އުރީދޫ ކަލާ ރަންގައި ބައިވެރިވީތަ؟ ސުންގަޑި މާދަމާ ހަމަވަނީ

ނޮވެމްބަރ 23، 2018: އުރީދޫ ކަލާ ރަންގެ ތެރެއިން: މިއަހަރުގެ ދުވުމުގައި 5000އަށް ވުރެ ގިނަ މީހުން ބައިވެރިވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނޮވެމްބަރު މަހު ބާއްވާ އުރީދޫ ކަލާ ރަންގައި ބައިވެރިވާން ރަޖިސްޓްރީ ކުރުމަށް ހުޅުވާލި ފުރުސަތު މާދަމާއަށް ހަމަވާނެ އެވެ.

އުރީދޫ ކަލާ ރަން ބާއްވަން ހަމަޖައްސާފައިވަނީ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު ހުޅުމާލޭގަ އެވެ.

ކަލާ ރަންގެ ސުންގަޑި ހަމަވާން ކައިރިވުމާއެކު އުރީދޫއިން ވަނީ އެންމެ ފަހު ވަގުތަށް މަޑު ނުކޮށް، ވީހާ ވެސް އަވަހަށް ރަޖިސްޓްރީ ކުރުމަށް އާންމުންގެ ފަރާތުން އެދިފަ އެވެ.

އެ ދުވުމުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކަށް މައި އުރީދޫ އެޕްލިކޭޝަންގެ އުރީދޫ އީ ކޮމާސް ޕްލެޓްފޯމް ކަމަށްވާ އުރީދޫ މޫލީ މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ. އަދި ދުވުމުގެ ބައިވެރިންގެ ކިޓްތައް ރާއްޖޭގެ ކޮންމެ ސަރަހައްދަކަށް ވެސް ހިލޭ ގެންގޮސްދޭން އުރީދޫއިން ވަނީ ނިންމާފަ އެވެ.

މީގެ ކުރިން ބޭއްވި ކަލާ ރަންތަކެކޭ ވެސް އެއްފަދައިން މިއަހަރުގެ ކަލާ ރަންގައި ވެސް ތަފާތު އެކި ވަނަތައް ހޮވާނެ އެވެ. އޭގެ ތެރޭގައި އެންމެ ފެންސީ އަންހެން އަދި ފިރިހެން ދުވުންތެރިޔާ އާއި އެންމެ އެންޓަޓެއިނިންގް ދުވުންތެރިޔާ ހިމެނެ އެވެ.

ކަލާ ރަންގައި ދުވުމުގެ ހަރަކާތާއެކު މުނިފޫހިފިލުވުމުގެ އިތުރު ހަރަކާތްތަކެއް ވެސް ކުރިއަށްގެންދާނެ އެވެ. އެގޮތުން އެ ދުވަހުގެ ހެނދުނު ގުޑި މަހާސަމާއަކާއި ރޭގަނޑު މިއުޒިކް ޝޯއެއް ބާއްވާނެ ކަމަށް އުރީދޫއިން ވަނީ ބުނެފަ އެވެ.

އުރީދޫއިން މިއަހަރުގެ ޖޫން މަހު އައްޑޫ ސިޓީގައި ބޭއްވި ކަލާ ރަން އަދި މިދިޔަ އަހަރު ނޮވެމްބަރު މަހު ހުޅުމާލޭގައި ބޭއްވި ކަލާ ރަންއަށް ވެސް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ އެ ހަރަކާތުގައި 5،000 އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފަ އެވެ.

comment ކޮމެންޓް