މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެކިއެކި ޖޫރިމަނާތަކުން 170 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ލިބިއްޖެ އެވެ.
ދައުލަތުގެ ޓެކްސް އިދާރާ މީރާއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް އެ އިދާރާއިން ބަލައިގަތް ޖޫރިމަނާ ފައިސާގެ ޖުމްލަ އަދަދު 177.2 މިލިއަން ރުފިޔާއަށް އަރަ އެވެ.
އޭގެ ތެރެއިން ނޮވެމްބަރު މަހު އެ އިދާރާއިން ބަލައިގަތް ޖޫރިމަނާ ފައިސާގެ އަދަދަކީ 14.2 މިލިއަން ރުފިޔާ އެވެ.
ޖޫރިމަނާތަކުން ލިބޭ ޖުމްލަ އާމްދަނީ މީރާގެ ރިޕޯޓުގައި ބަޔާންކުރި ނަމަވެސް، ވަކިވަކި ޖޫރިމަނާތަކުގެ ތަފްސީލު ބަޔާންކޮށްފައި ނުވެ އެވެ.
ޓްރެފިކް ވަޔަލޭޝަންތަކާއި ޕާކިންގް ސްޓިކާގެ ޖޫރިމަނާ ވެސް ޖުމްލަ އަދަދުގެ ތެރޭގައި ހިމެނޭއިރު، ފަހަކަށް އައިސް ޕާކިންގް ސްޓިކާ ޖެހުން އިތުރުވެފައިވާކަން ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
އެގޮތުން ނޮވެމްބަރު 30 އިން ފެށިގެން މި މަހުގެ ހަ ވަނަ ދުވަހާ ހަމައަށް އެކަނި ވެސް 1648 އުޅަނދުގައި ޕާކިންގް ސްޓިކާ ޖަހާފައިވާއިރު، އޭގެ ކުރީ ހަފްތާގައި 1480 އުޅަނދުގައި ޕާކިންގް ސްޓިކާ ވަނީ ޖަހާފަ އެވެ.