އަބަދު ވަރުބަލިވެފައި ތިޔަ ހުންނަނީ ކީއްވެ؟

އަބަދު ވަރުބަލިވެފައި ތިޔަ ހުންނަނީ ކީއްވެ؟

ރޭގަނޑު ނިދަމުން، މާދަމާއަކީ ނިކަން ހެނދުނާ ހޭލައިގެން ވަރަށް ޕްރޮޑަކްޓިވް އަދި ކާމިޔާބު ދުވަހަކަށް ހޭދޭތޯ ނިޔަތްގަނެވޭ ދޯއެވެ. އެހެންނަމަވެސް ހޭލެވޭއިރު، މި ހުރިހާ އުންމީދެއް އޮންނަނީ ވެއްޔާ މޮޑެވިފައެވެ. ދުވަސް މަތީން ފޫހިވެ، އެނދުން ތެދުވާނެ ހިތްވަރެއްވެސް އެއްބައިފަހަރު ގަޔަކު ނުހުރެ އެވެ. ކީއްވެބާ އެވެ.

ވޯރލްޑް ލައިފްސްޓައިލް އިން ރިޕޯޓުކުރާ ގޮތުގައި އެމެރިކާގައި އެކަނިވެސް އާބާދީގެ 15.3 ޕަސެންޓް އަންހެނުންނާއި 10.1 ޕަސެންޓް ފިރިހެނުންނަކީ މިކަން ތަހައްމަލުކުރާ މީހުންނެވެ. ވަރުބަލިވެފައި ހުންނަނީ ކީއްވެގެންކަން ބައެއްފަހަރު ސީދާ ކަނޑައެޅިގެން އެނގޭއިރު އަނެއްބައި ހާލަތްތަކުގައި ސަބަބު ހޯދަން ވަރަށް އުނދަގުލެވެ.

ނިދި މަދުވުން

މާބޮޑަށް ވަރުބަލިވާން ދިމާވާ އެންމެ މައިގަނޑު އެއް ސަބަބަކީ ނިދި މަދުވުމެވެ. އުމުރުން 18 އަހަރާއި 60 އަހަރާއި ދެމެދުގެ މީހުންނަށް ދުވާލެއްގެ މައްޗަށް 7 ގަޑިއިރު ނުވަތަ އެއަށްވުރެ ގިނައިރުގެ ނިދުން ބޭނުންވާއިރު، އެ މިންވަރަށް ނިދި ނުލިބި ނިދިން މަހުރޫމުވާނަމަ ވަރުބަލިވެ ހަށިގަނޑުން ވަރުދޫވެފައި ހުންނަ އިހުސާސެއް ކުރެވިދާނެ އެވެ. ހަމައެޔާއެކު، ނިދި ހަމަނުވުމުން ފަލަބަލިޖެހުމާއި، ލޭ މައްޗަށް ދިއުމާއި، ޑިޕްރެޝަން ހިތުގެ ބަލިތަކާއި ސްޓްރޯކަށް މަގުފަހިވާކަމަށްވެސް ދިރާސާތަކުން ދައްކައެވެ.

މާބޮޑަށް ސްޓްރެސްވުން

ދިރިއުޅުމުގައި ސްޓްރެސްއާއި ކުރިމަތިލާންޖެހިދާނެ އެތަށް ސަބަބެއް ވެއެވެ. ވަޒީފާއާއި، ފައިސާގެ މައްސަލަތަކާޢި، ރިލޭޝަންޝިޕްސްއާއި، އާންމު ދިރިއުޅުމުގެ އެކި ހާދިސާތައްވެސްމެއެވެ. ސްޓްރެސްގެ ސަބަބުން އެމެޖެންސީއެއްގައި ހަށިގަނޑުން ބޭނުންކުރަން ހުންނަ ފައިޓް އަދި ފްލައިޓް ކެމިކަލްތައް ބޭރުކުރެއެވެ. ސްޓްރެސްގެ ސަބަބުން ބޮލުގައި ރިއްސާ، މައިގްރެއިން، ފަދަ މައްސަލަތައް ކުރިމަތިވާނަމަ ފަސޭހަކޮށް ނުނަގާ ހަށިގަނޑު ހަމަޖައްސާލަން ވަގުތުކޮޅެއް ނެގުން މުހިންމެވެ.

ސިއްހީ މައްސަލައެއް

ކުރިން ބުނެވުނު ހުރިހާ ބަދަލުތައް ދިރިއުޅުމަށް ގެނެސްގެންވެސް ވަރުބަލިވުން ދުރަށްނުދާނަމަ އެއީ ހީކުރާ ވަރަށްވުރެ ސީރިއަސް މައްސަލައެއްކަމުގައިވެދާނެ އެވެ. މިގޮތުން އެނީމިއާ، ތައިރޮއިޑް ޑައިބެޓިކްސް، ޔޫރިން މައްސަލަތައް، ހިތުގެ ބަލިތައް ބަލިވެއިނުން ވިޓަމިންޑެފިޝަންސީ މިއީ ހައްތަހާވެސް ދިމާވެދާނެ ސިއްޚީ މައްސަލަތަކެކެވެ.

ވަރުބަލިވާނަމަ އެއީ ތިމާގެ ދުވަހުގެ މަސައްކަތްތަކަށް ބުރުއަރާ، ނަފްސާނީގޮތުންނާއި، އަދި ޖިސްމާނީގޮތުންވެސް ބޮޑެތި އުނދަގޫތަކެއް މެދުވެރިވާ ކަމެކެވެ. އެހެންކަމުން، ހަރަކާތްތެރިވެ އުޅެ، ހަށިގަނޑަށް ފައިދާހުރި ކާނާ ކައި ސިއްޚީ ރަނގަޅު އާދަތައް ޕްރެކްޓިސް ކުރުމަކީ މުހިންމު ކަމެކެވެ.

comment ކޮމެންޓް