އަޒްހަރުގައި ކިޔަވަން ރައީސްގެ ސްކޮލާޝިޕް މާޒިނާއަށް

މާޒިނާ އަބްދުއްރަހީމްއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސްކޮލާޝިޕްގެ ލިޔުން ހަވާލުކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ދެހާސް އަށާރަވަނަ އަހަރު ޝަހާދާ ސާނަވިއްޔާއިން ރަނގަޅު ނަތީޖާއެއް ހޯދައި، ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕް ހާސިލުކުރި ދަރިވަރު ނ. ލަންދޫ ކިނާރާ، އަލްހާފިޒާ މާޒިނާ އަބްދުއްރަހީމަށް ސްކޮލާޝިޕްގެ ލިޔުން ދެއްވައިފިއެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ރައީސް ސޯލިހު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕް ހަމަޖެހުނުކަމުގެ ލިޔުމާއި އިނާމު މަޒީނާއަށް ދެއްވައިފައެވެ. އެ ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ހަޔާ އެޑިޔުކޭޝަން ޑރ. އިބްރާހީމް ހަސަންގެ އިތުރުން، މާޒިނާގެ މައިންބަފައިން ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ބައްދަލުކުރެއްވުމުގައި މާޒިނާ ހޯދި ކާމިޔާބީގެ އަގު ވަޒަންކުރައްވައި ރައީސް ވާހަކަފުޅު ދެއްކެވިއެވެ. މަތީ ތައުލީމު ހާސިލުކުރުމުގެ މަރުޙަލާގައިވެސް މޮޅު ކާމިޔާބީއެއް ހޯދައި، ދިވެހި ގައުމުގެ ތަރައްގީއަށާއި ކުރިއެރުމަށް އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވުމަށް ރައީސް މިއަދު މާޒިނާ ގާތުގައި އެދިވަޑައިގެންނެވިއެވެ.

މާޒިނާ ރައީސްގެ ސްކޮލާޝިޕް ހޯދީ ޝަހާދާ ސާނަވިއްޔާ އިމްތިހާނުގައި ބައިވެރިވި 15 މާއްދާގެ ތެރެއިން 13 މާއްދާއިން އޭ ސްޓާއާއި، ދެ މާއްދާއިން އޭ ހޯދައިގެންނެވެ. އޭނާ މަތީ ތައުލީމު ހާސިލުކުރުމަށް ހަމަޖެހިފައިވަނީ އުސޫލުއް ދީނުގެ ރޮނގުން މިސްރުގެ އަލްއަޒްހަރު ޔުނިވަސިޓީގައެވެ.

މާޒިނާ ތައުލީމީ ހަޔާތް ފެއްޓީ 2007 ވަނަ އަރަބިއްޔާ ސްކޫލުގެ ގްރޭޑު އެކަކުންނެވެ. ޝަހާދާ ސާނަވިއްޔާއާ ހަމަޔަށް ކިޔަވައި ނިންމާފައިވަނީވެސް އަރަބިއްޔާއިންނެވެ. 2017 ވަނަ އަހަރު އޭނާ ވަނީ އަރަބިއްޔާ ސްކޫލުގެ އެއްވަނަ ދަރިވަރުކަންވެސް ހޯދައިފައެވެ. ގުރުއާން ހިތުދަސްކޮށް، ރައީސުލްޖުމްހޫރިއްޔާގެ މެޑެލްވެސް 2019 ވަނަ އަހަރު މާޒިނާ ވަނީ ހާސިލުކޮށްފައެވެ. އަދި އޭނާ ވަނީ އެކި ގުރުއާން މުބާރާތްތަކުގައި އެކި ކާމިޔާބީ ހޯއްދަވައިފައެވެ.

comment ކޮމެންޓް