ކުރީ ސަރުކާރުގައި އެމްޕީއެލްއިން ސްޕޮންސާތައް ދިނީ އުސޫލެއް ނެތި: އޮޑިޓް

އެމްޕީއެލް---

ދެހާސް ފަނަރަ ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރައި ހަމައަށް އެއްވެސް އުސޫލެއްނެތި އެމްޕީއެލް އިން އަށް މިލިއަން ރުފިޔާގެ ސްޕޮންސާ އަދި ޑޮނޭޝަން އެކި ކުންފުނިތަކަށް ދިންކަން ހާމަވެއްޖެ އެވެ.

އޮޑިޓް އޮފީހުން އާންމުކޮށްފައިވާ އެމްޕީއެލްގެ ޕްރޮކިޔުމެންޓް ސްޕެޝަލް އޮޑިޓް ގައި ބުނެފައިވާގޮތުން 2015 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ އޮކްޓޮބަރު މަހުގެ ނިޔަލަށް އެ ކުންފުނިން ސްޕޮންސާ އަދި ޑޮނޭޝަނުގެ ގޮތުގައި 8.91 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

ފުޓްބޯޅަ ކްލަބުތަކާއި ރަށްރަށުގެ ޖަމްއިއްޔާތަކުގެ އިތުރުން ސަރުކާރުން ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކަށްވެސް އެމްޕީއެލް އިން އުސުލެއްނެތި ފައިސާ ދީފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވާގޮތުން އެމްޕީއެލް އިން ކުންފުނިތަކަށާއި ރަށްރަށަށް ފައިސާ ދޫކޮށްފައިވަނީ ސްޕޮންސާ އަދި ޑޮނޭޝަން ދިނުމުގެ އުސޫލެއް އެކުލަވާ ނުލައެވެ. އަދި ސްޕޮންސާ ދިނުމުގައި ހަމައެއް ހިފަހައްޓާފައި ނުވާކަންވެސް އޮޑިޓްގައި ފާހަގަކޮށްފައިވެއެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން ރަށްރަސުގައި އަމިއްލަ ފަރާތްތަކުން ހިންގާ ފުޓްބޯޅަ މުބާރާތްތަކަށްވެސް ބޮޑެތި އަދަދުތަކުން ފައިސާ ދީފައިވާކަން ފާހަގަކޮށް އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ އެއް ފަރާތަކަށް 224 ހާސް ރުފިޔާ ފުޓްބޯޅަ މުބާރާތަށް ދިން އިރު އަނެއް ފަރާތަކަށް އެއްލައްކަ ރުފިޔާވެސް ދީފައިވާ ކަމަށެވެ.

އެމްޕީއެލް އިން އަމިއްލަ ޖަމްއިއްޔާއަކަށް ޑޮނޭޝަނުގެ ގޮތުގައި ދިން 60 ހާސް ރުފިޔާ އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާކޮށްފައިވާކަންވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އޮޑިޓް ރިޕޮޓުގައި ބުނެފައިވަނީ ސްޕޮންސާ އާއި ޑޮނޭޝަން ދިނުމުގައި ހާމަކަންބޮޑު ހަމަހަމަ އުސޫލެއް ނުގެންގުޅެނަމަ، ކުންފުންޏަށް ލިބޭ ފައިސާ ވަކި ފަރާތެއްގެ މަސްލަހަތަށް އިސްކަންދީގެން ހަރަދު ކުރުމަށް މަގުފަހިވާކަމަށާއި އެއީ ހަމަހަމަ ކަމަށް ހުރަސް އެޅޭ ކަމެއް ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެކަން އިސްލާހު ކުރުމަށް ކުންފުނީގެ ސީއެސްއާރު ޕޮލިސގެ ދަށުން ސްޕޮންސާޝިޕާއި ޑޮނޭޝަންގެ ގޮތުގައި ފައިސާ ހޯދުމަށް އެދޭ އާންމު މީހުންނަށް ފައިސާ ދޫކުރާނެ އުސޫލެއް ތައްޔާރުކޮށް ހަމަހަމަ އުސޫލެއްގެ ދަށުން ސްޕޮންސާޝިޕާއި ޑޮނޭޝަން ދިނުމަށް ވަނީ އޮޑިޓް ރިޕޯޓުގައި އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް