ފާއިތުވި ދެ ދުވަހު ޓެސްޓް ކުރި އެންމެން ވެސް ހިމަބިއްސަށް ނެގެޓިވްކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ އިތުރަށް އަތް ފަރާތެއް އިއްޔެ ހިމަބިހީގެ އަލާމަތެއް ފެނިގެން ޓެސްޓް ކުރި ކަމަށެވެ.
"އޭގެ އިތުރުން ހުޅުމާލޭގައި ސެޓަޕްވަނީ ގާއިމްކުރެވިފައި. މާލޭގައިވެސް ތަނެއް އައިޑެންޓިފައި ކުރެވި އެތަން ސެޓަޕް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ. އެތަން ގާއިމްކުރުމާއެކު ޝައްކުކުރެވޭ މީހުން އިތުވާކަމުގައިވާނަމަ އެތަންތަން ގާއިމްކުރެވި އެތަންތަން ތައްޔާރުކުރެވިފައި ހުންނާނެ." މިނިސްޓަރު ވިދާޅުވިއެވެ.
އޭގެ އިތުރުން އޭނާ ވިދާޅުވީ ވިލިމާލެއިން ހިމަބިއްސަށް ޝައްކުވާމީހުންވެސް މާލެއަށް ގެނައުމުގެ އިންތިޒާމްތައް މިހާރު ހަމަޖައްސައިފައިވާ ކަމަށެވެ.
ހިމަބިހި ފެނުނު މީހުން ހިމެނޭ ގޭ ބިސީތަކުގެ ސަރަހައްދާއި ސިއްހީ ދާއިރާގެ ފްރޮންޓްލައިންގެ މަސައްކަތުގައި އުޅުނު މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތް މިއަދު ކުރިއަށް ގެންދިޔަކަމަށް އަމީން ވިދާޅުވިއެވެ. އޭގެ ތެރެއިން ހުޅުމާލެ ހޮސްޕިޓަލްގެ 75 ޕަސެންޓް މުވައްޒަފުންނަށް ވެކްސިންދިންކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި ހިމަބިހި މިފަހުން ފެނުނީ ތިން މީހެއްގެ ގައިންނެވެ. އެންމެ ފުރަތަމަ ހިމަބިއްސަށް ޕޮޒިޓިވް ވެފައިވަނީ އުމުރުން ތިން އަހަރުގެ ކުއްޖެކެވެ. އެޗްޕީއޭއިން ބުނީ އެކުއްޖާއަކީ ހިމަބިއްސަށް ދޭ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ނުވާ ކުއްޖެއް ކަމަށެވެ. އޭގެ ފަހުން 30 އަހަރުގެ ޑޮކްޓަރަކާޢި އިތުރު މީހަކު ވެސް ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.
ހެލްތު މިނިސްޓްރީން މިހާރު ދަނީ ރަށްރަށުންވެސް ހިމިބިހި ފެނޭތޯ ބަލަމުންނެވެ.
ހިމިބިހި ނައްތާލުމުގެ ގޮތުން ޖަހަން ޖެހޭ ވެކްސިންތައް ގެނައުމަށް މިހާރު ދަނީ ހެލްތު މިނިސްޓްރީން ތައްޔާރުވަމުންނެވެ. އެއަށްފަހު ގައުމީ ފެންވަރުގައި ހިމަބިއްސަށް ވެކްސިން ދިނުމުގެ ވަރުގަދަ ކެމްޕޭންއެއް ކުރިއަށްގެންދަން ވަނީ ނިންމައިފައެވެ.