ބިޑަކަށް ނުގޮސް 20 އަކަށް މަޝްރޫއު ހަވާލުކުރަން މަޝްވަރާ ކުރަނީ

އައްޑު އަތޮޅުގެ ކަރަންޓް މަޝްރޫއު ޗައިނާގެ ކުންފުންޏަކާ ހަވާލުކުރުން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އޯޕަން ބިޑަކަށް ނުގޮސް، މަޝްރޫއުތައް ހިންގާ އުސޫލުގެ ދަށުން އެކި ފަރާތްތަކާ ހަވާލުކުރުމަށް 20 އަކަށް ޕްރޮޖެކްޓްގެ މަޝްވަރާތައް އިކޮނޮމިކް ކޮމިޓީގައި ކުރިއަށްދާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީ ކަރަންޓް މަޝްރޫއުގެ ފްރޭމްވޯކް އެގްރީމަންޓްގައި ސޮއިކުރުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ، އެ މަޝްރޫއުތަކަކީ ސަރުކާރު ބަޖެޓުން ހަރަދުކުރާނެ މަޝްރޫއުތަކެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ މަޝްރޫއުތައް ހިންގުމަށް އިކޮނޮމިކް ކައުންސިލަށް 137 ޕްރޮޕޯސަލެއް ލިބިފައިވާ ކަމަށެވެ. އޭގެ ތެރެއިން، މިވަގުތަށް އެންމެ ބޭނުންވާ މަޝްރޫއުތައް އަދި ޓެކްނިކަލީ ގޮތުން ބަލަން ޖެހޭ އެހެން ވެސް ކަންކަމަށް ބަލައިގެން ބައެއް ޕްރޮޕޯސަލްތައް ޝޯޓްލިސްޓްކޮށް މަޝްވަރާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މުޅިއެކު އަޅުގަނޑުމެންނަށް އަންސޮލިސިޓަޑް ޕްރޮޕޯސަލްސްގެ ގޮތުގައި އެކިއެކި ކަންކަމަށް އެބައޮތް 137 ޕްރޮޖެކްޓް މިއަދާ ހަމައަށް ލިބިފައި. އޭގެ ތެރެއިން އަޅުގަނޑުމެން މިހާރު ނެގޯޝިއޭޓް (މަޝްވަރާ) ކުރަމުން އެކިއެކި ކަންކަމާ ގުޅޭގޮތުން ގާތްގަނޑަކަށް 15 ނޫނީ 20 ވަރަކަށް ޕްރޮޖެކްޓޭ އަޅުގަނޑު ހަނދާން ވަނީ... އަޅުގަނޑަށް ދެންނެވޭނީ ޗައިނާއާއި އިންޑިއާއިން ގިނައީ ހުށަހެޅުންތައް. އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންގެ އެންގޭޖްމަންޓް (މިދިޔަ ސަރުކާރާ މި ސަރުކާރާ) އެ ދެ ގައުމާ ބޮޑަށް، އެކިއެކި ގޮތްގޮތަށް ގުޅިގެން މިދަނީ. އެހެންވެ އެ ދެ ގައުމުގެ ފޯކަސް އެބަހުރި ރާއްޖެއަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ބިޑަކާ ނުލައި ހިންގާ މަޝްރޫއުތަކުގެ ޕްރޮޕޯސަލްތައް ލިބިފައިވާ ދާއިރާތަކުގެ ތެރޭގައި ސޯޝަލް ހައުސިންގް، ފެނާ ނަރުދަމާ، ކަރަންޓު، ސިއްހީ، ބަނދަރުގެ މަސައްކަތްތައް އަދި ބްރިޖާ ގުޅުންހުރި ބައެއް މަޝްރޫޢުތައް ހިމެނޭކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ލިބިފައިވާ ހުށަހެޅުންތަކުގެ ތެރެއިން އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް އެންމެ ގިނައިން ލިބިފައިވަނީ ސްކެންޑިނޭވިއަން ސަރަހައްދުގެ ގައުމުތަކުންނެވެ. އަދި ޕޯޓުތަކާއި ބްރިޖާ ގުޅުން ހުރި މަޝްރޫއުތަކާ ގުޅޭ ހުށަހެޅުންތައް ދުބާއީ، ތުރުކީއިން ލިބިފައިވާ ކަމަށާއި އެ ދާއިރާތަކުން ވެސް ގިނަ ހުށަހެޅުންތައް ލިބުނީ ޗައިނާއާއި އިންޑިއާއިން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ބިޑަކާ ނުލާ ބައެއް މަޝްރޫއުތައް ދޭތީ އެކަމާ މެދު ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

އެހެން ނަމަވެސް، ސަރުކާރުން ބުނަނީ އެގޮތަށް މަޝްރޫއުތައް ދެނީ، މާލިއްޔަތު ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

މާލިއްޔަތު ގަވައިދުގެ 10.27 (ށ) ގައި ބުނާގޮތުން ބޭރުގެ ގައުމެއްގެ އެހީގައި ހިންގާ ނުވަތަ ކޮންސެޝަނަލް ލޯނެއްގެ ދަށުން ހިންގާ މަޝްރޫއުތަކާއި ސަރުކާރުން ހިންގަން ކަނޑައަޅާ މަޝްރޫއެއް ހިންގުމުގައި ބިޑްކުރުމަކާ ނުލައި ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތަކާ ހަވާލުކޮށްގެން އެ މަޝްރޫއެއް ހިންގިދާނެ އެވެ.

މިގޮތުން މަޝްރޫއު ހަވާލުކުރެވޭއިރު އެ ފަރާތަކީ މާލީގޮތުންނާއި ފަންނީގޮތުން އެ މަޝްރޫއެއް ހިންގުމަށް އެކަށީގެންވާ ފަރާތެއްކަން ކަށަވަރު ކުރަންވާނެ ކަމަށް ބުނެފައިވެ އެވެ.

comment ކޮމެންޓް