މިއަހަރަކީ ރާއްޖެ ތަރައްގީ ކުރުމުގެ އާ ފެށުމެއް: ރައީސް

ރައީސް ސޯޅިހް ލާމަރުކަޒީ ބިލު ރައީސް ސޯލިހް ތަސްދީގު ކުރައްވަނީ: ދެން އޮތީ މުޅި ރާއްޖެ ތަރައްގީ ކުރުމުގައި އާ ފެށުމެއް ކަމަށް ވިދާޅުވި ---- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ދާދި ފަހުން ތަސްދީގު ކުރި ލާމަރުކަޒީ ގާނޫނުގެ އިސްލާތުހުތަކުން ކައުންސިލްތަކަށް ބާރު ލިބިުމުން، ދެން ބައްދަލު ކުރާނީ ރައްޔިތުން ބޭނުންވާ ގޮތަށް މުޅި ރާއްޖެ ތަރައްގީކުރުމުގެ އާ ފެށުމެއް ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި ބޮޑެތި އިސްލާހުތަކާއެކު ކައުންސިލްތަކަށް އިސްވެ، ރަށް ތަރައްގީކޮށް އިދާރީގޮތުން ހިންގުމަށް ވަނީ ބޮޑެތި ބާރުތަކެއްދީފަ އެވެ. އެގޮތުން ބޮޑު ބަޖެޓެއް ވެސް މިއަހަރު ވަނީ ކައުންސިލްތަކަށް ދީފަ އެވެ.

މިއަދު ފެށީ މިލާދީ އާ އަަހަރުގެ ތަހުނިޔާ ފޮނުއްވާ ރައީސް އާންމު ކުރެއްވި ހިތޯބުގައި އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ހަޔާތުން މުޅިން އާ އަހަރަކާ ކުރިމަތިމިލަނީ، ދައުލަތް ހިންގުމުގެ ނިޒާމަށް ގެނެވުނު ވަރަށް ބޮޑެތި ބަދަލުތަކަކާ އެކުގައި ކަމަށެވެ. އެގޮތުން އެ ބަދަލުތަކުން ދެން ކުރިމަތިލާނީ، ރައްޔިތުން ބާރުވެރި ކުރުމުގެ މުޅިން އާ މަރުހަލާއަަކަށް ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނާ ދެން ބައްދަލުކުރާނީ، ރައްޔިތުން ބޭނުންވާ ގޮތަށް، މުޅި ރާއްޖެ ތަރައްގީ ކުރުމުގެ މުޅިން އާ ފެށުމެކެވެ. ދިވެހިން ދެކެން ފަށާނީ، މުޖްތަމައުގައި އަންހެނުންނަށް ހައްގުވާ މަގާމު ލިބިދީ، އަންހެނުން ބާރުވެރިވެގެންދާ، މާ އުފާވެރި ދުވަސްތަކެކެވެ." ރައީސް ވިދާޅުވި އެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހު ރައީސް ތަސްދީގު ކުރެއްވި ލާމަރުކަޒީ ގާނޫނުގެ އިސްލާހުތަކުން ކޮންމެ ކައުންސިލަކަށް ވެސް މަދުވެގެން ފަސް ކައުންސިލަރުން އިންތިހާބު ކުރަން ޖެހެ އެވެ. އަދި 3،000 އަށް ވުރެ މަތީގެ އާބާދީތަކުގައި ހަތް ކައުންސިލަރުން އިންތިހާބު ކުރަން ޖެހެ އެވެ. އޭގެ އިތުރުން ކޮންމެ ކައުންސިލެއްގައި 33 ޕަސަންޓް އަންހެނުން އިންތިހާބު ކުރުން ލާޒިމެވެ.

ރައީސް ވިދާޅުވި ގޮތުގައި، އެ ގާނޫނަށް އަމަލުކުރަން ފެށުމުން ފުރިހަމަ މާނައިގައި ރާއްޖެ ލާމަރުކަޒީވެގެން ދާނެ އެވެ. ޖަޒީރާވަންތަ ރާއްޖެއެއްގެ ގޮތުގައި، ރާއްޖެ ތަރައްގީ ކޮށްދިނުމަށް ރައްޔިތުން އެދުނު އެދުމާ އެއްގޮތަށް، އެކަން ކުރުމުގެ ފުރިހަމަ އިހްތިޔާރާއި ބާރު، ރައްޔިތުންގެ އަތްމައްޗަށް ދީ، މާލީ ގޮތުންނާއި އިދާރީ ގޮތުން، ކައުންސިލްތަކަށް ފުރިހަމަ މިނިވަންކަން އެ އިސްލާހުތަކާއެކު ދެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެ މުހިންމު ބަދަލުތަކާއެކު، މި އާ އަހަރު ވެސް ތަރައްގީގެ މަގުގައި، މުޅި ދިވެހި އުންމަތް ހަލުވި ފިޔަވަޅުތަކެއް އަޅަން ފެށުމަކީ، އެމަނިކުފާނުގެ ވަރަށް ބޮޑު އުންމީދެއް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ކޮންމެ މުއައްސަސާއަކުން ގާނޫނުގެ ވެރިކަން ދެމެހެއްޓުމަށް ރައީސް އިލްތިމާސް ކުރެއްވި އެވެ.

"މިފެށުނު އަހަރުގައިވެސް ދައުލަތުގެ ކޮންމެ މުއައްސަސާއަކުން، އަދި ދައުލަތުގެ މަގާމެއްގައި ހުރި ކޮންމެ މީހަކުމެ، ގަދައަޅައި މަސައްކަތް ކުރަންވީ، ރައްޔިތުންގެ މަސްލަހަތު އިސްކޮށް، ގާނޫނުގެ ވެރިކަން ދަމަހައްޓައި، ސުލްހަޔާއި އަމާންކަމުގެ މާހައުލެއްގައި، ތަރައްގީގެ މުޅިން އާ މަރުހަލާއަކަށް ރާއްޖެ ގެންގޮސްދިނުމަށް،" ރައީސް އިލްތިމާސް ކުރެއްވި އެވެ.

މި އަހަރުގެ ތެރޭގައިވެސް، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ، އިޖުތިމާއީ އަދާލަތު ގާއިމުކޮށް، ރައްޔިތުންނަށް އުފާވެރި އަދި ފާގަތި ދިރިއުޅުމެއް ހޯދައިދިނުމަށް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރައްޔިތުންގެ އިންސާނީ ހައްގުތައް ހިމާޔަތްކޮށްދީ، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތައް، ހަމަހަމަކަމާއި އަދުލުވެރިކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދެއްވުމުގައި ދެމިހުންނަވާނެ ކަމުގެ ޔަގީން ކަން ރައީސް އެރުވި އެވެ. މާތްﷲގެ ވާގިފުޅާއެކު މި ސަރުކާރު ދެމި އޮންނާނީ، ފުދުންތެރި އަދި ބާއްޖަވެރި ދިރިއުޅުމަކަށް ރައްޔިތުން ކުރާ އުންމީދުތައް، ހަގީގަތައްކަށް ހެދުމުގައި ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، ނިމިގެންދިޔަ 2019 ވަނަ އަހަރަކީ، މުޅި ރާއްޖޭގައި ސުލްހަވެރިކަން ގާއިމުކުރެވުނު އަހަރެކެވެ. އެގޮތުން ސިޔާސީ ދެބަސްވުންތަކާއި އަރައިރުންތަކުން ދުރަށްޖެހި، އާއިލީ އަދި އިޖުތިމާއީ ގުޅުންތަކުން، މުޖުތަމައުގައި އުފާވެރިކަން ފަތުރައިލަދިން އަހަރެއްގެ ގޮތުގައި 2019 ވަނަ އަހަރު ރައީސް ސިފަ ކުރެއްވި އެވެ.

"ބައިނަލްއަގްވާމީ މުޖްތަމައުގެ އިހްތިރާމާއި ގަދަރު ރާއްޖެއަށް ލިބުނު އަހަރެކެވެ. އިގްތިސާދީ ގޮތުންވެސް ރާއްޖެ ކަޑައްތުކުރީ، ފާގަތި އަދި ފުދުންތެރި ދުވަސްތަކެކެވެ." ނިމުނު އަހަރުގެ ކާމިޔާބު ކުރު ގޮތަކަށް ސިފަ ކުރައްވާ ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ސޯލިހް މިވަގުތު ހުންނެވީ، ނުރަސްމީ ދަތުރުފުޅެއްގައި އަވައްޓެރި ސްރީލަންކާގަ އެވެ. މިއީ އެ ގައުމުގައި އިންތިހާބު އިދިކޮޅު ލީޑަރު ގޯޓާބަޔާ ރާޖަޕަކްސަ ކާމިޔާބު ކުރި ފަހުން ރައީސް އެ ގައުމަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. ރައީސް ސޯލިހް އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހު ހަތަރު ވަނަ ދުވަހު އެވެ.

comment ކޮމެންޓް