ހުކުރު މިސްކިތު މުންނާރު ވަރަށް ބޮޑަށް ބާވެފައި ވަނިކޮށް، އެތަން އާބާތުރަ ފިލުވުމަށް ސްޓެލްކޯއިން އިސްނަގައިގެން ފެށި މަސައްކަތް ނިންމާލައިފި އެވެ.
މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖުން ހުކުރު މިސްކިތުގެ މުންނާރާއި ހަރިންމައިގެ ތެރޭ ހުންނަ ވަޅުތައް ބަލަހައްޓާ މަރާމާތު ކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސްޓެލްކޯއާ އެވެ.
ހަތަރު އަހަރު ދުވަހުގެ މުއްދަތަކަށް ހެރިޓޭޖް މިނިސްޓްރީއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން، ހުކުރު މިސްކިތުގެ މުންނާރުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ސްޓެލްކޯއިން ފެށީ މިދިޔަ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު އެވެ.
އެ މަސައްކަތް އިއްޔެ ވަނީ މުޅިން ނިންމާލައިފަ އެވެ. މަސައްކަތް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވަޑައިގެން ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވަނީ ފަރުވާތެރިކަމާއެކު، އެފަދަ މުހިންމު މަސައްކަތެެއް ކޮށްދެއްވި ކަމަށްޓަކައި، އެމަސައްކަތުގައި އުޅުނު ސްޓެލްކޯގެ ޓީމާއި، މެނޭޖްމަންޓަަށް ޝުކުރު ދަންނަވައިފަ އެވެ.
މިނިސްޓަރު ވިދާޅުވީ ސްޓެލްކޯއާއި އެމަސައްކަތް ހަވާލު ކުރީ ސްޓެލްކޯއަކީ 100 ޕަސެންޓު ދިވެހިން މަސައްކަތް ކުރާ ކުންފުންޏަކަށްވުމުން އަމިއްލަ މަސައްކަތެއްގެ ގޮތުގައި ދެކިގެން އެ މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ.
މިނިސްޓަރު ވަނީ މުންނާރުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ވަރަށް ފުރިހަމަ ކަމަށް ވިދާޅުވެ، ސްޓެލްކޯގެ މަސައްކަތަށް ތައުރީފުކުރައްވައިފަ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ އަޒުވަރު ވިދާޅުވީ، މުންނާރާއި ވަޅުތަކުގެ މަސައްކަތްތައް ކޮށްފައިވަނީ އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެން ކަމަށާއި، އެ މަސައްކަތް އެހާ ފުރިހަމައަށް ކޮށްދެއްވާފައިވާތީ އެ މަސައްކަތުގައި އުޅުނު ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.
ހުކުރު މިސްކިތު މުންނާރާއި ހަރިންމައިގެ ތެރޭ ހުންނަ ވަޅުތައް ބެލެހެއްޓުން ސްޓެލްކޯއާއި ހަވާލުކޮށްފައިވީ ނަމަވެސް، އެ މަސައްކަތް ކުރިއަށް ގެންދަނީ ހެރިޓޭޖް މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.