ގޯލްޑެން ފުޓްސަލް ޗެލެންޖް: މާލޭ ދެ ޓީމު ކަޓުވާލުމަށްފަހު އޮމަދޫ، ތިމަރަފުށި ކުއާޓާއަށް

ގޯލްޑެން ފުޓްސަލްގެ ފައިނަލް ބުރުގައި ރޭ ތިމަރަފުއްޓާއި ހެންވޭރު ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ// ގޯލްޑެން ފުޓްސަލް

މިހާރު ކުރިއަށްދާ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ފައިނަލް ބުރުގެ ކުޅުން ރޭ ފެށި އިރު، މާލޭގެ ވަރުގަދަ ދެ ޓީމު ކަޓުވާލުމަށްފައު އދ. އޮމަދޫއާއި ތ. ތިމަރަފުށި ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރު ކޮށްފި އެވެ.

ހުޅުމާލޭ ރެހެންދި ޓާފުގައި ރޭ ކުޅުނު އެ މެޗުތަކުގައި އެންމެން ހައިރާން ކޮށްލުމަށްފަހު އޮމަދޫއިން އެންމެ ފަހުގެ ޗެމްޕިއަން މާފަންނު ބަލި ކުރީ 3-4 ގެ ނަތީޖާ އަކުންނެވެ. ރޭގެ މެޗުގައި އެ ޓީމުން ދެއްކި މޮޅު ކުޅުމާ އެކު އެ މޮޅަކީ ހައްގު މޮޅެއް ކަމަށް އެންމެން ވެސް ގަބޫލު ކުރި އިރު މާފަންނު އަތުން ހޯދި ބޮޑު މޮޅަށް ފަހު އޮމަދޫގެ ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ.

މުޅި މުބާރާތުގައި ވެސް ރަނގަޅު ފޯމެއް ދަމަހައްޓައި މޮޅު ކުޅުމެއް ދައްކަމުން އައި އޮމަދޫން ވަނީ ރޭގެ މެޗު ފެށި ގޮތަށް ގާތް ގާތުގައި ދެ ގޯލެއް ޖަހައި މާފަންނުގެ ޓީމު ޕްރެޝަރަށް ދުއްވާލައިފަ އެވެ. ފުޓުސަލްގެ ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ހިމެނޭ މާފަންނު ޓީމަށް ކުޅެގަނެވޭނެ ގޮތެއް ނުވެ އުޅެނިކޮށް އޮމަދޫން ޖެހި ގޯލުތަކާ އެކު އެ ޓީމުން ކުރިއަށް ޖައްސައި ހަމަލާތައް އުފެއްދޭތޯ މަސައްކަތް ކުރި އެވެ. ނަމަވެސް ލިބުނު ކޮންމެ ފުރުސަތެއްގައި އޮމަދޫން އުފައްދަމުން ދިޔަ ހަމަލާތައް އިންތިހާއަށް ނުރައްކާތެރިވުމުން މާފަންނު ކުޅެން ޖެހުނީ ވަރަށް އުނދަގުލާ އެކު އެވެ.

ފުރަތަމަ ހާފު ނިމުނީ 3-1 އިން އޮމަދޫ ކުރީގައި އޮވެގެންނެވެ. ނަމަވެސް ދެވަނަ ހާފު ފެށިގެން މެޗު ޑޮމިނޭޓްކޮށްގެން ކުޅުނީ މާފަންނުންނެވެ. މާފަންނުން ޓީމު ކުރިއަށް ޖައްސައިގެން ކުޅެ ގިނަ ހަމަލާތަކެއް އުފެއްދި އިރު އެ ބޯޅަތައް ދިފާއު ކުރުމުގައި އޮމަދޫން ވަނީ ތަފާތު މޮޅު ކުޅުމެއް ކުޅެފަ އެވެ. ހާއްސަކޮށް އެޓީމުގެ ގޯލްކީޕަރު އަބްދުﷲ ނިޔާޒް ވަނީ މުޅި މެޗުގައި ވެސް މާފަންނު ޓީމުން ފޮނުވާލި ގިނަ ހަމަލާތަކެއް ހުށިޔާރުކަމާއެކު މަތަކޮށްފަ އެވެ.

އެ ހާފުގައި އޮމަދޫން އިތުރު ގޯލެއް ޖެހި އިރު މާފަންނު ޓީމަށް ފަހަތުން އަރައި މެޗުގެ ނަތީޖާ ހަމަހަމަ ކުރެވޭ ގޮތެއްނުވި އެވެ. މާފަންނު ޓީމުން މެޗުގެ ތިން ވަނަ ގޯލު ޖެހީ މެޗުގެ ފަހު މިނެޓުގަ އެވެ.

ރޭގެ މެޗުގައި އޮމަދޫއަށް ގޯލުތައް ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މޫސާ އަރީފްއާއި އަލީ އަޒްމީ އެވެ. މި ދެ ކުޅުންތެރިން ވަނީ އެ މެޗުގައި ދެ ގޯލު ޖަހައިފަ އެވެ. މާފަންނު ޓީމުގެ ގޯލުތައް ޖަހައިދިނީ މުހައްމަދު އިމްރާން އާއި މުހައްމަދު ސުޖަން އަހުމަދު އެވެ.

އޮމަދޫއިން ކުއާޓާ ފައިނަލުގައި ވާދަކުރާނީ ރޭ މާލެގެ އެންމެ އިރުމަތީގައި އޮންނަ ހެންވޭރުގެ މައްޗަށް 4-0 އިން ކާމިޔާބު ހޯދި ތ. ތިމަރަފުއްޓާ އެވެ.

މުޅި މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދައްކާ މިހާތަނަށް ޖެހުނު ހުރިހާ ޓީމެއް ވެސް ބަލިކުރަމުން އައި ތިމަރަފުށިން ފަސޭހަކަމާ އެކު ހެންވޭރުގެ މައްޗަށް ކާމިޔާބު ހޯދިއިރު ގޯލުތައް ޖަހައިދިނީ އިބްރާހީމް އަސްވަދު (ގަބޭ) އާއި އަބްދުﷲ ޒަޔާން އަދި އަލީ ޝިފާއު (ރޮނާ) އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ތިމަރަފުށި ޓީމުގެ ގަބޭ އެވެ. ގަބޭ އަކީ މިއަހަރުގެ ކުލަބް މޯލްޑިވްސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ބީއެމްއެލް ޓީމުގައި ހިމެނޭ ކުޅުންތެރިއެކެވެ.

މީގެ އިތުރުން ވެސް ރޭ ވަނީ ފައިނަލް ބުރުގެ ފޯރި ގަދަ މެޗުތަކެއް ކުޅެފަ އެވެ. އެގޮތުން ރޭ އެންމެ ފުރަތަމަ ކުޅުނު މެޗުތަކުން އިނގުރައިދޫ އާއި އޭދަފުށި ކުރި ހޯދީ ޕެނަލްޓީ ޖަހައިގެންނެވެ.

އިނގުރައިދޫ އާއި އއ. ބޮޑުފޮޅުދޫ ވާދަކުރި މެޗުގެ ފުރިހަމަ ވަގުތު ނިމުނީ 4-4 އިން އެއްވަރުވެގެންނެވެ. މެޗު އެއްވަރުވުމުން ޖެހި ޕެނަލްޓީގައި އިނގުރައިދޫން ކުރި ހޯދީ 7-5 އިންނެވެ. އަދި ކުއާޓާ ފައިނަލުގެ ޖާގައެއް އޭދަފުށި ޔަގީންކުރީ ހދ. ނައިވާދޫއާ ކުޅުނު މެޗު ގޯލެއް ނުޖެހި އެއްވަރުވުމުން ޖެހި ޕެނަލްޓީގައި 2-1 އިން ކުރި ހޯދައިގެންނެވެ.

އޭގެ ފަހުން ކުޅުނު މެޗުތަކަށް ބަލާ އިރު ފައިނަލް ބުރުން ހަނި ގޮތަކަށް ފުރުސަތު ލިބުނު ގުރައިދޫން، ޒޯން ހަތަރެއްގެ ޗެމްޕިއަންކަން ހޯދި ދިއްގަރު 4-0 އިން ބަލިކުރި އިރު ފ.ނިލަންދޫ ބަލިކޮށް ލ.ގަން ފައިނަލަށް ދަތުރު ކުރީ 0-4 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ.

މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް މާދަމާ ރޭ ކުޅޭއިރު ސެމީ ފައިނަލްގެ ދެ މެޗު ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުގެ ރެ އެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ރެ އެވެ.

comment ކޮމެންޓް