އެމްއައިބީގެ ހިއްސާ ގަނެފިންތަ؟ އާދިއްތަ ދުވަހަށް މުއްދަތު ހަމަވަނީ!

އެމްއައިބީގެ އައިޕީއޯ ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތު -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލާޔާސް

ރާއްޖޭގެ ފުރަތަމަ އިސްލާމިކް ބޭންކް މޯލްޑިވްސް އިސްލާމިކް ބޭންކުގެ ހިއްސާ ގަތުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހު ހަމަވާނެ އެވެ.

އިސްލާމިކް ބޭންކުގެ ހިއްސާ އާންމުންނަށް ވިއްކަން ނިންމާލާ ފުރުސަތު ހުޅުވާލީ މިދިޔަ ޖުލައިމަހުގެ 28 ވަނަ ދުވަހު އެވެ. މިހާތަނަށް އައިއިރު ބޭންކުގެ ހިއްސާ ގަތުމަށް ގިނަ އަދަދެއްގެ އާންމުންނާއި ކުންފުނިތަކުން އަދި ކައުންސިލްތަކުން ވަނީ ހުށަހަޅައިފަ އެވެ.

ބޭންކުގެ ބްރާންޗުތަކުންނާއި އެކި ރަށްރަށުގައި ކުރިއަށްގެންދާ ހިއްސާ ވިއްކުމުގެ ޕްރޮގްރާމުތައް މެދުވެރިކޮށް އަދި އިންފިނިޓީ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށްވެސް އެމްއައިބީގެ ހިއްސާ ގަނެވޭނެއެވެ. މީގެ އިތުރުން މ ފާމުދޭރިގޭގައި ހިއްސާ ވިއްކުމަށް ކަލެކްޝަން ސެންޓަރެއްވެސް ވަނީ ގާއިމްކޮށްފަ އެވެ.

އެމްއައިބީ އިން އާންމުންނަށް ޖުމްލަ 244 މިލިއަން ރުފިޔާގެ ހިއްސާ ވިއްކާނެއެވެ.

އެއީ އެމްއައިބީގައި ހިއްސާ އޮންނަ އިސްލާމިކް ކޯޕަރޭޝަން އޮފް ދަ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާ (އައިސީޑީ)ގެ 2.4 މިލިއަން ހިއްސާއާއި އާންމު ހިއްސާގެ 69975،000 ހިއްސާއެވެ. ހިއްސާ ވިއްކަނީ، ހިއްސާއެއް 35 ރުފިޔާގެ މަގުންނެވެ. މިއީ އެމްއައިބީގެ ހިއްސާގެ 31 ޕަސެންޓެވެ.

ކޮންމެ ފަރާތަކަށްވެސް ފުރަތަމަ ގަނެވޭނީ ހިއްސާއެއް 35 ރުފިޔާގެ މަގުން ޖުމްލަ 20 ހިއްސާއެވެ. މި އަދަދު އިތުރުކުރަން ބޭނުންނަމަ 10 ހިއްސާއިން އަދަދު އިތުރުކުރެވިދާނެއެވެ.

އެމްއައިބީގެ ހިއްސާ ވިއްކުން އެކަށައަޅައި ކުރިއަށްގެން ދަނީ އެންޑީއައިބީގެ ބައިނަލްއަގުވާމީ ތަޖުރިބާކާރުންގެ އެހީއާއި ޝާހު ހުސައިން އެންޑް ކޯގެ ގާނޫނީ ލަފާގެ މަތިންނެވެ. އޮޑިޓް ފާމެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ކޭޕީއެމްޖީއެވެ.

އެމްއައިބީގެ ހިއްސާ ވިއްކާ ޓައިމްލައިން:

  • ހިއްސާ ގަތުމަށް ހުޅުވާލި ތާރީހު: 28 ޖުލައި 2019
  • ހިއްސާ ގަތުމުގެ މުއްދަތު ހަމަވާ ތާރީހު: 22 ސެޕްޓެމްބަރު 2019
  • ހިއްސާ އެލޮޓްކުރެވޭނެ ކަމަށް ލަފާކުރާ ތާރީހު: 08 އޮކްޓޯބަރު 2019
  • ވިއްކަން ހަމަޖެހިފައިވާ ހިއްސާގެ އަދަދަށްވުރެ އިތުރުވާ ފައިސާ އަނބުރާ ރައްދު ކުރެވޭނެ ކަމަށް ލަފާކުރާ ތާރީހު: 28 އޮކްޓޯބަރު 2019
  • އެލޮކޭޓުކުރެވޭ ހިއްސާ އެމްއެސްޑީގައި ޑިޕޮސިޓް ކުރެވޭނެ ކަމަށް ލަފާކުރާ ތާރީހު: 06 ނޮވެމްބަރު 2019
  • ހިއްސާގެ ބާޒާރުގައި މުއާމަލާތް ކުރަން ފެށޭނެކަމަށް ލަފާކުރާ ތާރީހު: 06 ނޮވެމްބަރު 2019
comment ކޮމެންޓް