ބަލްގޭރިއާއިން އިނގިރޭސިވިލާތަށް ދިޔަ ލޮރީއަކުން 39 މީހެއްގެ ހަށިގަނޑު ފެނިއްޖެ

39 މީހުންގެ ހަށިގަނޑު ފެނުނު ކޮންޓެއިނާ ލޮރީ ކައިރީ އިނގިރޭސި ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ: ޕީއޭ

ލަންޑަން (އޮކްޓޯބަރު 23): ބަލްގޭރިއަން އިނގިރޭސިވިލާތަށް ދިޔަ ކޮންޓެއިނާ ލޮރީއަކުން މަރުވެފައިވާ 39 މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.

އިނގިރޭސިވިލާތުގެ އެސެކްސްގެ އިންޑަސްޓްރިއަލް ޕާކެއްގައި އޮތް އެ ލޮރީގެ ޑްރައިވަރަކީ ނޮދަން އަޔަލޭންޑަށް ނިސްބަތްވާ، 25 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުންޏެވެ. އަދި މީހަކު މެރުމުގެ ތުހުމަތުގައި އެޑްރައިވަރު މިހާރު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެސެކްސްގެ ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓް ވިދާޅުވި ގޮތުގައި މަރުވި މީހުންގެ ތެރޭގައި ފުރާވަރު އުމުރުގެ ކުއްޖެއްވެސް ހިމެނެއެވެ. އަދި އެއީ ކޮން ގައުމެއްގެ ކޮން ބަޔެއްކަން ދެނެގަތުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ފުލުހުން ބުނި ގޮތުގައި އެ ލޮރީ އިނގިރޭސިވިލާތަށް ވަދެފައި ވަނީ މިއަދެވެ. އަދި ގަވާއިދާ ހިލާފަށް ގައުމަށް މީހުން އެތެރެ ކުރުމާއި އިންސާނީ ވަގުފާރީގެ މައްސަލަތައް ބަލާ ނެޝަނަލް ކްރައިމް އޭޖެންސީން ދަނީ އެ ހާދިސާގެ ތަހުގީގުގައި ބައިވެރިވަމުންނެވެ.

ދެހާސް ސާދަވަނަ އަހަރުގެ ފަހުން، އިނގިރޭސިވިލާތަށް ހިޖުރަކުރަން އުޅުނު ކަމަށް ބެލެވޭ ފަސް މީހެއްގެ މަރުވެފައިވާ ހަށިގަނޑު ލޮރީތަކާއި ކޮންޓެއިނާތަކުން ފެނިފައިވެއެވެ.

comment ކޮމެންޓް