ނަފްސާނީ ސިއްހަތު ނުވަތަ މެންޓަލް ހެލްތާ ބެހޭ ބިލު އެޓާނީ ޖެނެރަލްގެ އޮފީހުން އެކުލަވާލައި، ރައީސް އޮފީހަށް ފޮނުވައިފިއެވެ.
ނަފްސާނީ ސިއްހަތު ނުވަތަ މެންޓަލް ހެލްތަށް ފަރުވާ ކުރެވޭނެ ފަސޭހަ އިންތިޒާމުތައް ހަމަޖެއްސުމަކީ ރރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވަރަށް މުހިންމު ރިޔާސީ ވައުދުފުޅޭކެވެ.
އަދި އެމަނިކުފާނުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ނަފްސާނީ ބަލިތަކަށް ފަރުވާދޭ ހާއްސަ މަރުކަޒެއްވެސް ވަނީ ގާއިމުކޮށް، އެތަން ހުޅުވާފައެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ވަނީ ނަފްސާނީ ސިއްހަތާ ބެހޭ ބިލެއް އެކުލަވާލައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން ބުނި ގޮތުގައި މި ބިލަކީ ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަން ކުރިއަރުވައި، ނަފްސާނީ ބަލިތަކަށް މުޖުތަމައު އަހުލުވެރިކުރުވުމުގެ މަގްސަދުގައި އެކުލަވާލި ބިލެއް ކަމަށެވެ.
ނަފްސާނީ ބަލިތައް ތަހައްމަލުކުރަމުންދާ ފަރާތްތަކަށް ދައުލަތުގެ ހަރަދުގައި ފަރުވާ ދިނުމުގެ ނިޒާމެއް ގާއިމުކޮށް، އެފަދަ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށް ހިމާޔަތްކުރުމާއި އަދި އެފަދަ ފަރާތްތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަމާ ގުޅޭ އުސޫލުތައް މި ބިލުގައި ހިމެނިފައިވާކަމަށް އޭޖީ އޮފީހުން ބުނެއެވެ.
އަދި މި ބިލުގައި ނަފްސާނީ ބަލީގެ ފަރުވައާއި އެފަދަ ފަރުވާއާ ގުޅޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ގެންގުޅެންޖެހޭ ހަމަތަކާއި އުސޫލުތައް ބަޔާންކޮށްފައިވާ ކަމަށްވެސް އޭޖީ އޮފީހުން ބުންޏެވެ.
ނަފްސާނީ ދުޅަހެޔޮކަމަށް އަމާޒުކޮށް ސަރުކާރުން މިހާރު ވަނީ ގިނަ ކަންތައްތަކެއް ފަށާފައެވެ. އޭގެ ތެރޭގައި ނަފްސާނީ ބަލިތަކާއި ނަފްސާނީ ދުޅަހެޔޮކަމާ ބެހޭގޮތުން އާންމުން ހޭލުންތެރިކުރުވާ ކެމްޕޭނުތައްވެސް ހިމެނެއެވެ.
މީގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މެންޓަލް ހެލްތުކެއާ ކޮންސަލްޓެންޓުން ބައިތިއްބަން ނިންމާފައިވާ ކަމަށެވެ. އަދި ނަފްސާނީ ބަލިތައް ޖެހުމަކީ މީހާއަށް ދިމާވާ އުނިކަމެއް ނުވަތަ ދެރަކަމެއްވެސް ނޫންކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.
"ނަފްސާނީ ބަލި ތަޙައްމަލްކުރާ ގިނަ މީހުންނަށް، އެމީހުންގެ ޙާލަތު ބުނެދޭކަށް ނޭނގެ. އަދި މުޖްތަމަޢުން އެކަމާ ދެކޭނެގޮތް ހިތަށްއަރާފައި، އެކަމަށް ފަރުވާ ހޯދަންވެސް ޖެހިލުންވޭ. އެފަދަ އުނދަގޫތައް ތަޙައްމަލް ކުރަމުންދާ މީހުންނަށް، އަޅުގަނޑުގެ އޮތް އިލްތިމާސަކީ، މި ބުރަ އުފުއްލަވަން ނުހައްދަވާށޭ. ނަފްސާނީ ބަލީގެ ތަޖްރިބާކާރެއްގެ އެހީ ހޯއްދަވާށޭ. އަޅުގަނޑުމެން އެންމެންވެސް މިތިބީ ތިޔަބޭފުޅުންނާ އެކުގައި. ވެވުނު އެންމެ ބޮޑަކަށް ތިޔަބޭފުޅުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް،" ރައީސް މީގެ ކުރިން ވިދާޅުވެފައި ވެއެވެ.