އެންމެ ރިވެތި އަހުލާގު ފެންނަން އޮތީ ރަސޫލާގެ ހަޔާތްޕުޅުން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެންމެ ރިވެތި އަހުލާގު ފެންނަން އޮތީ ކީރިތި ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ހަޔާތްޕުޅުން ކަމަށް ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކީރިތި ރަސޫލާގެ އީދު މީލާދުގެ މުނާސަބަތުގައި އާންމު ކުރެއްވި ހިތާބު ގައި ރައީސް ވިދާޅުވީ އިންސާނެއްގެ ކިބައިގައި ހުންނަންވީ އަހުލާގީ އެންމެ ރިވެތި ސިފަތައް ފެންނަތް އޮތީ ރަސޫލާގެ ހަޔާތްޕުޅުން ކަމަށާއި އިންސާނީ މުޖުތަމައެއްގައި އެންމެ ވަރުގަދައަށް ދަމަހައްޓަންވީ ސިފަތައް އެކަލޭގެފާނު އަމަލުފުޅުން ދައްކަވާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް މުނާސަބާ ފާހަގަކުރަނީ މަތިވެރި މަގުސަދެއްގައި ކަމަށާއި އެ މަތިވެރި ޒިކުރާއިން ލިބިގަންނަންވީ ފިލާވަޅަކީ އެކަލޭގެފާނުގެ ހަޔާތްޕުޅުން އިބުރަތް ލިބިގަތުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ހިތޯބުގައި ވިދާޅުވީ އެކަކު އަނެކަކާ ބައްދަލުވާހިނދު ހިތްހަމަޖެހުމާއި ހިނިތުންވުމާއެކު ބައްދަލުކޮށް ސަލާމްކޮށް ހެދުމަށް ރަސޫލާ އިރުޝާދު ދެއްވާފައިވާ ކަމަށާއި އެކަކު އަނެކަކަށް އިހުތިރާމު ކުރުމާއި މައާފުކުރުމާއި ބަދަލު ނުހިފުމަކީ އެކަލޭގެ ފާނުގެ ސީރަތުން ދޫކުރައްވާފައިވާ ފިލާވަޅުތަކެއް ކަމަށެވެ.

ކޮންމެ ކަމެއްގައިވެސް ބަހާއި އަމަލުން ތެދުވެރިވެ، އަމާނާތްތެރިވެ، ވަފާތެރިކަންމަތީ ދެމިތިބުމާއި އަވައްޓެރިންނަށް ހެޔޮކޮށް ހިތާ، ފަގީރުންނަށާއި މިސްކީނުންނަށް އަދި ޔަތީމުންނަށް އެހީތެރިވުމަކީ އެކަލޭގެފާނު ދެއްކެވި ނަމޫނާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރަސޫލާގެ އީދުމީލާދު ފާހަގަ ކުރާއިރު އެންމެ ވަރުގަދަ އަޒުމެއްކަމަށް ހަދަންވީ މާތްﷲގެ ހަޒުރަތުން އެކަލޭގެފާނު ގެނެސްދެއްވި އަގީދާގައި ސާބިތުކަމާއެކު ހިފުންކަމަށާއި މުސްލިމުންގެ މެދުގައި އޮންނަންވީ އެއްބަނޑުއެއްބަފާ ކަމުގެ ގުޅުން ދަމަހައްޓައިދޭ އެކުވެރިކަމުގެ ގުޅުން ދެމެހެއްޓުމަށް ކަމަށް ރައީސްގެ ހިތާބުގައި ވިދާޅުވިއެވެ.

ރައީސްގެ ހިތޯބު ނިންމަވާލައްވާފައިވަނީ ދިވެހި ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން ގާއިމްކޮށްދެއްވުން އެދި ﷲގެ ހަޒުރަތުގައި ދުއާ ދަންނަވަމުނެވެ.

comment ކޮމެންޓް