މަތީ ތައުލީމަށް ދޫކުރި ލޯނުތަކުގެ 81 ޕަސެންޓް ނުދައްކާ: އޮޑިޓް

މަތީ ތައުލީމުގެ ލޯންއެހީގެ ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަތީ ތައުލީމަށް ދޫކުރި ލޯނުތަކުގެ ތެރެއިން 114 މިލިއަން ރުފިޔާ ނުލިބޭކަން އޮޑިޓް ރިޕޯޓްއިން ހާމަވެއްޖެ އެވެ.

އޮޑިޓް އޮފީހުން އިއްޔެ އާންމުކުރި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ 2018ގެ އޮޑިޓް ރިޕޯޓްގައި ބުނީ 1990 އިން ފެށިގެން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް 1166 ދަރިވަރަކަށް 140.09 މިލިއަން ރުފިޔާ މަތީ ތައުލީމްގެ ލޯންގެ ގޮތުގައި ދޫކޮށްފައިވާ ކަމަށެވެ.

އެހެން ނަމަވެސް މިދިޔަ ޑިސެމްބަރުމަހުގެ ނިޔަލަށް 114.13 މިލިއަން ރުފިޔާ މިދިޔަ ޑިސެމްބަރުމަހުގެ ނިޔަލަށް ނުދައްކާ އޮތްކަމަށްވެސް އޮޑިޓް ރިޕޯޓްފައި ފާހަގަކޮށްފައިވެ އެވެ.

އެހެންކަމުން، އޮޑިޓް ރިޕޯޓްގައި ހުރި ހިސާބުތަކަށް ބަލާއިރު މަތީ ތައުލީމަށް ދޫކުރި، 81 ޕަސެންޓް ލޯނު އަނބުރާ ދައްކަމުން ނުދެ އެވެ.

ސަރުކާރުގެ މާލިއްޔަތު ގަވައިދުވާގޮތުން ފައިސާ ބަލައިގަންނަ ކޮންމެ އޮފީހަކުން ނުވަތަ ފައިސާ ބަލައިގަންނަ ކޮންމެ ތަނަކުންވެސް ބަލައިގަންނަ ފައިސާގެ ހިސާބު ބަލަހައްޓަންވާނެކަމަށް ބަޔާންކޮށްފައިވެެ އެވެ.

އެހެންނަމަވެސް ދަރިވަރުން މަތީ ތައުލީމް ހާސިލްކުރުމަށް ދޫކޮށްފައިވާ ލޯންތަކުގެ ތެރެއިން މިހާތަނަށް ލިބެންޖެހެނީ ކިހާ ފައިސާއެއްކަން ކަށަވަރުކުރެވޭނެގޮތަށް ކަމާގުޅޭ ކޮންޓްރޯލްތައް ގާއިމްކޮށްފައިނުވާ ކަމަށާއި އަދި އެކަމާ ގުޅޭ ހިސާބުތައްވެސް ރަނގަޅަށް ބަލަހައްޓާފައި ނުވާކަން އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ.

އެހެންކަމުން މަތީ ތައުލީމް ހާސިލްކުރުމަށް އެކި ސްކީމްތަކުގެ ދަށުން ދޫކޮށްފައިވާ ލޯންތަކަށް މިހާތަނަށް ލިބެން ޖެހޭ އަދަދާއި ދަރިވަރުން ފައިސާ ނުދައްކައި ހޭދަވަނީ ކިހާ ދުވަހެއްކަން ފަދަ މުހިންމު މައުލޫމާތުތައް ކަށަވަރުކުރެވެން ނެތްކަންވެސް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ.

އެ މައްސަލައިގައި އޮޑިޓް އޮފީހުން ލަފާދީފައި ވަނީ ހިސާބުތައް ފުރިަހަމައަށް ބަލަހައްޓައި އަދި އެކަށީގެންވާ މުއްދަތުގައިވެސް ފައިސާ ނުދައްކާ ފަރާތްތަކުގެ މައްސަލަ ޝަރީއަތަށް ފޮނުވުމަށެވެ.

ބީއެމްއެލް މެދުވެރިކޮށް ދޫކޮށްފައިވާ ލޯންތައްވެސް ދައްކާފައި ނުވާކަން އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ނެޝެނަލް ސްޓޫޑަންޓް ލޯން ސްކީމްގެ ދަށުން 40.4 މިލިއަން ރުފިޔާ އަދި ލޯން ސްކީމް ފޯ އެޑިއުކޭޝަނަލް އެސިސްޓެންޓްގެ ދަށުން 3.4 މިލިއަން ރުފިޔާ އަނބުރާ ބޭންކަށް ނުލިބިފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ.

އޭގެ އިތުރުން ބޭންކް އޮފް ސިލޯން މެދުވެރިކޮށް ދަރިވަރުންނަށް ދުކޮށްފައިވާ ލޯންތަކުގެ ހިސާބު މިނިސްޓްރީއަށް ފޮނުވާފައިނުވާ ކަމަށާއި އަދި މިނިސްޓްރީން އެ ހިސާބުތައް ހޯދަން މަސައްކަތްކޮށްފައިނުވާކަންވެސް ވަނީ ފާހަގަކޮށްފަ އެވެ.

ބޭންކް އޮފް ސިލޯނާއި ސަރުކާރާދެމެދު 2010 ވަނަ އަހަރު ސޮއިކުރި " ނެޝަނަލް ސްޓޫޑަންޓް ލޯން ސްކީމް 2" ގެ ދަށުން އެ ބޭންކުން 85 ދަރިވަރަކަށް 7.1 މިލިއަން ރުފިޔާ ސްޓޫޑަންޓް ލޯންގެ ގޮތުގައި ދޫކޮށްފައިވާކަމަށް އޮޑިޓް އޮފީހުން ބުންޏެވެ. ނަަމަވެސް އޭގެ ތެރެއިން 64 ދަރިވަރަކު މިދޔަ އޯގަސްޓް މަހާ ހަމައަށް 4.8 މިލިއަން ރުފިޔާ ދައްކާފައިނުވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ.

comment ކޮމެންޓް