ރައީސް ސޯލިހް ގައިގައި ރައީސް ނަޝީދު ދަނީ ޖައްސަވަމުން: ގާސިމް

ގާސިމްއާއި ރައީސް ސޯލިހް: ނަޝީދު ދަނީ ރައީސް ސޯލިހް ގައިގައި ޖައްސަވަމުން ކަމަށް ގާސިމް ވިދާޅުވި -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ގައިގައި ރައްޔިތުންގެ މަޖިލިސް ރައީސް، ރއީސް މުހައްމަދު ނަޝީޑު ދަނީ ސިޔާސީ ގޮތުން "ޖައްސަވަމުން" ކަމަށް، ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު، ގާސިމް އިބްރާޙިމް ވިދާޅުވެއްޖެ އެވެ.

އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރެއްވި ގާސިމް ފަހަކަށް އައިސް އަންނަނީ، ނަޝީދަށް ތަކުރާރުކޮށް ފާޑުވިދާޅުވެ ބަހުގެ ހޫނު ހަމަލާތަކެއް ދެއްވަމުން އެވެ.

އެއަށް ބޮޅެއް އިތުރުކުރައްވައި، ރޭ ޖޭޕީގެ މައި އިދާރާ ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ރައީސް ނަޝީދު ދަނީ ފިތުނަ ފަސާދަ އުފައްދައި، ގައުމުގެ ހަމަ ޖެހުން ނަގާލަން މަސައްކަތް ކުރަމުން ކަމަށެވެ. އެފުރުސަތު ޖޭޕީން ނުދެއްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

"ދެން [ރައީސް ނަޝިދު] ދައްކަވާ ވާހަކަތަކުން އަޅުގަނޑަށް ފެންނަނީ، މިއަދުގެ ސަރުކާރު ހިންގަވަން ހުންނެވި ރައީސުލްޖުމްހޫރިއްޔާގެ ގާތްކޮޅަށް އެކި ގޮތްގޮތަށް ސީދާ ވިދާޅުނުވެ ޖަހަމުންދާތަން. މި ކީތް ކަން މި ވަނީ އަޅުގަނޑަކަށް ނޭނގެ [އަދި] އެތެރޭގެ ކޯޅުން ހުރި ކަމެއް،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ، މަޖިލިސް ތެރެއިންވެސް ސަރުކާރު ގޯސްކޮށް ކަންތައް ކުރާ ކަމަށް ދެއްކުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ޓެރެރިޒަމްގެ ބިލަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް މީޑިއާގައި ފާޑު ވިދާޅުވެ، ސަރުކާރާ މަޝްވާރާ ކުރެއްވުމަށް ބޭނުންވާ ކަން ވިދާޅުވުމުން ގާސިމް އެކަމަށް ވެސް ފާޑުވިދާޅުވި އެވެ.

"ކޮންމެހެން ޖެހޭބާއޭ މުޅި ރައްޔިތުންގެ މެދުގައި އެކަން ފާޅުކޮށް، ފެންނަ ގޮތަށް ނުވަތަ މީޑިއާ ކުރިމަތީ އެވާހަކަ ދައްކަވަން. އެ ޕާޓީގެ ޕީޖީ ލީޑަރު ދައްކަވަން ބޭނުންވާ ވާހަކައެއް ސީދާ ރައީސުލްޖުމްހޫރީއްޔާއަށް ގުޅުއްވާފައި އެ ވާހަކަ ދެއްކެވޭނެ ދެއްތޯ. 65 މެމްބަރުންގެ ލީޑަރު ވާހަކަ މި ދައްކަނީ،" އެމްޑީޕީ ޕީޖީ ލީޑަރު އަލީ އާޒިމަށް ފާޑު ވިދާޅުވަމުން ގާސިމް ވިދާޅުވި އެވެ.

"އެހެންވީމަ މިކުރާ ކަންތަކުގައި އަދި އެހެން ކޮންމެވެސް ތާސީލެއް އެބަ އުޅޭ. އެ ތާސިލަކީ، ކޮބާތޯ. މި ކޯއްޗެއްތޯ ހޯދަން މިއުޅޭނީ، ކިހިނެތްތޯ މިވަނީ، ބަލަ ސިޔާސީ ގޮތުން ވިސްނާ ފިކުރު ކުރާ މީހުންނާއި ގައުމެއްގައި ހަމަ ވިސްނައި ނަަޒަރު ހިންގާ މިހުންނަށް އެނގޭނެ މިދަނީ ރަނގަޅަށް ނޫންކަން. އައްޗިއްޗީ ކިޔާފައި ކޮންމެވެސް އެހެން ކަމެއް މިދަނީ،" ގާސިމް ވިދާޅުވި އެވެ.

ޓެރެރިޒަމްގެ ބިލަށް ފާޑު ވިދާޅުވެ އިއްޔެ އާޒިމް "ސަން" އަށް ވިދާޅުވީ، ބިލާ ގުޅިގެން އެމްޑީޕީގެ މެމްބަރުންގެ ކަންބޮޑުވުން އެބަހުރި ކަމަށާއި އެ ކަންބޮޑުވުންތަކާ ގުޅިގެން އެޓާނީ ޖެނެރަލް އާއި ފުލުހުންނާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ސަރުކާރު ގޯސްކޮށް ކަންތައް ކުރުން މިއަދު ކުޑަކަމެއްގެ ގޮތުގައި ރައްޔިތުންނަށް ހީވެދާނެ ކަމަަށާއި ނަމަވެސް އެކަންތައް އިތުރުވާނަމަ އެއީ "ވަރަށް ބޮޑު އުދަގުލަކަށް" ވާނެ ކަމަށެވެ.

"ކޮންމެހެން މި ސަރުކާރުގެ ސްޓެބިލިޓީއާއި މިގައުމުގައި އޮތް ހަމަޖެހުމާއި އަމާންކަން ނަގާލަން ގޮތްގޮތަށް ވާހަކަ ދައްކައިގެން، އަޅުގަނޑުމެން އަރި އަރި މައްޗަށް ޖައްސައިގެން އެއީ ކުރަން ހެޔޮވާވަރު ކަމެއް ނޫން،" ރައީސް ސޯޅިހް ގާނޫނު އަސާސީއާ ހިލާފަށް އެއްވެސް ކަމެއް މިހާތަނަށް ކޮށްފައި ނުވާއިރު، އެގޮތަށް އަމަލުކޮށްގެން ނުވާނެކަން ފާހަގަ ކުރައްވަމުން ގާސިމް ވިދާޅުވި އެވެ.

ރައީސް ނަޝީދަށް ފާޑު ވިދާޅުވެ ވާހަކަ ދައްކައްވަމުން ގާސިމް ވިދާޅުވީ، ރާއްޖޭގައި އިސްލާމް ދީން އޮތުމުން އެމަނިކުފާނު ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

"އިސްލާމްދީން ރާއްޖޭގައި އޮތުމާ މެދު ބަޔަކު ކަންބޮޑުވެގެން އުޅޭކަން. މީހަކު ކަންބޮޑުވެގެން އުޅޭކަން. މިއީ ވަރަށް ދެރަކަމެއް. އެމީހަކީ ކާކު ކަން ކޮށި ކުޑަ ކޮށްލާފައި ދަންނަވާ ނަމަ، އެއީ ރައްޔިތުންގެ މަޖިލިސް ރައީސް ރައީސް މުހައްމަދު ނަޝީދު." ގާސިމް ވިދާޅުވި އެވެ.

comment ކޮމެންޓް