ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު "ތިބާ ސައިކޮލޮޖީ" ކުލިނިކް ރަސްމީގޮތުން މިރޭ ހުޅުއްވައިދެއްވައިފި އެވެ.
ނަފްސާނީ ބަލިތަކަށް ފަރުވާދޭން ހާއްސަކޮށް ހުޅުވި މި ކްލިނިކް ހުންނަނީ، މާފަންނު ފްލެމިންގޯ ގޭގަ އެވެ.
މި ކްލިނިކު ރަސްމީގޮތުން ހުޅުއްވައިދެއްވުމަށް ފަހު ފަސްޓް ލޭޑީ، ފަޒްނާ ވިދާޅުވީ، ނަފްސާނީ ބަލިތަކާ ގުޅޭ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތައް ގުޅިގެން ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރަން އެދިވަޑައިގަންނަވާ ކަމަށެވެ.
ނަފްސާނީ ބަލިތައް ޝިކާރައަކަށް ވެފައިވާ ފަރާތްތަކަށް ފަރުވާދިނުމަށް ހަރަކާތްތެރިވާ ފަރާތްތައް މުޖުތަމައުގައި އިތުރުވަމުން އަންނަކަން ފާހަގަކުރައްވައި އެއީ އުފާކުރައްވާ ކުރިއެރުމެއްކަަމަށް ވިދާޅުވި އެވެ. އަދި ތިބާ ކްލިނިކްގެ އެންމެހާ ފަރާތްތަކަށް މަރުހަބާ ވިދާޅުވަމުން ފަސްޓް ލޭޑީ ވަނީ އެ ކްލިނިކްގެ ކާމިޔާބަށް އެދިވަޑައިގެންފަ އެވެ.
ކްލިނިކް ހުޅުއްވައި ދެއްވުމަށް ފަހު ފަޒްނާ ވަނީ، ކްލިނިކްގެ ވެބްސައިޓުވެސް އިފްތިތާހު ކޮށްދެއްވާފަ އެވެ. އަދި އެކަމަނާ ވަނީ ކްލިނިކުގައި ފަރުވާދިނުމަށް ގާއިމުކޮށްފައިވާ ތަންތަން ބައްލަވާލައްވާފަ އެވެ.