ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަބްދުލްގައްޔޫމްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކުރީ މި އަހަރުގެ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު އެވެ. އެ މައްސަލައިގެ އަޑުއެހުންތައް ފެށީ އޭޕްރިލް 25ގައެވެ. އަޑުއެހުންތައް ނިންމާލައި ނޮވެމްބަރު ފަހެއްގައި ހުކުމް ކުރަން އުޅުނަސް، ގާޒީ ބަދަލުވުމާ އެކު ހުކުމް ކުރުން މިހާރު ވަނީ މިއަދަށް ބަދަލުވެފަ އެވެ. އެހެންކަމުން މިއަދު ވެގެންދާނީ އަނެއްކާ ވެސް ބޮޑު ދުވަހަކަށެވެ. ބޮޑު ހުކުމެއްގެ އިންތިޒާރުގައި އެތައް ބަޔަކު ތިބޭނެ ދުވަހަކަށެވެ.
ތުހުމަތުތައް ތަރުތީބުވެގެން އައި ގޮތް
ރައީސް ޔާމީންގެ މައްޗަށް ކުރަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އެމަނިކިފާނުގެ އަމިލަފުޅު އެކައުންޓަށް ޖަމާކޮށް، އެ ފައިސާ ލޯންޑާ ކުރި ކަމުގެ ތުހުމަތެވެ.
މިއީ އެ މައްސަލަ ތަރުތީބު ވެގެން އައިސްފައިވާ ގޮތެވެ:
- އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ނަމަކަށް ކިޔާ ފަޅު ރަށެއް ދޫކޮށްގެން ދައުލަަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު، އެސްއޯއެފް ކުންފުނީގެ އެކައުންޓުން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވެފައިވާ ކަމަށް އޭސީސީއަށް ގަބޫލު ކުރެވުނު
- އެ ފައިސާގެ މައްސަލަ އޭސީސީއިން ބަލައި ނިމެންދެން އެ ފައިސާ ބަހައްޓަން އެސްކްރޯ އެކައުންޓެއް ހަދަން ރައީސް ޔާމީނާއި އޭޭސީސީއާ ދެމެދު އެއްބަސްވި
- އެއްބަސްވުމުގައި އޮތީ އިސްލާމިކް ބޭންކް އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާ ކުރަން. އެކަމަކު، އެސްކްރޯ އެކައުންޓަށް ޖަމާ ކުރީ ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ހޯއްދަވައިދެއްވި އެއް މިލިއަން ޑޮލަރު
- އެސްއޯއެފްއިން ޖަމާވި އެއް މިލިއަން ޑޮލަރު ރައީސް ޔާމީން އޮތީ މަންފާ ލިބޭ ގޮތަށް ޖެެނެރަލް އިންވެސްޓްމެންޓް އެކަައުންޓެއްގައި ބަހައްޓާފައި
- އެސްކްރޯ އެކައުންޓަށް ޖަމާ ކުރީ އެހެން ފައިސާއެއްކަން އެނގުނީ އެމްއެމްއޭގެ އެފްއައިޔޫއިން އެކަން އޭސީސީގެ ސަމާލުކަމަށް ގެނައުމުން. އެ މައްސަލަ ބަލަން އޭސީސީއިން ފުލުހުނަށް ފޮނުވި.
- ފައިސާގެ އަސްލު އޮޅުވާލި ކަމަށް ބުނެ އެމަނިކުފާނުގެ މައްޗަށް ދައުވާ ކުރީ މި އަހަރުގެ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު.
- ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކުރީ މަނީލޯންޑަރިން ގާނޫނުގެ 53 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ)ގެ ދަށުންނެވެ. އެ ގާނޫނުގެ ފަސްވަނަ މާއްދާގެ (ހ)ގެ 1،2،3 މި ނަމްބަރުތަކުގައި ބުނާ ކުށްތައް ކުރި ކަމަށް ދައުލަތުން ތުހުމަތު ކުރޭ.
- ރައީސް ޔާމީން އޭރުވެސް ވިދާޅުވަމުން ގެންދެވީ އެއީ އެމަނިކުފާނަށް ލިބުނު ކެމްޕޭން ފައިސާ ކަމަށް. އަދި އެ ފައިސާ ޖަމާކޮށްދިނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކަމަށް.
އެ މައްސަލައިގައި ދައުލަތުން ހެކިވެރިންގެ ގޮތުގައި އަށް މީހެއް ހުށަހެޅި އެވެ. އެއީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ އާއި އެ ކޮމިޝަނުގެ ކުރީގެ ރައީސް މުއައްވިޒު ރަޝީދާއި، ކުރީގެ ޓްއަރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި، އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ، އަބްދުﷲ ޒިޔަތާއި، ބީއެމްއެލްގެ ބޯޑް މެމްބަރު މުހައްމަދު ލުވެއިޒް އާއި މުހައްމަދު ޝަރީފު އަދި ވިޔަފާރިވެރިއެއް ކަމަށްވާ، މުހައްމަދު ވަސީމް އިސްމާއިލް އެވެ. އޭގެ ތެރެއިން ލުތުފީ ފިޔަވާ އެންމެން ހެކިބަސް ދީފައިވެ އެވެ.
ރައީސް ޔާމީންގެ ފަރާތުން ހެކިވެރިއެއްގެ ގޮތުގައި ހުށަހެޅީ އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އައިޝަތު އަޒީމާ އެވެ. އޭނާވެސް ހެކިބަސްދޭން އުޒުރުވެރިވާތީ ހެކިބަސް ނަގާފައެއް ނުވެ އެވެ.
"އެކައުންޓަށް ވަނީ ކޮން ފައިސާއެއްކަން ނޭނގޭ"
ރައީސް ޔާމީން ވިދާޅުވާ ގޮތުގައި އެމަނިކުފާނު ފައިސާތަކެއް ވަގަށް ނަގަންޖެހޭ ސަބަބެއް ނެތެވެ. އެމަނިކުފާނު ވިދާޅުވާ ގޮތުގައި، އެމަނިކުފާނަކީ އެއަށް ވުރެ ތަނަވަސް ބޭފުޅެކެވެ. އެ ފައިސާ އެމަނިކުފާނަށް ޖަމާ ކުރީ އެމަނިކުފާނުގެ "ސިޔާސީ އަދުއްވެއް" ކަމަށްވާ އަހުމަދު އަދީބު ކަމަށާއި، އެއީ އެމަނިކުފާނަށް ނޭނގި ކުރި ކަމެއް ކަމަށް ވިދާޅުވެފައިވެ އެވެ. ތުހުމަތުތަކުން ބަރީއަވުމަށް ޝަރީއަތުގެ މަޖިލީހުގައިވެސް ގިނަ ވާހަކަތަކެއް ދެއްކެވި އެވެ.
ރައީސް ޔާމީންގެ އެކައުންޓަށް ގއ. ވޮޑަމުލާގެ އެއް މިލިއަން ޑޮލަރު ޖަމާވި ކަމަށް ދައުލަތުން ތުހުމަތުކުރާ ނަމަވެސް، އެމަނިކުފާނު ދިފާއުގައި ވިދާޅުވަމުން ދަނީ، އެމަނިކުފާނުގެ އެކައުންޓަށް އެސްއޯއެފްގެ އެކައުންޓުން ފައިސާ ޖަމާވުމުގެ ކުރިން އެސްއޯއެފްގެ އެކައުންޓުގައި ހުރި 800،000 ޑޮލަރާއި، އެ އެކައުންޓުން ހިންގި ޓްރާންސެކްޝަންތަކަށް ބަލާއިރު، އެންމެ ގިނަވެގެންވެސް އެމަނިކުފާނުގެ އެކައުންޓަށް ވަދެފައި ހުންނާނީ އެމްއެމްޕީއާރްސީގެ 19،000 އެއްހާ ޑޮލަރު ކަމަށެވެ.
އެސްއޯއެފްގެ ހުރިހާ ފައިސާ އަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަން ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ކަނޑައަޅާފައި ނުވާ އިރު، އެމަނިކުފާނުގެ މައްޗަށް ދައުވާ ސާބިތު ނުކުރެވޭނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ. އެސްއޯއެފްގައި ސައްހަ ފައިސާ ހުންނާނެކަން ސާބިތު ކުރަން، 10 މިލިއަން ޑޮލަރު އެސްއޯއެފްއަށް ދޭން އެމްއެމްޕީއާރްސީގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމެއް ހެކީގެ ގޮތުގައި އެމަނިކުފާނުގެ ފަރާތުން ޝަރީއަތަށް ހުށަހަޅުއްވާފައިވެ އެވެ.
ދައުވާ ސާބިތު ކުރުމަށް، ކުށުގެ ނިޔަތާއި އަމަލު ސާބިތުކޮށްދޭން ޖެހޭނެ ކަމަށާއި، ނަމަވެސް، މަނީ ލޯންޑަރިންގެ އަމަލެއްގެ ގޮތުގައި ރައީސް ޔާމީން ކުރެއްވީ ކޮން އަމަލެއް ކަމެއް ދައުލަތަށް ޝަރީއަތުގައި ސާބިތުކޮށްދެވިފައި ނުވާކަމަށް ރައީސް ޔާމީންގެ ފަރާތުން ވަކީލުން ވަނީ ބުނެފަ އެވެ. އަދ ކުށް ކުރުމުގެ ނިޔަތުގައި ކުރީ ކޮން ކަމެއްކަންވެސް ދައުލަތަށް ސާބިތުކޮށް ނުދެވޭ ކަމަށް ރައީސް ޔާމީންގެ ފަރާތުން ބުނެފައިވެ އެވެ.
ދައުލަތުގެ ހެކިވެރިންގެ ގޮތުގައި، އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތުގެ ހެކިބަސް ޝަރީއަތުގެ މަޖިލީހުގައި ނަގާފައިވާއިރު އެ ދެ މީހުންނަކީ ޖިނާއީ ބޮޑެތި ކުށްތައް ސާބިތުވެފައިވާ ބައެއް ކަމުން އެ މީހުން ބުނެފައިވާ ވާހަކަތައް ނަފީ ކުރަން ޖެހޭ ކަމަށްވެސް ރައީސް ޔާމީންގެ ފަރާތުން ގަބޫލު ކުރެ އެވެ. އަދި މުއައްވިޒު ރަޝީދުގެ ހެކިބަސް ހަސަން ލުތުފީ ދައްކާފައި ހުރި ވާހަކަތަކާ ފުށޫއަރާތީ އޭނާގެ ހެކިބަސްވެސް ގަބޫލު ނުކުރެވޭނެ ކަމަށް ރައީސް ޔާމީންގެ ފަރާތުން ގަބޫލު ކުރެ އެވެ. އެ މީހުންގެ ބަސް ގާޒީން ގަބޫޫލު ނުކުރުން ރައީސް ޔާމީންގެ ދިފާއަށް ވަރަށް މުހިންމެވެ.
ދައުލަތުގެ ރައްދުތައް
ރައީސް ޔާމީންގެ ކޮންމެ ދިފާއަކަށް ދައުލަތުން ޖަވާބެއް ދީފައިވެ އެވެ. އެ މައްސަލައިގައި ދައުލަތުގެ ލީޑު ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާ އައިޝަތު މުހައްމަދު ވަނީ އަޑުއެހުންތަކުގައި އުފައްދާ ކޮންމެ ސުވާލަކަށް ހުށިޔާރުވެ ހުރެ ޖަވާބު ދެއްވައިފަ އެވެ. އަދި ރައީސް ޔާމީން ކުށް ކުރި ކަން އެނގެނީ ކީއްވެކަން އޭނާ ކިޔައިދެއްވި އެވެ.
ވަކި މުދަލަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާއެއްކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް އެނގި ހުރެ އެ މުދަލަކަށް ބަދަލު ގެނައުމަކީ މަނީ ލޯންޑަރިންގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ހ)ގެ އެއް ވަނަ ނަމްބަރުގެ ދަށުން ކުށެކެވެ. ރައީސް ޔާމީންގެ އެކައުންޓަށް ވަތް ފައިސާ އަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން އެކަށީގެންވާ ސަބަބުގެ މައްޗަށް ޝައްކު ކުރެވޭ ހާލަތު އުފެދެނީ، އެއީ ދައުލަތަށް ލިބެން ޖެހޭ ފައިސާކަމަށް އޭސީސީއިން ރައީސް ޔާމީނަށް މައުލޫމާތު ދީފައި ވުމުންނެވެ.
ފަސް ވަނަ މާއްދާގެ ދެވަނަ ނަމްބަރުގައި ބުނަނީ ވަކި މުދަލަކީ ކުށް ކޮށްގެން ހޯދާފައިވާ މުދަލެއް ކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝައްކު ކުރެވޭ ހާލަތުގައި، އެ މުދަލެއް ހުރިތަން، މުދަލެއް ގެންދެވޭ ތަނެއް ސިއްރު ކުރުމަކީ ކުށެއް ކަމަށެވެ. އެސްކްރޯ އެކައުންޓަށް އެސްއޯއެފްއިން ޖަމާވި އެއް މިލިއަން ޑޮލަރު ނޫން އެހެން ފައިސާ ޖަމާ ކުރުމުން އެ ކުށް ސާބިތުވާ ކަމަށް ދައުލަތުން ބުނެ އެވެ.
ފަސް ވަނަ މާއްދާގެ ތިންވަނަ ނަމްބަރުގައި ބުނަނީ އެފަދަ މުދަލެއް އަމިއްލަ އަތުގައި ބެހެއްޓުމަކީވެސް ކުށެއް ކަމަށެވެ. އެސްއޯއެފްއިން ޖަމާވި ފައިސާ ރައިސް ޔާމީން އަމިއްލަ އެކައުންޓުގައި ބެހެއްޓުމުން އެ ކުށް ފުރިހަމަވާ ކަމަށް ދައުލަތުން ބުނެ އެވެ.
އޭގެ އިތުރުން، އެ އެއް މިލިއަން ޑޮލަރަކީ ކެމްޕޭން ފައިސާ ކަމަށް ރައީސް ޔާމީން ވިދާޅުވާ އިރު، އެ ފައިސާ އަކީ ކެމްޕޭން ފައިސާ ނަމަ އަމިއްލަ ފައިދާ ލިބޭ ގޮތަށް އެ ފައިސާ ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ޓްރާންސްފާ ކުރުމުގެ މާނައެއް ނޯންނާނެ ކަމަށް ދައުލަތުން ދެކެ އެވެ.
އެސްއޯފްއިން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވީ ކޮން ފައިސާއެއްކަން ނޭނގޭނެ ކަމަށް ރައީސް ޔާމީންގެ ފަރާތުން ބުނާ ބުނުމަށް ރައްދެއްގެ ގޮތުގައި ދައުލަތުން ބުނަނީ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވީ ދައުލަތުގެ ފައިސާކަން އެސްއޯއެފްއަށްވެސް ރައީސް ޔާމީނަށްވެސް އެނގޭނެ ކަމަށެވެ. އަދި އެކަން ދައުލަތުގެ ހެކިތަކުން ސާބިތުވާ ކަމަށެވެ.
ދައުލަތުން ހުށަހެޅި ބައެއް ހެކިވެރިންގެ ހެކިބަސް ނުނެގޭނެ ކަމަށް ދިފާއުން ބުނާ ނަމަވެސް، އެ މީހުންގެ ހެކިބަހަށް ބާރު ލިބޭ އެހެން ކިތާބީ ހެކިތައް ހުށަހަޅާފައިވުމުން އެ ދެ މީހުންގެ ހެކިބަސް ބަލައިގަނެވޭނެ ކަމަށް ދެކޭ ކަމަށް ދައުލަތުން ބުންޏެވެ.
ސާބިތުވެއްޖެ ނަމަ ބޮޑު އަދަބެއް
މަނީ ލޯންޑަރިންގެ ގާނޫނުގައިވާ ގޮތުން އެ ކުށަކީ ބޮޑު އަދަބު ކަނޑައެޅިފައިވާ ކުށެކެވެ. ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެއްޖެ ނަމަ އެމަނިކުފާނުގެ މައްޗަށް ބޮޑު އަދަބެއް އަންނާނެ އެވެ.
ދައުވާ ސާބިތުވެއްޖެ ނަމަ އެމަނިކުފާނުގެ މައްޗަށް 100،000 ރުފިޔާ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ ޖޫރީމާނާ އަކާއެކު، ފަސް އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ނުވަތަ ލޯންޑާ ކުރި ފައިސާގެ އަދަދުގެ ފަސް ގުނައަށް ވުރެ މަދު ނުވާ އަދަދަކުން ކުރާ ޖޫރީމާނާއަކާ އެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ގާޒީ ބަދަލުކުރުމުން ކަންބޮޑުވުން
މި މައްސަލައިގައި ކުރިން ބެއްލެވީ ކުރިމިނަލް ކޯޓްގެ އިސް ފަނޑިޔާރަކަށް ހުންނެވި، ގާޒީ އަހުމަދު ހައިލަމެވެ. ނޮވެމްބަރު 5ގައި ހުކުމް ކުރަން ތައްޔާރުވެފައި ހުއްޓާ އެ ދުވަހު ހެނދުނު އޭނާ ސަސްޕެންޑު ކުރަން ޖޭއެސްސީއިން ނިންމި އެވެ. އެހެންކަމުން މައްސަލަ ދިޔައީ، ކޯޓުގެ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެންނެވި ގާޒީ އަލީ ރަޝީދުގެ އަތް މައްޗަށެވެ.
ހައިލަމް ހުކުމް އިއްވަން ތައްޔާރުވެފައި ވަނިކޮށް ޖޭއެސްސީއިން އޭނާ ސަސްޕެންޑު ކުރުމަކީ ޝަރީއަތަށް އަތް ބޭނުން ކަމަށް ރައީސް ޔާމީންގެ ފަރާތުން ތުހުމަތުކުރެ އެވެ. އަދި ގާޒީ އަލީ ރަޝީދު މައްސަލަ ބައްލަވާތީ އޭނާއަށް ނުފޫޒު އޮވެދާނެތީ ކަންބޮޑުވުން ފާޅު ކުރި އެވެ.
އެކަން އެހެން އޮއްވާ ގާޒީ އަލީ ރަޝީދު ރާއްޖެޓީވީއަށް އިންޓަވިއު ދިން މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. އެއީ ފަނޑިޔާރުންގެ ގާނޫނާ ހިލާފު ކަމެއް ކަމަށް ބުނެ އޭނާ އަތުން މައްސަލަ ނެގުމަށް ރައީސް ޔާމީންގެ ފަރާތުން އެދުނެވެ. އަދި މައްސަލަ ބަލާ ބެންޗެއް އެކުލަވާލަން ދެ ފަހަރެއްގެ މަތިން ސިޓީލި އެވެ.
ކޯޓުގެ ގާޒީންގެ މަޖިލީހުން، ޔާމީންގެ އެދުމުގެ މަތިން ބެންޗެއް އެކުލަވާލި އެވެ. އެހެނަސް ގާޒީ އަލީ ރަޝީދު ބެންޗުން ވައްކެއް ނުވި އެވެ. މައްސަލަ ބައްލަވާ ބެންޗުން ނިންމީ އޭނާއާ އެކު މިއަދު ހުކުމް އިއްވުން ކުރިއަށް ގެންދާށެވެ. އާ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ގާޒީ އަލީ ރަޝީދުގެ އިތުރުން، ގާޒީ އަހުމަދު ޝަކީލާއި ގާޒީ މުހައްމަދު ސަމީރާއި ގާޒީ އަލީ އާދަމް އަދި ގާޒީ ހުސައިން ފާއިޒް ރަޝާދެވެ.
ހުރިހާ ގޯހެއް ހަދާ ކަމުގެ ތުހުމަތު އިދިކޮޅުން ކުރަނީ އެމްޑީޕީގެ ބާރު އޮތް ޖުޑިޝަލް ސާވިސް ކޮމިޝަނަށެވެ.
"އަޅުގަނޑުމެން ގަބޫލެއް ނުކުރަން ޖޭއެސްސީގެ އަމަލުތައް މިހެން އޮތްހާ ހިނދަކު އަޅުގަނޑުމެންގެ މުވައްކިލު، ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޔާމީނަށް އިންސާފުވެރި ޝަރީއަތެއް ލިބިދާނެ ކަމަށް،" ރައީސް ޔާމީންގެ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު މީގެ ކުރިން ވިދާޅުވެފައިވެ އެެވެ.
ބެންޗުން އަލީ ރަޝީދު ވަކި ކުރަން ފަހު ވަގުތާ ޖެހެންދެން އިދިކޮޅުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ޖޭއެސްސީގައި އިންނަވާ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާ ހަމައަށްވެސް އެ މައްސަލަ ގެންދިޔަ އެވެ. އަދި ރައީސް ޔާމީންގެ ފަރާތުން ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާއާވެސް ބައްދަލު ކުރި އެވެ.
"މިއަދާ ހަމައަށް އައި އިރު އަދި މިއަދުގެ މިވަގުތާ ހަމައަށް އައި އިރު އަޅުގަނޑުމެންނަކަށް ނެތް މިކަމުގައި އެއްވެސް މަގަކުން ހިނގައިގެން އަލިކަމެއް ފެނިފައެއް،" އިއްޔެ މެންދުރު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އެވެ.
ހުކުމުގެ ކުރިން ޔާމީންގެ ވަސިއްޔަތެއް
ހުކުމު އިއްވަން 24 ގަޑިއިރަށް ވުރެ ކުޑަތަންވެފައި ވަނިކޮށް، ރޭ ޕީޕީއެމް އޮފީސް ކުރިމަތީގައި އެ ޕާޓީގެ އާންމު މެމްބަރުންނާ ބައްދަލުކުރައްވައި ރައީށް ޔާމީން ވިދާޅުވީ ދުވަސްކޮޅަކަށް އެމަނިކުފާނު ޕާޓީއާ ދުރަށް ޖެހިވަޑައިގަންނަވަން ޖެހުނަސް ޕާޓީއަށް އެހެން ބަޔަކަ ސަވާރުވިޔަ ނުދިނުމަށް އާންމު މެމްބަރުން މަސައްކަތް ކުރައްވަން އެދޭ ކަމަށެވެ.
"އަޅުގަނޑު ފަހަރެއްގައި ތިބޭފުޅުންނާ ދުވަސްކޮޅަކަށް ވަކިވެލާން ޖެހުނު ކަމުގައި ވީނަމަވެސް. އަޅުގަނޑު ދަންނަވާލަން އޮތީ އަޅުގަނޑުމެން ޕާޓީގެ އިސްބޭފުޅުން ކުރައްވާ ކަންކަމަށް ސަމާލުވެވަޑައިގަންނަވާށޭ. މިކަހަލަ ބައްދަލުވުންތަކަށް އެބޭފުޅުންނަށް ތާއީދު ކުރައްވަން އެބޭފުޅުން ހިތްވަރުދެއްވަން ގިނަގިނައިން ވަޑައިގަންނަވާށޭ. އަޅުގަނޑު މިތާ ނެތުމަކުންނެއް އަޅުގަނޑުމެން ޕާޓީގެ މައްޗަކަށް މިނިކާ ބާޒުތަކެއް ސަވާރުވިޔަ ނުދެއްވައްޗޭ." ރައީސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ހުރުމާއި ނެތުމަކީ ލޯމަތީގައި އޮތް އެއްޗަކަށް ނުހައްދަވަން ޔާމީން އެދިލެއްވި އެވެ. އަދި އެމަނިކުފާނާ ދޭތެރޭގައި ޕީޕީއެމް މެމްބަރުންގެ ހިތުގައި ޝުއޫރު ބިންވަޅުނެގިފައި އޮތުމަކީ ބޭނުންވާގޮތް ކަމަށް ވިދާޅުވި އެވެ. މިހާތަނަށްވެސް އެމަނިކުފާނާއި ޕީޕީއެމް މަސައްކަތް ކުރީ ގައުމުގެ ހައްގުގައި ކަމަށް ވިދާޅުވި އެވެ. ޕީޕީއެމުން އެއްވެސް އުމުރެއްގެ އެއްވެސް ގިންތިއެއްގެ މީހަކު ވަކިވެގެން ދިޔަ ނުދިނުމަށް ޔާމީން ޕީޕީއެމްގެ އާންމު މެމްބަރުން ކިބައިން އެދިލެއްވި އެވެ.
ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައިގެ އަޑުއެހުންތައް ފެށިތާ 217 ދުވަސް ފަހުން މިއަދު މިވަނީ ހުކުމާ ހަމައަށް ވާސިލުވެފަ އެވެ. މިއަދު މުޅި ގައުމުހެން ހުއްޓިގެން އޮތީ އެ ހުކުމުން އަންނާނެ ގޮތެއްގެ އިންތިޒާރުގަ އެވެ.