އަޔަލޭންޑުގެ ޕާލިމެންޓަށް ގަތް ޕްރިންޓަރަކަށް އެއް މިލިއަން ޑޮލަރު، މައްސަލަ ބަލަނީ

އަޔަލޭންޑުގެ ޕާލިމެންޓަށް އޯޑަރު ކުރީ ކޮމޮރި ކުންފުނީގެ 2.1 މީޓަރު އުސް ޕްރިންޓަރަކަށް -- ފޮޓޯ: ކޮމޮރި

ބެލްފާސްޓް (ނޮވެމްބަރު 27): އަޔަލޭންޑުގެ ޕާލިމެންޓަށް ގަތް ޕްރިންޓަރަކަށް އެއް މިލިއަން ޑޮލަރު ހަރަދު ކުރި މައްސަލަ އެޕާލިމެންޓުން ބަލަން ފަށައިފި އެވެ.

އައިރިޝް ޓައިމްސްގައިވާ ގޮތުން މިދިޔަ އަހަރު ޕާލިމެންޓުގެ މުވައްޒަފުން އެ ޕްރިންޓަރު އޯޑަރު ކުރީ ޖަޕާނުގެ ކޮމޮރި ކުންފުނިން 889,741 ޑޮލަރަށެވެ. ނަމަވެސް 2.1 މީޓަރު އުސް އަދި 1.9 މީޓަރު ފުޅާ އެމެޝިން ޕާލިމެންޓަށް ގެންދިޔުމުން، އެމެޝިން ހުންނަ ތަނަށް ވެއްދޭ ވަރަށް ވުރެ މާބޮޑުކަން މުވައްޒަފުންނަށް އެނގުނެވެ. އަދި ޕްރިންޓަރު ގަތުމަށް ކޮންޓްރެކްޓުގައި ސޮއިކޮށްފައި އޮތުމުން، ޕްރިންޓަރު އަނބުރާ ފޮނުވާނުލެވުނެވެ.

އޭގެ ސަބަބުން ޕާލިމެންޓުގެ އޮފިޝަލުން ނިންމީ ޕްރިންޓަރު ހުންނަ ކޮޓަރީގެ ފާރުތައް ތަޅާލާ، އެތަން ބޮޑު ކުރާށެވެ. އަދި އެ މަސައްކަތަށް 259,878 ޑޮލަރު ހޭދަވި އިރު، ޕްރިންޓަރު ގުދަނެއްގައި ބެހެއްޓުމަށް 13,213 ޑޮލަރު ހޭދަވި އެވެ.

އެހެންކަމުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އަޔަލޭންޑުގެ ޕާލިމެންޓަށް ގެންދިޔަ އެޕްރިންޓަރު ޕާލިމެންޓުގައި ބެހެއްޓުނީ މިދިޔަ ސެޕްޓެމްބަރު މަހުގަ އެވެ. ނަމަވެސް އެ ޕްރިންޓަރު ބޭނުން ކުރެވޭ ވަރު ވާނީ އަންނަ އަހަރު ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އަޔަލޭންޑުގެ މީޑިއާތަކުގައިވާ ގޮތުން އެމައްސަލައާ ގުޅިގެން ގިނަ އަދަދެއްގެ މީހުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އަދި ޕާލިމެންޓުގެ ސެކްރެޓަރީ ޖެނެރަލް ވަނީ އެ މައްސަލަ ބަލާ، ޕާލިމެންޓުގެ ޕަބްލިކް އެކައުންޓްސް ކޮމިޓީއަށް ރިޕޯޓެއް ހުށަހަޅާނެ ކަމަށް ވިދާޅުވެފަ އެވެ.

comment ކޮމެންޓް