ހޮންކޮންގެ ފުލުހުން ދިފާއު ކުރުމުން، މުލާން ބޮއިކޮޓް ކުރަން ގޮވާލާ ކެމްޕޭނެއް ފަށައިފި

ޑިޒްނީގެ މުލާން ރީމޭކް ބޮއިކޮޓް ކުރަން ގޮވާލާ ކެމްޕޭނެއް ވަނީ ފަށާފަ -- ފޮޓޯ: ޑިޒްނީ

ހޮންކޮންގް (އޮގަސްޓު 17): ޑިޒްނީގެ އެނިމޭޓެޑް ފިލްމު މުލާންގެ ލައިވް-އެކްޝަން ރީމޭކްއިން ފެނިގެންދާ އެކްޓްރެސް ހޮންކޮންގްގެ ފުލުހުން ދިފާއުކޮށް ވާހަކަ ދެއްކުމުން، މުލާން ބޮއިކޮޓް ކުރަން ގޮވާލާ ކެމްޕޭނެއް ސޯޝަލް މީޑިއާގައި ފަށައިފި އެވެ.

މުލާންއާ ދެކޮޅަށް އެކެމްޕެއިން ފެށީ، އެމެރިކާގެ ރަށްވެހިކަން އޮންނަ ޗައިނާ ދަރިކޮޅުގެ ލޫ ޔީފެއި ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ހޮންކޮންގް ފުލުހުންނަށް ތާއިދު ކުރާ ކަމަށް ބުނުމުންނެވެ. އެގޮތުން ޔީފެއި ވަނީ ޗައިނާ ސަރުކާރުގެ ނޫހެއް ކަމަށްވާ ޕީޕާލްސް ޑެއިލީން ޕޯސްޓުކޮށްފައިވާ މެސެޖެއް ޝެއާކޮށްފަ އެވެ.

"އަހަރެންވެސް ހޮންކޮންގް ފުލުހުންނަށް ތާއިދު ކުރަން. އެހެންވީމާ އަހަރެންގެ ގައިގައިވެސް ތަޅައިގަނޭ،" އެމެސެޖުގައިވެ އެވެ.

އެއީ ހޮންކޮންގް އެއާޕޯޓުގައި މުޒާހަރާ ކުރަމުން ދިޔަ ބަޔަކު މިދިޔަ ހަފްތާ ތެރޭގައި ޗައިނާގެ ގްލޯބަލް ޓައިމްސްގެ ނޫސްވެރިއަކަށް ހަމަލާ ދިނުމާ ގުޅިގެން ޕީޕަލްސް ޑެއިލީން ހިއްސާ ކުރި މެސެޖެކެވެ.

ޔީފެއި އެޕޯސްޓް ޝެއާ ކުރުމުން ޗައިނާގެ ސޯޝަލް މީޑިއާއިން ގިނަ ބަޔެއްގެ ތާއިދު އޭނާއަށް ލިބުނެވެ. ނަމަވެސް ޗައިނާގައި މަނާކޮށްފައިވާ ޓުވިޓާގައި މުލާން ބޮއިކޮޓް ކުރުމަށް އެތައް ހާސް މީހުން ގޮވާލަން ފެށި އެވެ. އަދި ޓުވިޓާ ބޭނުން ކުރާ ފަރާތްތަކުން ވަނީ އެއީ ފުލުހުންގެ އަނިޔާވެރިކަމަށް ތާއިދު ކުރުން ކަމަށް ބުނެ ޔީފެއިއަށް ފާޑު ކިޔާފަ އެވެ.

މުލާންގެ ރީމޭކް ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ މާޗު މަހުގަ އެވެ.

ހޮންކޮންގްގައި މިދިޔަ އޭޕްރިލް މަހު މުޒާހަރާތައް ފެށީ ސަރުކާރުން ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅި "ކުށްވެރިން ބަދަލު ކުރުމާ ބެހޭ ބިލާ" ގުޅިގެންނެވެ. އެބިލު ފާސް ކުރި ނަމަ ހޮންކޮންގްގައި ތިބޭ ކުށުގެ ތުހުމަތު ކުރެވޭ މީހުން ޗައިނާއާ ހަވާލު ކުރެވޭނެ އެވެ.

އަދި އެބިލާ ދެކޮޅަށް ވަރުގަދަ މުޒާހަރާތައް ފެށުމުން ހޮންކޮންގް ލީޑަރު ކެރީ ލާމް ވަނީ ބިލް ފާސް ކުރުން ފަސްކޮށްފަ އެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން ދަނީ ބިލް އެއްކޮށް އުވާލުމަށާއި ލާމްގެ އިސްތިއުފާއަށް ގޮވާލާ މުޒާހަރާ ކުރަމުންނެވެ. އަދި އެފަރާތްތަކުން ވަނީ މުޒާހަރާތަކުގައި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރަމުންދާ ކަމަށާއި ފުލުހުން ކުރަމުންދާ އަނިޔާތަކަށް އެމީހުން ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށް ބުނަމުންނެވެ.

comment ކޮމެންޓް