކުރައްވައިފަ އެވެ.

އެކަމަކު ކޮމިޓީގެ މަސައްކަތް މާ ގިނަ ދުވަހަކު ކުރިއަށް ނުގެންދެވެނީސް އެފްއޭއެމުން ވަނީ އެ ކޮމިޓީ އުވާލައިފަ އެވެ. ސަބަބެއް ކަމަށް އޭރު އެފްއޭއެމުން ބުނީ އެ ކޮމިޓީ އުވާލީ ވޭތުވެ ދިޔަ އަހަރުގައި އޭރު އިތުރަށް ރާއްޖޭގެ އެއްވެސް އުމުރުފުރައިގެ ގައުމީ ޓީމުގެ މެޗެއް އަދި މުބާރާތެއް ނެތުމުގެ ސަބަބުން ކަމަށެވެ. އެކަމަކު ބޮޑު ރަސްމިއްޔާތަކާ އެކު އެ ކޮމިޓީ އެކުލަވާލީ ފުޓުބޯޅައިގެ ކައިރި އަދި ދުރު ރާސްތާ ޕްލޭނެއް އެކުލަވާލުމަށެވެ.

އެފްއޭއެމްގެ ހަރަކާތެއްގައި މިނިސްޓަރު އަލީ ވަހީދު ބައިވެރިވެވަޑައިގަންނަވަނީ --- ފޮޓޯ// އެފްއޭއެމް

އެހެން ކަމުން ކުއްލި ގޮތަކަށް ކޮމިޓީ އުވާލުމުން ރައްޔިތުންގެ މެދުގައި ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފަ އެވެ. އަދި އެކަން އެގޮތަށް ހިނގާ ދިޔައީ މިނިސްޓަރު އަލީ ވަހީދުއާއި އެފްއޭއެމްއާ ދެމެދު ޖެހުނު މައްސަލަ ގަނޑެއްގައި ކަމަށް ގިނަ ބަޔަކު ވަނީ ޝައްކު ކޮށްފަ އެވެ. އެއީ ބޮޑެތި ޒިންމާތަކެއް ހަވާލުކޮށްފައި އޮތް ކޮމިޓީ މަގުބޫލު އުޒުރަކާ ނުލައި ކުއްލި ގޮތަކަށް އުވާލީމަ އެވެ. އޭގެ ފަހުން އަލީ ވަހީދު ކުޅިވަރުގެ ހަރަކާތްތަކުން ދުރަށް ޖެހުނުތަން ވެސް ފެނުނެވެ. ކުޅިވަރުގެ އެއްވެސް ރަސްމިއްޔާތަކުން ވެސް ނުފެނެ އެވެ.

މިރޭ ހޮޓެލް ޖެންގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި އަނެއްކާވެސް މިނިސްޓަރު އަލީ ވަހީދުއާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިތުރުން މަހްލޫފް ވަނީ އެއްތަން ވެފަ އެވެ. މިދިޔަ އަހަރުގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ރާއްޖެއަށް ލިބުނު ފުރުސަތެއް ކަމަށްވާ ދުބާއީގެ އިންޓަނޭޝަނަލް މުބާރާތެއް ސްޕޮންސަރ ކުރުމުގެ ފުރުސަތާ އެކު މިރޭ އެކަން ވަނީ ހަގީގަތަކަށް ވެފަ އެވެ.

މިރޭ ހޮޓެލް ޖެންގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި މަހްލޫފާއި ބައްސާމް --- ފޮޓޯ// އެފްއޭއެމް

"ވިސިޓް މޯލްޑިވްސް ދުބާއީ އިންޓަނޭޝަނަލް ކަޕް" ގެ ނަމުގައި ދުބާއީގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މުބާރާތަކީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ކުލަބުތައް ކަމަށްވާ ބާސެލޯނާ، ރެއާލް މެޑްރިޑް އަދި އާސެނަލް ފަދަ ކުލަބުތަކުގެ ޒުވާން ޓީމުތައް ބައިވެރިވާ މުބާރާތެކެވެ. އެ މުބާރާތުގައި އެ ޓީމުތަކާ އެކު ވާދަ ކުރުމުގެ ފުރުސަތު ރާއްޖެއަށް ވެސް ލިބިފައިވާ އިރު މި މުބާރާތަކީ ރާއްޖޭގެ ޓީމެއް އެ ފެންވަރުގެ ކުލަބުތަކާ އެކު އެއް މުބާރާތެއްގައި ވާދަ ކުރާނެ ފުރަތަމަ ފަހަރެވެ.

"އަޅުގަނޑުމެންނަށް މި މުބާރާތުގެ މެއިން ސްޕޮންސަރެއްގެ ގޮތުގައި ގައުމީ ޓީމު ބައިވެރި ކުރުމުގެ ފުރުސަތު ލިބުނު އިރު ދެން މުބާރާތުގައި ބައިވެރިވަނީ ދުނިޔޭގެ އެކި ހިސާބުތަކުގެ ވަރުގަދަ ޓީމުތައް. އޭގެ ތެރޭގައި ސްޕެއިންގެ ރެއާލް މެޑްރިޑް، ބާސެލޯނާ، ޕޯޓޯ އަދި އާސެނަލް ހިމެނޭ،" މުބާރާތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އަލީ ވަހީދު މިރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުބާރާތުގެ ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރާނީ ވޭތުވެ ދިޔަ އަހަރުގެ ޓުއަރިޒަމް ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރާއްޖެ އައިސް ފުޓުބޯޅަ ފިއެސްޓާ ހިންގި ރެއާލް މެޑްރިޑުގެ ލެޖެންޑް މިޗެލް ސަލްގާޑޯ ކަމަށެވެ.

މުބާރާތް ސްޕޮންސަރ ކުރުމުގެ ފުރުސަތު ލިބުމާ އެކު ކުޅިވަރުގެ މިނިސްޓްރީއާ ވާހަކަ ދެއްކުމަށްފަހު އެކަން ކުރުމަށް ނިންމި ނަމަވެސް މިނިސްޓްރީގެ ޓީމެއް ނެގުމަށް ބޭނުން ނުވި ކަމަށް އަލީ ވަހީދު ވަނީ މިރޭގެ ރަސްމިއްޔާތުގައި ވަނީ ވިދާޅުވެފަ އެވެ.

އަންނަ މަހުގެ 13 ވަނަ ދުވަހު ދުބާއީގައި ފަށައި މި މުބާރާތުގައި ރާއްޖެއާ އެއް ގުރޫޕަކަށް ލައްވާލީ އާސެނަލާއި ދުބާއީގެ އިތުރުން ސައުދީ އަރަބިއްޔާ އެވެ. މި މުބާރާތުގައި ރާއްޖޭގެ 13 އަހަރުން ދަށުގެ ޓީމު ބައިވެރިވާ އިރު ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވާނީ އިސްމާއިލް އާސިފް (ކުޑަ ހީނާ) އެވެ. ހަ ގުރޫޕެއްގެ މެދުގައި ކުރިއަށް ގެންދާ މި މުބާރާތުގެ ދެވަނަ ބުރަށް ގުރޫޕުގެ ތިންވަނަ ހޯދައިގެން ވެސް ދަތުުރު ކުރެވޭނެ އެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު މަހްލޫފް ވިދާޅުވީ ފުރަތަމަ އެކަމުގެ ޒިންމާ ޔޫތް މިނިސްޓްރީން ނެގީ މާ ބޮޑު ހަރަދެއް ނުދާނެ ކަމަށް ބަލައިގެން ކަމަށެވެ.

"އަލީ ވަހީދު މި ފެސްޓިވަލް ރާވާފައި ބުނީ އަޅުގަނޑު ދާންވާނެ އޭ. އޭރު އަޅުގަނޑު ހީކުރީ ވަރަށް އަގުހެޔޮ ކަމެއް ކަމަށް އެއީ. އެކަމަށް ވަރަށް ބޮޑު، މިލިއަނަކަށް ވުރެން ބޮޑު ހަރަދެއް ކޮށްފައި މިވަރުގެ ކަމެއް މިކުރަނީ ވަރަށް ބޮޑު އުންމީދެއްގައި،" މަހްލޫފް ވިދާޅުވި އެވެ.

މުބާރާތަށް ރާއްޖޭގެ ކުޅުންތެރިންނާއި ކުޅުންތެރިންގެ ބެލެނިވެރިން ގެންދިއުމުގެ ހުރިހާ ހަރަދެއް ކުޅިވަރާ ބެހޭ މިނިސްޓްރީން ކުރުމަށް ނިންމާފައިވާ އިރު މަހްލޫފް ވިދާޅުވީ މުބާރާތުގެ އަމާޒަކީ ކޮންމެހެން ތަށި ގެނައުން ނޫން ކަމަށެވެ. އެކަމަކު މިކަމަކީ ފުޓުބޯޅަ ކުރިއަރުވަން، މުސްތަގުބަލަށް ރަނގަޅަކަށް ކުރާ ކަމެއްގެ ގޮތުގަ އެވެ.

މިނިސްޓަރު މަހްލޫފް މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ --- ފޮޓޯ// އެފްއޭއެމް

މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ، މިހާރުގެ ސްޕޯޓްސް ކޮމިޝަނަރު އަދި މަޝްހޫރު ކޯޗް އިސްމާއިލް އާސިފް (ކުޑަ ހީނާ) މީގެ އަހަރެއްހާ ދުވަސް ކުރިން ހަވާލު ކުރި މަސައްކަތަކީ ދެ އަހަރުގެ ތެރޭގައި 16 އަހަރުން ދަށުގެ ޓީމެއް ބިނާ ކުރުން ކަމަށެވެ. އަދި އެކަން ކުރުމަށް އިންޓަނޭޝަނަލް މެޗުތަކެއްގެ ތަޖުރިބާތަކެއް މުހިއްމު ކަމަށް ވިދާޅުވިއެވެ. އަދި އެކަމަށް މިއަދު މިވަނީ ފުރުސަތު ލިބިފައި ކަމަށް ބައްސާމް ވިދާޅުވި އެވެ.

"ދުރު ވިސްނުމެއްގައި ވޯލްޑް ކަޕާ ހަމައަށް ދިއުމަކީ ވެސް އަޅުގަނޑުމެން ކުރަން ޖެހޭ ކަމެއް. އެގޮތުން އިންޓަނޭޝަނަލް އެކްސްޕޯޝާ ހޯދުމަށްޓަކައި މިކަހަލަ މުބާރާތްތަކަށް ދިއުމަކީ ލިބުނު ރަނގަޅު ފުރުސަތެއް." ބައްސާމް ވިދާޅުވި އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް --- ފޮޓޯ// އެފްއޭއެމް

މިނިސްޓަރު މަހްލޫފް އަދި އަލީ ވަހީދު ވަނީ މިދިޔަ އަހަރުގެ ކުރީ ކޮޅު ބައްސާމްއާ ދެކޮޅަށް ކޮރަޕްޝަނުގެ މައްސަލަތަކެއް ތުހުމަތުކޮށް ގިނަ ފާޑު ކިޔުންތަކެއް ކިޔައިފަ އެވެ. އަދި ބައްސާމް ވެސް ވަނީ ރައްދުގައި ދެ މިނިސްޓަރުންނަށް ބަހުގެ ހަމަލާތަކެއް ސޯޝަލް މީޑިއާ މެދުވެރިކޮށް ދެއްވާފައެވެ.

އެކަމަކު ފީފާގެ އިންޒާރަކާ އެކު މަހްލޫފާއި އަލީ ވަހީދު ވަނީ އެފްއޭއެމްއާ ދެކޮޅަށް ޖެއްސި ކެމްޕޭން ހުއްޓާލައި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

comment ކޮމެންޓް