މަހުގެ ސްޓޮކް ދެމެހެއްޓެނިވި ގޮތަށް ބެހެއްޓުމަށް ދުރާލާ ފިޔަވަޅުއަޅަން ޖެހޭ: ޒަހާ

ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަންގެ 10 ވަނަ އާންމު ބައްދަލުވުމުގައި ޒަހާ-- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

މަހުގެ ސްޓޮކް ދެމެހެއްޓެނިވި ގޮތަށް ބެހެއްޓުމަށް ދުރާލާ ފިޔަވަޅުއަޅަން ޖެހޭކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

ޕެރަޑައިސް ރިސޯޓްގައި މިއަދު ފެށި ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަންގެ 10 ވަނަ އާންމު ބައްދަލުވުމުގައި ޒަހާ ވަނީ އިންޑިއާ ކަނޑުގައި ގާނޫނާ ހިލާފަށް ރިޕޯޓްކުރުމެއް އަދި ބެލެހެއްޓުމެއް ނެތި ކުރާ މަސްވެރިކަން ހުއްޓުވުމަށް އިންޑިއާ ކަނޑުގެ ހުޅަނގު ބިތުގެ ގައުމުތަކުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަން ފާހަގަކުރައްވައިފައެވެ.

މިނިސްޓަރު ވިދާޅުވީ އިންޑިއާ ކަނޑުގެ މަހުގެ ބާވަތްތަކުގެ ސްޓޮކްގެ ހާލަތު ދައްވުމުގެ ސަބަބުން ހިފާ މަހުގެ މިންވަރު މަދުކުރުމަށް އަޅާ ކޮންމެ ފިޔަވަޅެއްގެ އެންމެ ބޮޑު ގެއްލުމަކާއި ކުރިމަތިލާންޖެހޭނީ އައްސޭރިފަށުގެ ކުދި ގައުމުތަކުން ކަމަށެވެ. އަދި މަހުގެ ސްޓޮކްތައް ދެމެހެއްޓެނިވި މިންވަރެއްގައި ބެހެއްޓުމަށް ދުރާލާ ފިޔަވަޅުތައް އަޅަން ޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން އިންޑިއާ ކަނޑުގެ ކަނޑުމަހުގެ ސްޓޮކްގެ ހާލަތު ދުވަހެއް ދުވަހަކަށް ދަށަށްދާ މައްސަލައަށް އިޝާރާތްކޮށް ޒަހާ ވިދާޅުވީ ބޮޑުދަލުގެ މަސްވެރިކަންކުރާ އުޅަނދުފަހަރުން އާދަޔާހިލާފަށް ގިނައިން ކަނޑަށް ދޫކުރާ [އޮޔާދާ ބޮއި] (ޑްރިފްޓިންގް ފެޑް)ގެ ސަބަބުން ކަޅުބިލަމަހުގެ ސްޓޮކް ހީނަރުވަމުންދާ ކަމަށެވެ.

އެހެންކަމުން އޮޔާދާބޮއި ބޭނުންކުރާ މިންވަރު މަދުކުރުމަށް ފިޔަވަޅު އަޅައި ހައިސީ ގައި ހަރަކާތްތެރިވާ އިންޑަސްޓްރިއަލް ފްލީޓް ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާ ދިއުން ހުއްޓުވުމަށް އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީގެ) ތެރެއިން މެންބަރު ގައުމުތައް ގުޅިގެން އިތުރު މަސައްކަތްތަކެއް ކުރަޖެހިފައިވާ ކަން މިނިސްޓަރު ވަނީ ފާހަގަކުރައްވައިފައެވެ.

އެކަމާ ގުޅިގެން ރާއްޖެއިން މިހާރުވެސް ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި އަލަށް އެކުލަވާލެވުނު އަލަށް އެކުލަވާލެވުނު މަސްވެރިކަމުގެ ގާނޫނުގައި " ޓްރޯލް ނެޓްސް"އާއި "ގިލް ނެޓްސް" އާއި "ޕާސް ސެއިން" ގެ މަސްވެރިކަން ރާއްޖޭ ސަރަހައްދުގައި ކުރުން މަނާބާވަތްތަކުގެ މަސްވެރިކަން ކަމަށް ކަނޑައަޅާފައި ވާކަން ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ ގައުމުތަކުގެ އިގްތިސާދީ ސަރަހައްދުގެ ތެރޭގައާއި ހައިސީސްގައި ކުރާ މަސްވެރިކަން ބަލަހައްޓައި މޮނިޓަރިކޮށް އަދި ހާއްސަކޮށް ގަވާއިދާ ހިލާފަށް ކުރާ މަސްވެރިކަން ހުއްޓުވައި އެފަދަ އުޅަނދުފަހަރާއި ފަރާތްތައް ޒިންމާދާރުކުރުމުގެ އެންމެ ބޮޑު ޒިންމާއެއް އޮތް ބަޔަކީ އައްސޭރިފަށުގެ ގައުމުތައް ކަމަށެވެ.

އެހެންކަމުން އެގައުމުތަކުގެ ކޮމިޝަންގެ މެމްބަރު ޤައުމުތަކުން އެކަމަށް ހާއްސަކަމެއްދީގެން ފިޔަވަޅުތަކެއް އަޅައި ބޭރުގެ މަސްވެރި އުޅަނދުފަހަރަށް ލައިސަންސްދޫކުރާ އެފަދަ ލައިސަންސް ދޫކުރުމުގައި އަމަލުކުރުމަށްޓަކައި މިހާރު ކޮމިޝަންއިން އެކުލަވާލާފައިވާ [މިނިމަމް ޓާރމްސް އެންޑް ކޮންޑިޝަން ގައިޑްލައިން]އަކީ މުހިއްމު ފިޔަވަޅެއްކަން ފާހަގަކޮށް އެގައިޑްލައިންގައި ހިމެނޭ ކަންތައްތައް ގައުމުތަކުން ތަންފީޒުކުރުމަށްވެސް ޒަހާ ވަނީ ގޮވާލައްވައިފައެެވެ.

comment ކޮމެންޓް