ކުއްޖާ ރޭޕްކޮށްފައި ހުރީ އެތައް ފަހަރަކު! އަނިޔާދޭތާ އެތައް ދުވަހެއް!

ގދ. ތިނަދޫއިން -- "އެއީ އެންމެ އެއްއަހަރާއި އަށް މަހުގެ ކުއްޖެއް. މިހާ ކުޑަ ކުއްޖަކަށް މިވަރުގެ ބޮޑު އަނިޔާއެއް ލިބިގެން ގެނެސްފައެއް ނެތް، ހަމަ ގައިމުވެސް އަޅުގަނޑުގެ ހަޔާތުގައި މި ދާއިރާގައި މިވީހާ ދުވަހެއްގައި މިވަރުގެ ކޭސްއެއް އަދި ނުދެކެން،" ކުއްޖާގެ ކާފަ އާއި މުނިކާފަ ރޭޕްކުރި ކަމަށް ތުހުމަތުވާ ކުއްޖާގެ ކޭސްގެ މައުލޫމާތު އެނގި ހުރި ސިއްހީ ދާއިރާގެ ބޭފުޅަކު "ސަން"އަށް ވިދާޅުވި އެވެ.

ތުއްތު ކުއްޖާއަށް ލިބިފައި ހުރި އަނިތާތަކަށް ޓެސްޓު ހެދުމަށްޓަކައި ޖެންޑާ މިިނިސްޓްރީގެ ބެލުމުގެ ދަށުން، ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެނައީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 8:50 ހާއިރު އެވެ.

ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް: ފުރަތަމަ ކުއްޖާގެ ޓެސްޓްތައް ހެދީ މި ހޮސްޕިޓަލުން -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އެ ކޭސްގެ ސަބަބުން ޝޮކެއްގައި ހުންނެވި ސިއްހީ ދާއިރާގެ އެބޭފުޅާ "ސަން"އަށް ވިދާޅުވި ގޮތުގައި އާންމުގޮތެއްގައި މިފަދަ ކޭސްތައް ފެންމަތިވެ މީގެ ކުރިން އެޓެންޑް ކޮށްފައި ވަނީ ހަ އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށެވެ. ނަމަވެސް، މީގެ ކުރިން މިހާ ކުޑަކުއްޖަކަށް ބަޔަކު ބޮޑެތި ޖިންސީ ގޯނާތަކެއް ކޮށްގެން އެއްވެސް މައްސަލައެއް ފެންމަތިވެފައިވާކަން އޭނާގެ ހަނދާނަކަށް ނާދެ އެވެ.

ޑޮކްޓަރުންގެ ރިޕޯޓްތަކާ ވެސް ހަވާލާދެއްވާ އޭނާ ވިދާޅުވި ގޮތުގައި، އެ ކުއްޖާ އަށް ލިބިފައި ހުރި އަނިޔާތަކަށް ބަލާއިރު، އެ ތުއްތު ކުއްޖާއަށް ކޮންމެވެސް ބަޔަކު ޖިންސީ ގޯނާކޮށްފައި ވަނީ އެއްފަހަރަކު ދެފަހަރަކު ނޫނެވެ. އެ އަނިޔާތަކަށް ބެލުމުން، އެއީ އެތައް ދުވަހެއްގެ މަތިން ކޮށްފައިވާ އަނިޔާތަކެއް ކަމަށް ކަށަވަރު ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. ތަކުރާރުކޮށް އެކި ފަހަރު މަތިން ބަޔަކު އެ ކުއްޖާއާ ބެހިފައިވާކަން ކަށަވަރު ކުރެވޭކަމަށް އޭނާ ވިދާޅުވި އެވެ.

"އެއް ހަފްތާ ނުވަތަ ދެހަފްތާގެ ކަމެއް ހެން ހިއެނުވޭ. އެއީ ފްރެޝް ކޭސްއެއް ނޫން. ބެލެވެނީ އެކަން ހިނގަން ފެށިތާ ދުވަސްތަކެއް ވެއްޖެހެން،" އޭނާ ވިދާޅުވި އެވެ.

މިފަދަ ކޭސްތަކުގައި އެހާ ޅައުމުރުގައި ޖިންސީ ގޮތުން އެހާ ބޮޑު އަނިޔާއެއް އެކުއްޖާ އަށް ލިބުމުން އެކަންކަން އިއާދަ ކުރުމަކީ ވަރަށް ވެސް އުދަނގޫ ކަމެއްކަމަށް ވެސް އޭނާ ލަފާކުރައްވަ އެވެ.

ގއ. ކަނޑުހުޅުދޫގެ މަގެއްގެ މަތި: އެ ރަށުގައި ވަނީ އުމުރުން އެއް އަހަރާއި އަށް މަހުގެ ކުއްޖަކު ރޭޕްކޮށްފައި -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ވެސް މީގެ ކުރިން އެހެން ބުނެފައިވެ އެވެ.

އާއިލާއިން މީގެ ކުރިން "ސަން" ބުނެފައިވާ ގޮތުން ކުއްޖާގެ ހާލަތު ބެލުމަށްފަހު، ޑޮކްޓަރަށް ކުއްލި ޝޮކެއް އައިކަމަށެވެ. އާއިލާއިން ބުނި ގޮތުގައި ކުއްޖާއަށް ވަނީ، "އިއާދަ ނުކުރެވޭނެ ފަދަ އަނިޔާތަކެއް" ލިބިފަ އެވެ. އެތައް ބޮޑެތި ފިރިހެނުންތަކެއް ވެގެން ކުއްޖާ ރޭޕްކޮށްފައި ހުރިކަން ޑޮކްޓަރު އާއިލާއަށް ކަށަވަރުކޮށްދީފައިވެ އެވެ.

"ހަ ގަޑިއިރުގެ ޓެސްޓުތައް ހެދި. ޓެސްޓުތައް ދެއްކީ ކުއްޖާ ހުރީ ގަދަޔަށް ރޭޕްކޮށްފައިކަން. އަނބުރާ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުން ލިބިފައި ހުރީ ކުއްޖާއަށް. ޑޮކްޓަރުވެސް އެތަނުން ހެދި ޓެސްޓުތައް ބަލާފައި ޝަހާދަތްކީ. ބުނީ މިއީ އިންސާނުން ކުރާނެ ވަރުގެ ކަމެއް ނޫނޭ. އެހާވަރު ވެފައި ހުރީ،" ކުއްޖާގެ ހާލަތާ ގުޅޭ ގޮތުން އާއިލާއިން މީގެ ކުރިން ބުނެފައިވެ އެވެ.

ގއ. ގެ ރަށެއްގެ މަގުމަތީ ބަޔަކު މަޑުކޮށްލައިގެން -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އެ ކުއްޖާގެ ފުރަތަމަ ޓެސްޓްތަކުން ވެސް އެ ކުއްޖާ ދިން އަނިޔާތަކުގެ ބޮޑުކަމާއި ރަހުމަތްނެތް ކަން ހާމަވީއިރު އެ ކުއްޖާގެ އިތުރު ޓެސްޓްތަކެއް މިހާރު ދަނީ މާލެ ގެނެސް އައިޖީއެމްއެޗްގައި ހަދަމުން އެވެ. އެ ޓެސްޓްތަކުން އެ ކުއްޖާއަށް ކުރިމަތިވީ ބޮޑެތި އަނިޔާތައް އިތުރަށް ތަފްސީލް ވެގެން ދާނެ އެވެ. އެ ރިޕޯޓް މިއަދު ކަމާ ބެހޭ ފަރާތްތަކާ ހިއްސާކުރާނެ އެވެ.

އެ ކުއްޖާގެ މަންމަ އާއި ބައްޕަވެސް ދިރިއުޅެމުން ދިޔައީ މަސްތުވާތަކެތީގެ ދުނިޔެއެއްގަ އެވެ. ކުއްޖާގެ މަންމަ، ތައުލީމު ހާސިލުކުރުމަށް ގިނަ ދުވަސްތަކެއް ވަންދެން އުޅުނީ ތިނަދޫގަ އެވެ. މިރަށު މީހުން ބުނި ގޮތުގައި އޭނާއަކީ އޭރުވެސް އަހްލާގީ މައްސަލަތަކެއް ހުރި މީހެކެވެ. އަދި މިއީ އޭނާގެ ދެވަނަ ކައިވެންޏެވެ. ފުރަތަމަ ކައިވެންޏަށް ދެ ދަރިން ތިބެ އެވެ. އެ ދަރިން ބަލަހައްޓަނީ، މާމަ އެވެ.

comment ކޮމެންޓް