އިމްޕޯޓާއި އެކްސްޕޯޓު އިތުރުވެ އާމްދަނީ އިތުރުވެއްޖެ

ވިޔަފާރި ބަނދަރު --- ފޮޓޯ: ކަސްޓަމްސް

މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖެ އަށް އެތެރެކުރި މުދަލާއި ރާއްޖެއިން ބެރަށް އެކްސްޕޯޓު ކުރި މުދާ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އިތުރުވެފައިވާ ކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.

ކަސްޓަމްސްއިން އާންމުކޮށްފައިވާ ސެޕްޓެމްބަރު މަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ސެޕްޓެމްބަރު މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ ސީއައިއެފް އަގު 2018 ވަނަ އަހަރާ އަޅާބަލާއިރު ވަނީ ހަތަރު ޕަސެންޓް އިތުރުވެފައެވެ.

މިއަަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެއަށް 3.8 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު ދައުލަތަށް ލިބުނު އާމްދަނީ ވަނީ 286 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއަކީ 262 މިލިއަން ރުފިޔާއެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޔޫއޭއީއިންނެވެ. އެ ގައުމުން 720 މިލިއަން ރުފިޔާގެ މުދާ އެތެރެކުރި އިރު ޗައިނާއިން 703 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ. އިންޑިއާއިން 370 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.

ރާއްޖެއަށް އިމްޕޯތުކުރި މުދަލުގެ 19 ޕަސެންޓަކީ މެޝިނަރީސް އާއި މެކޭނިކަލް އިކުއިޕްމެންޓްސް އެވެ. އިމްޕޯޓްސްގެ 16 ޕަސެންޓު ހިއްސާކުރަނީ ކާބޯތަކެތީގެ ބާވަތްތަކެވެ. އިމްޕޯޓުގެ 13 ޕަސެންޓަކީ ތެލާއި ގޭހުގެ ބާވަތްތަކެވެ.

އެކްސްޕޯޓަށް ބަލާއިރު އެކްސްޕޯޓުގެ 100 ޕަސެންޓު ހިއްސާ ކުރަނީ މަހާއި މަހުގެ ބާވަތްތަކެވެ. އެންމެ ގިނަ އަދަދަކަށް ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކޮށްފައިވަނީ ގަނޑުކުރި ކަޅުބިލަމަހެވެ. ދެން އެންމެ ގިނަ އަދަދަކަށް އެކްސްޕޯޓުކޮށްފައިވަނީ ރީނދޫ އުރަހަ ކަންނެއްޔެވެ.

ރާއްޖެއިން މަހުގެ ބާވަތްތައް އެންމެ ގިނަ އަދަދަކަށް އެކްސްޕޯޓުކޮށްފައިވަނީ ތައިލެންޑަށެވެ. ޖުމްލަ އެކްސްޕޯޓުގެ 47 ޕަސެންޓް ތައިލެންޑަށް އެކްސްޕޯޓުކޮށްފައިވާއިރު ދެން އެންމެ ގިނަ އަދަދަކަށް މުދާ ބޭރުކޮށްފައިވަނީ ފްރާންސް އަށެވެ. އެއީ ޖުލްމަ އެކްސްޕޯޓުގެ އަށް ޕަސެންޓެވެ. ދެން އެންމެ ގިނައިން މ،ުދާ އެކްސްޕޯޓު ކުރީ އިނގިރޭސިވިލާތަށާއި ޖަރުމަނަށެވެ.

comment ކޮމެންޓް